ރިޕޯޓުށަވިޔަނި ޝަވިޔަންޏަށް، ޏަވިޔަނި ޔަވިޔަންޏަށް، ހާސްކަމެއް ނެތް؟!

ށަވިޔަނި ޝަވިޔަންޏަށް، ޏަވިޔަނި ޔަވިޔަންޏަށް، ހާސްކަމެއް ނެތް؟!

"ށ"ގެ އަޑު ދިވެހި ބަހުން ގާތްގަނޑަކަށް ގެއްލިއްޖެއޭ ހިތަށް އަރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މީހުން ވާހަކަ ދައްކާއިރު ވެސް ށ ގެ އަސްލު ނީވޭތާ އެތައް ދުވަހެއްވީއިރު ޓީވީ އާއި ރޭޑިއޯއިން ވެސް އިވެނީ ށ ގެ އަސްލު އަޑެއް ނޫނެވެ.

ށަވިޔަނި ޝަވިޔަންޏަށް، ޏަވިޔަނި ޔަވިޔަންޏަށް، ހާސްކަމެއް ނެތް؟!

"ށ"ގެ އަޑު ދިވެހި ބަހުން ގާތްގަނޑަކަށް ގެއްލިއްޖެއޭ ހިތަށް އަރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މީހުން ވާހަކަ ދައްކާއިރު ވެސް ށ ގެ އަސްލު ނީވޭތާ އެތައް ދުވަހެއްވީއިރު ޓީވީ އާއި ރޭޑިއޯއިން ވެސް އިވެނީ ށ ގެ އަސްލު އަޑެއް ނޫނެވެ.

ހަގީގަތުގައި ދިވެހި ބަހުން ގެއްލިގެން އުޅެނީ އެންމެ އަޑެއް ވެސް ނޫނެވެ. އެތައް އަޑެއް ގެއްލުނު އިރު ބަހުގެ އޮނިގަނޑުވެސް މިހާރު ވަނީ އޮޅުންބޮޅުންވާން ފަށައިފަ އެވެ.

ޓީޗަރެއްގެ ގޮތުގައި އަދި ލެކްޗަރާއެއްގެ ގޮތުގައި ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ވެސް ދިވެހި ބަސް ކިޔަވައިދެއްވުމުގައި ވަރަށް ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އާދަމް ޒާހިރު (މަޝްހޫރު ނަމުން ނަމަ ކުރޮޅި އާދަމް ޒާހިރު) ވިދާޅުވީ ދިވެހި ބަހުގެ ބައެއް އަޑުތައް ބައެއް މީހުން މިހާރު "މުޅިން ދޫކޮށްލައިފި" ކަމަށެވެ.

"މިހާރު އަހަންމިއްޔަތުކަން ދެނީ އެހެން ބަސްތަކުގެ އަޑުތަކަށް. އެއަޑުތައް ނުލެއްވިއްޖެއްޔާ ދެން ވަރަށް ބޮޑަށް ދަށްވީ އެ. އެހެންވެގެން އަޑުތައް ގެއްލެނީ. އަޑުތައް ގެއްލެނީ ގަސްދުގައި އަޑުތައް ދޫކޮށްލާތީވެ،" އޭނާ ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބަހުގެ މާހިރެއް (ލިންގްއިސްޓެއް) ކަމަށްވާ އާމިނަތު ޒާހިރު ވިދާޅުވި ގޮތުގައި އެއީ ހީއެއް ނޫނެވެ.

"އާދެ، ށަވިޔަނީގެ އަޑު ހަމަ އެއްކޮށް ގެއްލިއްޖެ ނޫންތޯ؟" މި ރިޕޯޓަށް މައުލޫމާތުކޮޅެއް ހޯދަން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވި އެެވެ.

ށަވިޔަނީގެ އަޑު ގެއްލިއްޖޭ ބުނީމާ ކިޔަވާ އުމުރުގެ ކުދިންނަށް މިހާރު އެވާހަކަ ފަހުމްވެސް ނުވެދާނެ އެވެ. ށަވިޔަނީގެ އަޑުގެ ބަދަލުގައި ގިނަ މީހުން މިހާރު ނެރޭ އަޑަކީ ޢަރަބިބަހުގެ ޝީނުގެ އަޑު ނުވަތަ އިނގިރޭސީބަހުގެ އެސްއެޗްގެ އަޑެވެ. އެކަމަކު ހަގީގަތުގައި "ށ"ގެ އަޑަކީ ސީނަކާއި ރާއެއް އެކުވާ، ދިވެހިބަހުގެ ޚާއްސަ އަޑެކެވެ.

