އިމާރާތްކުރުމަށާއި ސިނާއީ އެހެނިހެން މަޝްރޫއުތަކަށް ހުއްދަ ނުނަގައި ބިމުން ފެން ނަގައި އެ ފެން ބޭރުކުރާ ނަމަ، އެއް މިލިއަން ރުފިޔާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި އެވެ.
އެކަމާ ގުޅޭ ގަވައިދަށް އެންވަޔަރަމަންޓް މިނިސްޓްރީން ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ހުއްދަ ނެގުމަކާ ނުލައި ނުވަތަ ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމަކާ ނުލައި ބިމުން ފެން ނަގައި ފެން ބޭރުކޮށްފިނަމަ، މަސައްކަތް ކުރި ކޮންމެ ދުވަހަކަށް 40،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
މިގޮތުން، އެންމެ ގިނަވެގެން ޖޫރިމަނާ ކުރެވޭނީ އެއް މިލިއަން ރުފިޔާއާ ހަމައަށް ކަމަށް ވެސް ގަވައިދުގައި ވަނީ ކަނޑައަޅައިފަ އެވެ.
މީގެ އިތުރުން، ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން މި ގަވާއިދާ ހިލާފަށް އެއްވެސް އަމަލެއް ކޮށްފިނަމަ، އެފަދަ ފަރާތެއްގެ އަދަބަކީ އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި އެކަން ކުރި 5،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ގަވައިދު ވަނީ އިސްލާހުކޮށްފަ އެވެ.
ހުއްދަ ނެގުމަކާނުލައި ބިމުން ފެން ނަގައި ފެން ބޭރުކުރުމަށްފަހު ހުއްދައަށް އެދި ހުށަހަޅައިފިނަމަ ހުއްދަ ދެވޭނީ، ހުއްދަ ނެގުމަކާ ނުލައި ބިމުން ފެން ނަގައި ފެން ބޭރުކުރި މުއްދަތަށްވާ ޖޫރިމަނާ ދެއްކުމުން ކަމަށް ވެސް ގަވައިދުގައި ބުނެ އެވެ.
އަދި ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުން ހުއްދަ އިތުރު ކުރުމަކާނުލައި ބިމުން ފެން ނަގައި ފެން ބޭރުކޮށްފައިވާނަމަ، ހުއްދައިގެ މުއްދަތު އިތުރު ކޮށްދެވޭނީ ވެސް ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު ބިމުން ފެން ނަގައި ފެން ބޭރުކުރި މުއްދަތަށް ޖޫރިމަނާއެއް ވާނަމަ އެ ޖޫރިމަނާ ދެއްކުމުން ކަމަށް ވެސް ގަވައިދުގައި މިހާރު ވަނީ ކަނޑައަޅައިފަ އެވެ.











