އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ފިރިހެނުންގެ ލޯންގް ޖަމްޕުން 17 އަހަރުގެ އިބްރާހިމް ނާހިލް ނިޒާރު ގައުމީ ރެކޯޑު އާކޮށްފި އެވެ.
މި އަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ވިދާލި އެތުލެޓިކްސްގެ އުންމީދީ ތަރި، އިބްރާހިމް ނާހިލް ނިޒާރު ލޯންގު ޖަމްޕުގެ ގައުމީ ރެކޯޑު، އެންމެ ފުރަތަމަ މުގުރާލީ މި މަހު 14 ވަނަ ދުވަހު ތުރުކީގެ ކޮންޔާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގަ އެވެ.
އެ މުބާރާތުގައި ނާހިލް މުގުރާލި ރެކޯޑަކީ މީގެ 13 އަހަރު ކުރިން ކުރީގެ އެތުލީޓު ހުސައިން ހަލީމް ހަދާފައިވާ ގައުމީ ރެކޯޑެކެވެ. ހުސެއިން ރެކޯޑް ހެދީ، 2009 ވަނަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 6.47 މީޓަރު ދުރަށް ފުއްމައިގެންނެވެ. ނާހިލް ފުރަތަމަ ރެކޯޑް ހެދީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ލޯންގް ޖަމްޕްގެ ފައިނަލުގައި 6.71 މީޓަރު ދުރަށް ފުއްމައިގެންނެވެ.
މާލޭ ސިންތެޓިކް ޓްރެކުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ލޯންގް ޖަމްޕް އިވެންޓްތަކުގައި ނާހިލް އޭނާގެ އަމިއްލަ ރެކޯޑު އާ ކުރީ 6.82 މީޓަރު ދުރަށް ފުންމައިގެންނެވެ. މިއީ ކުރު މުއްދަތެއްގެ ތެރޭގައި ނާހިލް ފޯކަސް ގެއްލުވައިނުލައި، ކުރި މަސައްކަތުގެ ނަތީޖާ އެވެ.
މިއަދު ކުރިއަށްދިޔަ ލޯންގް ޖަމްޕުގެ ރަން މެޑަލް ނާހިލް ހޯދިއިރު، ދެ ވަނަ ހޯދީ ރައުހަތު ސްޕޯޓްސް އެކަޑަމީގެ އިބާދުﷲ އާދަމް އެވެ. އިބާދުﷲ ވަނީ 6.48 މީޓަރަށް ފުންމައިފަ އެވެ. ތިން ވަނަ އަށް ދިޔައީ ސާއިދު ސްޕޯޓްސްގެ އާދަމް ރިފްއަތު އެވެ. ރިފްއަތަށް ފުންމުނީ 5.71 މީޓަރަށެވެ.
މިއަދު ކުރިއަށްދިޔަ އަންހެނުންގެ ލޯންގް ޖަމްޕުން އެއް ވަނަ ހޯދީ ނޫރާ އަބްދުލް ހަމީދު އެވެ. މި އިވެންޓުގެ ގައުމީ ރެކޯޑުވެސް އޮންނަ ނޫރާ ވަނީ 4.83 މީޓަރު ދުރަށް ފުންމާފަ އެވެ. ނޫރާގެ ފަހަތުން ދެ ވަނަ ހޯދީ 4.80 މީޓަރު ދުރަށް ފުންމައިގެން އާމިނަތު ލަޔާނާ މުހައްމަދު އެވެ. ތިން ވަނަ އަށް ދިޔައީ 4.78 މީޓަރު ދުރަށް ފުންމައިގެން އައިޝަތު ޝަބާ ސަލީމް އެވެ.