އާމިނަތު ޒާހިރު ވިދާޅުވި ގޮތުގައި ށަވިޔަނީގެ އަޑު ގެއްލުމުގެ އިތުރުން ޏަވިޔަނީގެ އަޑުވެސް ވަނީ ގެއްލެން ފަށައިފަ އެވެ. މިހާރު ބައެއް ކުދިންނާއި ބައެއް ބޮޑެތި މީހުން ވެސް ޏަވިޔަނި އޮންނަ ތަންތަނަށް ނެރެނީ ޔާގެ އަޑެވެ.

ދިވެހިބަހުގެ ބައެއް އަޑުތައް މިގޮތަށް ގެއްލޭ ސަބަބެއް ބަލަން އިލްމީ ދިރާސާއެއް އަދި ކޮށްފައެއް ނެތެވެ. އެކަމަކު ލަފާ ކުރެވޭ ސަބަބެއް އެބަ އޮތެވެ. އެއީ މީސްމީޑިއާގެ ވަސީލަތްތަކުގައި ތާނައިން ލިޔަން ފެށުމުގެ ކުރިން އެންމެން ވެސް ބޭނުންކުރަމުން އައި ލެޓިންގެ އަކުރުތަކުން ލިއުމުގެ ތެރެއިން އައި ކަމަކަށް ވުން ގާތެވެ. ދިވެހިބަސް ލެޓިނުން ލިޔަން ވަކި އުސޫލެއް އޮތް ނަމަވެސް ވައިބާ ގްރޫޕްތަކާއި ސޯޝަލް މީޑިއާގެ އެހެން ވަސީލަތްތަކުގައި ގިނަ ބަޔަކު ލެޓިނުން ލިޔަން ފެށީ އެ އުސޫލަކުން ނޫނެވެ.

"އެއަށް ރިސާޗެއް ނެތް، ކީއްވެގެންތޯ މި ގެއްލެނީ. އެކަމަކު އަޅުގަނޑަށް ފާހަގަކުރެވޭ އެއް ކަމަކީ ލެޓިނުން ލިއުމުގައި އެމީހުންނަށް ފަސޭހަވާ ގޮތަށް ލިއުނީމާ އެ އަޑުން މިކިޔަނީ. އެހެންވީމާ އެ އަޑު އެ ގެއްލެނީ. ދެން އެންމެންނަށް ވެސް ދޭހަވޭ. ދޭހަވީމާ އެ ނިމުނީކަމަށް ބަލައިގެން މި ދަނީ،" އާމިނަތު ވިދާޅުވި އެވެ.

އާދަމް ޒާހިރު ވިދާޅުވި ގޮތުގައި ބަހެއްގެ އަޑެއް ގެއްލުމަކީ އެހާ އާދައިގެ ކަމެއް ނޫނެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ވަރަށް ސީރިއަސް މައްސަލައެކެވެ.

"އެއީ ވަރަށް ބޮޑު މައްސަލައެއް. އެއީ އަކުރުގެ އަޑެއް ނޫން އޮންނަނީ. އަޑަށް އަކުރު އޮންނަނީ. އެއީ ބަހެއްގައި ފުރަތަމަ އޮންނާނީ އަޑުތައް. ބަސްބަހުން ވާހަކަ ދައްކާ ކިތަންމެ ގައުމެއް އެބަ އޮތް ލިޔާނެ އަކުރެއް ނެތް. އޭގެ މާނައަކީ އަކުރު ހެދީމާތާ އަކުރު އޮންނާނީ. މާދަމާ ބޭނުމިއްޔާ ލެޓިން އަކުރަށް ވެސް ދިވެހި ބަސް ބަދަލުކޮށްލެވިދާނެ. ބަހުގެ މުހިއްމު އެއްޗަކީ އަޑު. އެހެންވީމާ އަޑު ދަސްކޮށް ނުދެންޏާ އެއީ ވަރަށް ބޮޑު މައްސަލައެއް." އޭނާ ވިދާޅުވި އެވެ.

