މިހާރު ކުރިއަށްދާ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި މިއަދު ހެނދުނު ކުރިއަށް ދިޔަ ފިރިހެނުންގެ 800 މީޓަރު ދުވުމުގައި ހުސައިން ފަޒީލް ހާރޫން (ފްލޭޝް)ގެ މައްޗަށް އުއްމީދީ ދުވުންތެރިޔާ އަހުމަދު ވިސާމް ކުރި ހޯދައިފި އެވެ.
މިއަދު ހެނދުނު ކުރިއަށްދިޔަ އެންމެ ފޯރިގަދަ އިވެންޓުން ރަން މެޑަލް ހޯދައި އެންމެ މޮޅު އެތުލީޓުގެ މަގާމަށް ވާދަކުރުމުގެ ފުރުސަތު ފަޒީލަށް އޮތެވެ. ނަމަވެސް ވިޝާމް އަތުން ބަލިވެ ރިހި މެޑަލް ލިބުމުން އޭނާ އަށް އެ ފުރުސަތު ވަނީ ހަނިވެފަ އެވެ. މިދިޔަ ދެ ދުވަހު ދެ ރަން މެޑަލް ހޯދާފައިވާ ފަޒީލަށް މޮޅު އެތުލީޓުގެ އެވޯޑު ލިބެން އޮތީ މިއަދު ހަވީރު 400 މީޓަރު ދުވުމުގެ ފިރިހެން ބައިގައި ހަސަން ސާއިދަށް ރަން މެޑަލް ނުލިބިއްޖެ ނަމަ އެވެ.
ފޯރިގަދަ އަދި ވާދަވެރި 800 މީޓަރު ދުވުން ވިސާމް ކާމިޔާބުކުރީ 2 މިނެޓު 01.32 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ އާއި ގާތުން ވާދަކުރި ފަޒީލަށް ރޭސް ނިންމުނީ 2 މިނެޓު 01.51 ސިކުންތުންނެވެ. ތިން ވަނަ ލިބުނީ 2 މިނެޓު 04.35 ސިކުންތުން ރޭސް ނިންމި ޔޫސުފް އިބްރާހިމް އެވެ.

އަންހެނުންގެ 800 މީޓަރު ދުވުމުގެ އިވެންޓުން އެއް ވަނަ ހޯދި ޖާއިޝާ ރޭސް ނިންމުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މިއަދު ކުރިއަށްދިޔަ 800 މީޓަރު ދުވުމުގެ އަންހެން ބައިގެ ފައިނަލުގައި އައިމިނަތު ޖާއިޝާ ޖުނީޒް ވަނީ ތަފާތު ދައްކައި އެއް ވަނަ ހޯދާފަ އެވެ. މި ރަން މެޑައްޔާ އެކު މުބާރާތުގައި ޖާއިޝާ ވާދަކުރި ތިން އިވެންޓުންވެސް ތިން ރަން މެޑަލް ލިބުނީ އެވެ.
އަންހެން އެންމެ މޮޅު އެތުލީޓުގެ މަގާމަށް ޖާއިޝާ އާއި އެކު ދެން ވާދަކުރާ ހިމްނާގެ 400 މީޓަރު ފައިނަލް މިއަދު ހަވީރު އޮންނާނެ އެވެ. މޮޅު އެތުލީޓު އެނގޭނީ މި އިވެންޓުގައި ހަމްނާގެ ނަތީޖާ އިންނެވެ.
މިއަދު ކުރިއަށްދިޔަ އެހެން އިވެންޓުތަކަށް ބަލާއިރު، 4 ގުނަ 100 މީޓަރު ރިލޭގެ އެއް ވަނަ ހޯދީ ރައުހަތު ސްޕޯޓްސް އެކަޑެމީ އެވެ. ދެ ވަނަ އަށް ދިޔައީ ސާއިދު ސްޕޯޓްސް އެވެ. މި އިވެންޓުގައި ދެން ވާދަކުރި ދެ ޓީމް ކަމަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޓީމް ބެޓަން ޕާސްކުރަން އުޅުމުގެ ތެރޭގައި ވަނީ ޑިސްކޮލިފައިވެފަ އެވެ.
ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ އަންހެން ބައިން ރަން މެޑަލް ހޯދީ އައިލެންޑް ރަނާސް މޯލްޑިވްސް އެވެ. ގައުމީ ސްކޮޑުގެ ގިނަ ދުވުންތެރިން ހިމެނޭ މި ޓީމުން އެއް ވަނަ ހޯދީ 53.72 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔައީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އެވެ. ތިން ވަނަ އަށް ދިޔައީ ކުޑަ ހުސެއިން ސްޕޯޓްސް އެކަޑެމީ އެވެ.












