ދުބާއީ، ޔޫއޭއީ (އޮގަސްޓް 29) - އޯލްރައުންޑަރު ހާޑިކް ޕާންޑިޔާގެ މޮޅު ކުޅުމާ އެކު ޕާކިސްތާން ފަސް ވިކެޓުން ބަލިކޮށް އޭޝިއާ ކަޕް ކްރިކެޓް މުބާރާތުގެ ފެށުން އިންޑިއާ އިން ރަނގަޅުކޮށްފި އެވެ.
އޭޝިއާ ކަޕްގައި މިފަހަރު ހަ ގައުމަކުން ވާދަކުރެ އެވެ. ދެ ގްރޫޕަކަށް ޓީމްތަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕަކުން ވެސް ގަދަ ދެ ކޮލިފައިވާނީ ދެ ވަނަ ބުރަށެވެ. ދެ ވަނަ ބުރުގައި ރައުންޑް ރޮބިން އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލަށް ކޮލިފައިވާނެ އެވެ.
ޓީ20 ފޯމެޓްގައި މިވަގުތު އެންމެ ފޯމުގައި އޮތް ދެ ޓީމުގެ މެޗުގެ ޓޮސް ދިމާވުމުން އިންޑިއާ އިން ގަސްތުކުރީ އުކުމަށެވެ.
ޕާކިސްތާނުން ކުޅެން އަރާ 19.5 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 147 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 42 ބޯޅައިން 43 ލަނޑު ހެދި މުހައްމަދު ރިޒުވާން އެވެ. މީގެ އިތުރުން އިފްތިކާރު އަހުމަދު 22 ބޯޅައިން 28 ލަނޑު ހެދި އެވެ. އިންޑިއާ ޓީމުގެ އުކުންތެރިން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި ބުވްނޭޝްވަރު ކުމާރު 4 އޯވަރުގައި 26 ލަނޑަށް 4 ވިކެޓު ނެގި އެވެ. މުހިންމު ވިކެޓުތަކެއް ނެގި ޕާންޑިޔާ ވަނީ 4 އޯވަރުގައި 25 ލަނޑަށް 3 ވިކެޓު ނަގައިފަ އަވެ.
އިންޑިއާ އިން ކުޅެން އަރައި ފުރަތަމަ އޯވަރުގައި ކޭއެލް ރާހުލްގެ ވިކެޓު ގެއްލުނެވެ. ދެން ކުޅެން ނުކުތް ވިރާތު ކޯލީ 34 ބޯޅައިން 35 ލަނޑު ހެދި ނަމަވެސް ކެޕްޓަން ރޯހިތު ޝަރުމާ އަށްވެސް މާ އެދެވޭ ކުޅުމެއް ނުދެއްކި 12 ލަނޑަށްފަހު ނުބައިވި އެވެ. އިންޑިއާ ޓީމަށް މެޗުގައި އުއްމީދެއް ގެނެސްދިނީ ދެ އޯލްރައުންޑަރުން ކަމަށްވާ ރަވިންދްރަ ޖަޑޭޖާ އާއި ހާދިކް ޕާންޑިޔާ އެވެ.
ޖަޑޭޖާ ވަނީ 29 ބޯޅައިން 35 ލަނޑު ހަދާފަ އެވެ. 12 ބޯޅައިން 21 ލަނޑު ބޭނުންވެފައި އޮއްވާ ޕާކިސްތާން ޓީމް ރޮއްވާލީ ހާދިކް އެވެ. އެ ގޮތުން، 19 ވަނަ އޯވަރުގައި 3 ފަހަރު ހަތަރަކަށް ޖަހައި އޭނާ އިންޑިއާ އަށް ފުރުސަތު ބޮޑުކޮށްދިނެވެ. ފަހު އޯވަރުގައި ހަޔަކަށް ޖެހި ބޯޅައާ އެކު މެޗުން އިންޑިއާ މޮޅުކޮށްދިނެވެ.
ޕާކިސްތާން ޓީމުން އެންމެ އުކީ 3.4 އޯވަރުގައި 33 ލަނޑަށް 3 ވިކެޓު ނެގި މުހައްމަދު ނަވާޒު އެވެ. އަދި ނަސީމް ޝާހު ވަނީ 4 އޯވަރުގައި 27 ލަނޑަށް 2 ވިކެޓު ނަގާފަ އެވެ.
އޭޝިއާ ކަޕްގެ ގްރޫޕް ބީގައި އަފްގާނިސްތާނުން ވަނީ ސްރި ލާންކާގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފަ އެވެ. އަށް ވިކެޓުން އަފްގާނިސްތާން މޮޅުވި މި މެޗުގައި ފުރަތަމަ ކުޅެން އަރާ 19.4 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ލަންކާ އަށް ހެދުނީ 105 ލަނޑެވެ.
ޖަވާބުގައި އަފްގާނިސްތާނުން ކުޅެން އަރާ 10 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން 106 ލަނޑު ހަދާ މެޗު ކާމިޔާބުކުރި އެވެ.
މުބާރާތުގެ ކުޅުން ދެން އޮންނާނީ މާދަމާ އެވެ. މާދަމާ ކުޅޭ މެޗުގައި އަފްގާނިސްތާނުން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.