އާދަމް ޒާހިރު ދެކެވަޑައިގަންނަވާ ގޮތުގައި އަޑުތައް ގެއްލެންޏާ ބަސް ހަލާކުވާނެ އެވެ. އެހެންވީމާ މިއީ ކުރިން ހީކުރެވުނު ވަރަށް ވުރެެ މާ ސީރިއަސް މައްސަލައެކެވެ. އޭނާ ވިދާޅުވި ގޮތުގައި ދިވެހި ބަހުގެ ބައެއް އަޑުތައް ގެއްލުނީ ހަމަ އެކަނި މިޖީލުގެ ކިޔަވާ ކުދިންނަށް އެކަންޏެއް ނޫނެވެ. ކިޔަވައިދޭން އުޅޭ ބައެއް މީހުން ވެސް ވަނީ ދިވެހި ބަހުގެ ބައެއް އަޑުތައް ދޫކޮށްލައިފަ އެވެ.

ދިވެހި ބަހަށް ހުރި ބައެއް ގޮންޖެހުން

މިޖީލުގެ މީހުންނާއި ކުދީން ވެސް ދިވެހި ބަހުން ވާހަކަ ދެއްކުމުގައި ކޮރުކަމެއް ހުރުމުގެ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ބަހުގެ އޮނިގަނޑަށް އަންނަމުން މިދާ ބަދަލެވެ. އެހެން ގޮތަކަށް ބުނާ ނަމަ ވާހަކަ ދެއްކުމަށްޓަކައި ވިސްނާ ގޮތެވެ. އެ ބަދަލުގެ އަސްލަކީ ރާއްޖޭގައި މިހާރު އެންމެ ނުފޫޒު ގަދަ ބަހަށް ވަމުން އަންނަ އިނގިރޭސި ބަހެވެ.

"ހަގީގަތުގައި ގިނަ ކުދިންގެ މާދަރީ ބަހަކީ ދިވެހި ބަސްތޯ އިނގިރޭސިބަސްތޯ ވެސް ސުވާލު އުފެދޭ ހިސާބުގައި އަސްލު މިއުޅެނީ. އެހެންވީމާ ކުދިން އަސްލު ވިސްނަނީ އިނގިރޭސި ބަހުގެ އޮނިގަނޑަށް. ދިވެހި ބަސް ލިއުމުގައި ވެސް. އެހެންވީމާ ކުދިންގެ ދެވަނަ ބަހެއްގެ ގޮތުގައި ވިސްނުން އެބަ ގެންގުޅޭ ދިވެހި ބަހާ މެދުގައި،" އާމިނަތު ޒާހިރު ވިދާޅުވި އެވެ.

އެގޮތަށް ކަންތައް ވާތީ ވާހަކަދެއްކުމުގައި އަދި ލިއުމުގައި ވެސް ޖުމްލަތައް އަތުރަނީ އިނގިރޭސިބަހުގެ އޮނިގަނޑާ އެއްގޮތަށެވެ. ދިވެހިބަހުގެ އޮނިގަނޑެއް ހަގީގަތުގައި ނުހިފެހެއްޓެ އެވެ.

"އެހެންވީމާ ވިސްނަނީ އިނގިރޭސިބަހުން. ދިވެހިބަހާ އިނގިރޭސިބަހުގެ އޮނިގަނޑަކީ މުޅިން ތަފާތު ދެ އޮނިގަނޑެއް،" އޭނާ ވިދާޅުވި އެވެ.

މީގެ އެއް މިސާލަކީ "ސްކޫލުން ދަރިފުޅު ގޮވައިގެން އަންނަ" ވާހަކަ ބުނަން، "ދަރިފުޅު ނަގައިގެން އެބަ އަންނަމޭ" ބުނާ ބުނުމެވެ. މިއީ ދިވެހި ބަހުގެ އުސޫލުގެ ބަދަލުގައި އިނގިރޭސިބަހުގެ އުސޫލުން ބުނާ ޖުމްލައެކެވެ.

