ޓިއުރިން (އޮގަސްޓް 28) - އިޓާލިއަން ލީގުގައި ރޭ ރޯމާ އާއި ޔުވެންޓަސް 1-1 އިން އެއްވަރުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނުން 2-0 އިން ބޮލޯނިއާ ބަލިކޮށް ދެ ވަނަ މޮޅު ހޯދައިފި އެވެ.
ރޭގެ ނަތީޖާތަކަށް ފަހު އިޓާލިއަން ލީގުގެ ތާވަލުގެ އެންމެ ކުރީގައި އޮތް ހަތަރު ޓީމު ވެސް ވަނީ ޕޮއިންޓް އެއްވަރުވެފަ އެވެ. އެއް ވަނައިގައި އޮތް މިލާނާއި ދެ ވަނައިގައި އޮތް ލާޒިއޯ، ތިން ވަނައިގައި އޮތް ޓޮރީނޯ އަދި ހަތަރެއްގައި އޮތް ރޯމާ އަށް ވެސް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ނަޕޯލީ އާއި ހަ ވަނައިގައި އޮތް އިންޓަ މިލާނަށް ތިން މެޗުން ހަ ޕޮއިންޓް ލިބުނުއިރު، ހަތް ވަނައިގައި ޔުވެންޓަސް އޮތީ ތިން މެޗުން ފަސް ޕޮއިންޓް ހޯދައިފަ އެެވެ.
ޔުވެންޓަސްގެ އަލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ދެ ވަނަ މިނިޓްގައި ޔުވެންޓަސް އަށް ލީޑުނަގައިދިނީ ޑޫސާން ވްލަހޯވިޗް އެވެ. އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން ވްލަހޯވިޗް ޖެހި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެެވެ. ޔުވެންޓަސް އަށް ލީޑުފުޅާކޮށްދޭން ހުއާން ކުއަޑްރާޑޯ ޖެހި ބޯޅަ ރޯމާގެ ކީޕަރު ރުއީ ޕެޓްރީޝިއޯ ވަނީ މަތަކޮށްފަ އެެވެ.

ރޯމާގެ ޑިބާލާ ޔުވެންޓަސްގެ ލޮކަޓެލީ ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
މެޗުގެ 25 ވަނަ މިނިޓްގައި ޔުވެންޓަސްގެ މެނުއަލް ލޮކަޓެއްލީ އެ ޓީމަށް ދެ ވަނަ ގޯލެއް ޖެހި ނަމަވެސް އެ އެޓޭކް ފެށިއިރު، ވްލަހޯވިޗް އަތުން ބޯޅަ ކޮންޓްރޯލް ކޮށްފައިވާތީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ގޯލެއް ނޫން ކަމަށެވެ.
ރޯމާ އިން އެއްވަރުކުރީ މެޗުގެ 69 ވަނަ މިނިޓްގައި ޓަމީ އަބްރަހަމް ޖެހި ގޯލުންނެވެ. މިއީ ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ރޯމާގެ ޕައޮލޯ ޑިބާލާ ވެއްޓިގެންފައި ފޮނުވާލުމުން ގޯލު ކުރިމަތިން ފުންމައިގެން އަރައި އަބްރަހަމް ބޮލުން ޖެހި ގޯލެކެވެ. އޭގެ ފަހުން މެޗުން މޮޅުވާން ރޯމާ އިން ގިނަ އެޓޭކްތަކެއް ކުރިއިރު ގޯލަކަށް ހަދައިނުލެވުނެވެ.
މިލާން ދަނޑުގައި ރޭ ކުޅުނު މެޗުގެ 21 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިިދިނީ ރަފައެލް ލެއާއޯ އެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ އެއް ލެއާއޯ ވަނީ ހަމަޖެހިލާފައި ތިރިތިރިން ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފުގައި ލެއާއޯ ދެ ވަނަ ގޯލެއް ޖަަހަން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް އޭނާ ފޮނުވާލި ބޯޅަތައް ހުއްޓުވުމުގައި ބޮލޯނިއާ ކީޕަރު ލޫކަސް ސްކޮރުޕްސްކީ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ދެ ވަނަ ގޯލެއް ޖަހަން މިލާނުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 58 ވަނަ މިނިޓްގަ އެވެ. ލެއާއޯ އޭރިއާތެރެއަށް މަތިން ޖައްސާލި ބޯޅައެއް އޮލިވިއޭ ޖިރޫޑް ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.