"ބަހުގެ އަސްލު ވަރަށް ބޮޑަށް ގެއްލިގެންދާ ކަންތައްތައް އެހުންނަނީ ވެސް،" ބަހުގެ އޮނިގަނޑަށް އަންނަ ބަދަލާ ގުޅޭ ގޮތުން އާމިނަތު ޒާހިރު ވިދާޅުވި އެވެ.

މިހެން ކަންތައް ވުމުގެ އެއް ސަބަބަކީ ރާއްޖޭގެ ގިނަ ކުޑަކުދިންތަކެއް މިހާރު ވާހަކަ ދައްކަނީ ރާއްޖޭގައި ނުފޫޒު ގަދަބަހަކަށް ވެފައިވާ އިނގިރޭސިބަހުން ކަމަށް ވުމެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަސްތައް ނެތި ދިއުމާ ބެހޭ ގޮތުން ދިރާސާކުރައްވާ އިލްމުވެރިންގެ ނަޒަރުގައި މިއީ ބަހަށް އޮތް ނުރައްކަލެކެވެ. އެފަދަ އެއް ބޭފުޅަކީ އިނގިރޭސިވިލާތުގެ ލިންގްއިސްޓް، ޑޭވިޑް ކްރިސްޓަލް އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި މާދަރީ ބަސް ފިޔަވައި ނުފޫޒުގަދަ އެހެން ބަަހަކުން އެތަނެއްގެ ކުޑަކުދިން ވާހަކަދައްކަން ފެށުމަކީ ބަހެއް ނެތިދާން ފެށުމުގެ އަލާމާތެކެވެ.

"ރާއްޖޭގެ ހާލަތުގައި ބަލަންޏާ ހަމަ މިއޮތީ އެ މަރުހަލާނޫންތޯ؟" އާމިނަތު ޒާހިރު ވިދާޅުވި އެވެ.

ބަހަށް އޮތް ނުރައްކަލުގެ އަނެއް އަލާމާތަކީ ދެބަސް އެއްކޮށްގެން ވާހަކަ ދައްކާ ބަހަކަށް ބަސް ބަދަލުވުމެވެ. ރާއްޖޭގެ ޒުވާނުންގެ މެދުގައި ދިވެހި ބަސް މިހާރު އޮތީ މި މަރުހަލާގަ އެވެ. އާދަމް ޒާހިރު ދެކެވަޑައިގަންނަވާ ގޮތުގައި މީގެ ސަބަބަކީ ދިވެހި ބަހަށް އިސްކަން ނުދިނުމެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ މުގަައްރަރާއި ކިޔަވައިދޭ މާހައުލުގައި ވެސް ހަގީގަތުގައި މިހާރު ދިވެހިބަހަށް އެއްވެސް އަހަންމިއްޔަތުކަމެއް ނުދޭ ކަމަށެވެ. ފޮތްތައް އެކުލަވައިލުމާއި މުދައްރިސުން ތަމްރީނުކުރުމުގައި ވެސް އޭނާ ވިދާޅުވި ގޮތުގައި ކަންއޮތީ އެހެންނެވެ.

"އަސްލުގައި [ދިވެހިބަހުގެ] މީހުން އުފައްދާށާއި ހުނަރު ދަސްކޮށްދޭކަަށް އިސްކަމެއް ނުދޭ ރާއްޖޭގައި،" އޭނާ ވިދާޅުވި އެވެ.

ދިވެހި ބަހަށް އޮތް އަނެއް ގޮންޖެހުމަކީ ބަހުގެ ގަވާއިދަށް މީހުން އިސްކަން ނުދިނުމެވެ. މިހާރު ވާ ގޮތަކީ އާދަމް ޒާހިރު ވިދާޅުވި ގޮތުގައި "ބުނީ ކީކޭ ކަން" އެނގުމަކީ ފުދޭ މިންވަރު ކަމަށް ބަލާފައި ބަހުގެ ގަވައިދާ މެދު އަޅައިނުލުމެވެ.

"ނެތިދިއުމުގެ ބިރެއް ނެތް"

ޒުވާން ޖީލު ދިވެހި ބަސް ބޭނުންކުރާ މިންވަރާއި ގޮތަށް ބަލައިލުމުން، ކުރިއަށް އޮތް 100 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހިބަސް މުޅީން ނެތި ހިނގައިދާނެއޭ ހިތަށް އަރައިފާނެ އެވެ. އިނގިރޭސިބަހުގެ ނުފޫޒު ރާއްޖޭގައި އެހާވެސް ގަދަ އެވެ. ބަވަނަވުމުގެ ސަބަބުން ކުޑަ އަވަށެއްގެ ސިފަ ޖެހިފައިވާ ދުނިޔޭގައި އެހެން ގިނަ ބަސް ތަކަކަށް ވެސް މިކަން އޮތީ ލައިގަނެފަ އެވެ.

އެކަމަކު ޔުނިވާސިޓީގެ ލެކްޗަރާއެއްގެ ހައިސިއްޔަތުން އާމިނަތު ޒާހިރަށް ފެނިވަޑައިގަންނަވާ މަންޒަރު ތަފާތެވެ. އޭނާ ވިދާޅުވި ގޮތުގައި ކުޑަކުދިންނާއި ޅަޒުވާނުން، ދިވެހި ބަހަށް ކޮށިވިޔަސް ނުވަތަ ދިވެހި ބަހުން ވާހަކަ ނުދެއްކިޔަސް، ކިޔެވުމުގެ ވަކި މަރުހަލާއަކަށް ދިއުމުން ދިވެހި ބަހަށް އެނބުރި އިއާދަވާން ޖެހެ އެވެ. ރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމު ރާވާފައި އޮތީ އެގޮތަށެވެ. މީގެ މާނައަކީ ސްކޫލް ދައުރުގައި ދިވެހި ބަހަށް އިސްކަން ނުދީ އުޅޭ ކުދިން ވެސް ކޯސްތައް ހަދަން ފަށާ ހިސާބުން އަލުން ބަލުން ނަމަވެސް ދިވެހި ބަސް ރަނގަޅަށް ދަސްކުރަން މަޖުބޫރުވުމެވެ.

"އަޅުގަނޑުމެންނަށް އެމްއެންޔޫގައި ވެސް ފާހަގަ ކުރެވެނީ، ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނުގައި އެބަ ބުނޭ ރާއްޖޭގައި ޑިގްރީން [ފެށިގެން] މަތިން ހިންގާ ކޮންމެ ކޯހެއްގައި ދިވެހި ބަހުން ކިޔަވައިދޭން ޖެހޭނެއޭ އެއް މާއްދާ. އެހެންވީމާ އަޅުގަނޑުމެންގެ ހުރިހާ ކޯހަކަށް މިދަނީ އެގޮތަށް ދިވެހިބަސް ލަމުން،" އޭނާ ވިދާޅުވި އެވެ.

އެ ގޮތަށް އޮތުމުން ކުރާ ރަަނގަޅު އަސަރުގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ އޭނާ ކިޔަވައިދެއްވާ ކޯހެއްގައި ބައިވެރިވި ދެކުއްޖެކެވެ. އެ ދެ ކުދިންނަކީ ކުރިން ރާއްޖޭން ބޭރުގައި އުޅުނު ކުދިންނަށް ވާތީ އެމްއެންޔޫގެ ކޯސް ފެށި އިރު ދިވެއްސަށް ކޮއްޓެވެ. އެކަމަކު އެ ކޯހުގައި ތާރީހު ކިޔަވައިދެނީ ދިވެހިބަހުން ކަމަށް ވާތީ އެ ދެ ކުދިންނަށް ވެސް ފަހުން ޖެހުނީ ދިވެހި ބަހަށް ފަރިތަވާށެވެ.

އާމިނަތު ވިދާޅުވި ގޮތުގައި މަތީ ތައުލީމުގެ ނިޒާމުގައި އެކަން އެގޮތަށް ހިފެހެއްޓޭހާ ހިނދަކު ދިވެހި ބަސް ހިމާޔަތް ވާނެ އެވެ. އެހެން ނަމަވެސް ކުރަން ހުރި މަސައްކަތް އަދިވެސް ވަރަށް ގިނަ ކަމަށް އޭނާ ވެސް އެއްބަހެވެ.

"މިހާރު ކުދިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް މިއޮންނަނީ، ކުދިން ބުނަނީ އަދިވެސް، ސިނޮނިމް އެއް ހޯދަން ވެއްޖެއްޔާ އެބަ އުނދަގޫވޭ. ލިޔާ ޖުމްލައެއް ކޮމްޕިއުޓަރުން ރަނގަޅުކޮށްދޭ ގޮތެއް [އޮޓޯ ކަރެކްޝަން ޓޫލް އެއް] އަދިވެސް އަޅުގަނޑުމެނަކަށް ނުހެދޭ،" ކުރަން ހުރި މަސައްކަތުގެ ހުލާސާއެއް އޭނާ ދެއްވި އެވެ.

އާދަމް ޒާހިރު ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހި ބަސް އޭގެ އަސްލާ އެއްގޮތަށް ދަމަހައްޓަން ބޭނުން ނަމަ ބޮޑެތި މަސަައްކަތްތަކެއް ކުރަން ޖެހެ އެވެ. ތައުލީމީ ނިޒާމާއި އެހެން ކަންކަމުގައި ދިވެހި ބަސް ބޭނުންކުރާ މިންވަރު 1980 ގެ އަހަރުތަކުގައި އޮތް ވަރަށް ބޮޑުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޒަމާނީ ޓެކްނޮލޮޖީއާއި ދިވެހި ބަސް ގުޅުވައިލުމަށް ވެސް އަދި ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.

"އިހަށް ދުވަހު އަދި ޓެކްނޮލޮޖީގެ ތެރެއަށް ދިވެހި ބަސް ވައްދަން މަސައްކަތެއް އެ ފެށީ. ނޫނީ ވިއްޔާ މަސައްކަތުގެ ނަމެއް ވެސް އަންނަނީ. މިހާ ދުވަހު ކޮމްޕިއުޓަރުތައް ބޭނުންކުރާ އިރު އަދި ތާނަ ލިއުމުގެ ކީބޯޑެއް ނުހެދޭ،" އޭނާ ވިދާޅުވި އެވެ.

ދިވެހި ބަހުގެ އަޑުތައް އެކުލެވޭ ކޮމްޕިއުޓަރު ގޭމެއް ނެތްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. ދެބޭފުޅުން ވެސް ވިދާޅުވީ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެންމެ ބޮޑު މަސައްކަތެއް ކުރަން ޖެހޭނީ ސިޔާސަތު ކަނޑައެޅުމާ ހިސާބުން ކަމަށެވެ.

"ތަރައްގީކުރުމުގެ ސިޔާސަތެއް ކަނޑައަޅާއިރުގަައި، ސިޔާސީ ބޭނުމަށް، މާދަމާ ނަގާ ވޯޓުގެ ބޭނުމަށް ވުރެެ ބޮޑަށް އަންނަން އޮތް ޖީލުގެ ބޭނުމަށް ކަންތައް ކޮށްފިއްޔާ [ދިވެހި ބަހަށް ރަނގަޅު] ކަންތައްތައް ވާނީ،" އާދަމް ޒާހިރު ވިދާޅުވި އެވެ.

ދިވެހި ބަސް ހިމާޔަތް ކުރެވޭނީ ވަރަށް ބޮޑު މަސައްކަތެއްކޮށްގެނެވެ. ދިވެހި ބަހުން ފޯނު އެޕްލިކޭޝަންތައް ހަދަންޖެހެ އެވެ. ވީޑިއޯ ގޭމު އުފައްދަންޖެހެ އެވެ. ކުޑަކުދިންގެ ވާހަކަ އާއި ލަވަތަކާއި ވީޑިއޯތައް އާލާ ކުރަންޖެހެ އެވެ. އެހެން ނޫނީ ދިވެހި ބަސް އިސާހިތަކު މަރުވެދާނެ އެވެ.

މުހައްމަދު ނަސީމް

ސީނިއާ ޖާނަލިސްޓް

މުހައްމަދު ނަސީމް ނޫސްވެރިކަމުގެ ކެރިއަރު ފެށީ 2006 ވަނަ އަހަރު އެވެ. އޭނާ އަކީ ބޭރު ދުނިޔޭގެ ހަބަރުތަކާއި ރާއްޖޭގެ ސިޔާސީ ހަބަރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ހަބަރުތައް ކަވަރުކުރުމުގައި ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ "ޖަޒީރާ"، "ސަން"، "އަވަސް" އަދި "މިހާރު" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox