އިންސާނެއްގެ ލޮލަކީ އޭނާގެ ހުރިހާ އިހުސާސެއް ދައްކުވައިދޭ އެއް ގުނަވަނޭ ދެންނެވުން ގޯހަކަށް ނުވާނެ އެވެ. އިންތިހާއަށް މުހިއްމު އަދި އެހާމެ ނާޒުކު ގުނަވަނެކެވެ. އެ ގުނަވަނަކާ މެދު ފަރުވާތެރިވާން ޖެހެނީ ހަމަ އެކަނި ސިއްހީ މާނައެއްގައެއް ނޫނެވެ. އަދި ކިއެއްތަ، އިންސާނާއަށް ފެނުމުގެ ނަސީބު ލިބިފައިވާނަމަ ތިބާގެ ބެލުންތަކަށް ތިމާ ފަރުވާތެރިވާންޖެހެ އެވެ. އެކަމަށް ޖަވާބުދާރީވާންޖެހެ އެވެ. ޖޯސެފް ޓާންލީގެ މަޝްހޫރު ފޮތް، "ދަ ލެންގުއެޖު އޮފް ދި އައި" ގައި ލޮލުން ސިފަކޮށްދޭ ކަންތައްތަކުގެ ތެރޭގައި ތޫނުފިލިކަން، އުއްމީދު، މައުސޫމިއްޔަތު، ލޯބި، ހިތާމަ، ޚިޔާލު، ޤަދަރު، މާޔޫސީ، ނާޒުކުކަން އަދި ރީތިކަން ހިމެނެ އެވެ.
ދުނިޔޭގައި ބޭނުންކުރާ ގިނަ ބަސްތަކާ އެއްފަދައިން ދިވެހި ބަހުގައިވެސް؛ ޚާއްޞަކޮށް މަޖާޒު ބަހުރުވައިގައި ލޮލުގެ އެތައް މާނައެއް ދޭހަވާ ބުނުންތައް ބޭނުންކޮށްފައި ހުރެއެވެ. މީގެ ސަބަބެއްކަމުގައި، އިންސާނާގެ ހިއްސުތަކުގެ ތެރެއިން ފެނުމުގެ ހިއްސު އަދާކުރާ ދައުރުގެ މުހިއްމުކަމާއި، އެއީ ހިއްސުތަކުގެ ތެރެއިން އެންމެ "ބުއްދިވެރި" އަދި އެންމެ ޖަޒުބާތީ އެއް ހިއްސުކަމަށް ގިނަ ބަޔަކަށް ބަލައިގަނެވިފައިވުންކަމުގައި ވެދާނެއެވެ. ހޭލުންތެރިކަމާއި، ޢިލްމާއި ޙިލްމަކީ ލޮލުގެ ފެނުމުގެ ގޮތުގައި ސިފަކުރެވެއެވެ. އެ ގޮތުން ލޯހުޅުވައިގެން އުޅުމުގެ މަޖާޒީ މާނައަކީ ކަންކަމާމެދު ވިސްނައިގެން އުޅުމެވެ. ލޯހުޅުވިފައި ހުރުމުގެ މަޖާޒީ މާނައަކީ ކަންކަމުގެ މަޢުލޫމާތު ފުރިހަމައަށް ލިބިފައި ހުރުން ނުވަތަ ރޯފިލާފައިވުމެވެ. އަދި ލޯ ހުޅުވޭ މީހުންނަކީ ކަންކަމަށް ހުޝިޔާރު މީހުންނެވެ. ކިޔަވައިދިމަށް ލޮލަށް އަންގައިދިނުމޭ ކިޔައިއުޅެއެވެ.
ލޮލަކީ ވަރަށް ނާޒުކު ގުނަވަނެކެވެ. އޭގެ ޒާތުގައިވެސް ލޮލުގެ ހިމާޔަތުގައި އެސްފިޔަތަކާއި ލޮލުގެ ބޮނޑި ހަރަކާތްތެރިވަނީ ލޮލަށް ދިމާވެދާނެ ކަމަކަށް ލޯ ހިމާޔަތްކޮށްދިނުމަށެވެ. މި ސަބަބުތަކާ ހުރެ ތޯއްޗެކެވެ. އެންމެ ލޯބިން، އެންމެ ކަމޭހިތައިގެން ގެންގުޅޭ އެއްޗެތި ރައްކާކުރަން މަޖާޒު ބަހުރުވަ ދޭ ތިޖޫރީއަކީ އިންސާނާގެ ލޮލެވެ. ވަރަށް ބޮޑަށް ކަމޭ ހިތައިގެން ގެންގުޅޭ ކުދިން ނުވަތަ މީހުންނާމެދު، އެ ކުއްޖާ ގެންގުޅެނީ ލޮލަށް ވެއްޓުނު ކުނިކޮޅެއް ފަދައިންނޭ ބުނެ އުޅެއެވެ. ގެންގުޅެ ބަލަހައްޓާލެއް ރަނގަޅުކަމާއި ރައްކާތެރިވާލެއް ބޮޑުކަން ދޭހަކޮށްދިނުމުގެ ގޮތުން، އެކުއްޖާ ގެންގުޅެނީ ލޮލުގެ ކޮއިހެންނޭވެސް ބުނެއެވެ.
ބުރަ މަސައްކަތުގައިވެސް އެންމެ ބާރުކުރާ އެއް ހިއްސަކީ އިންސާނާގެ ލޮލެވެ. ބުރަ މަސައްކަތެއް ކުރަމުންދާކަން ދެއްކުމަށް؛ އަދި ޚާއްޞަކޮށް، ކުރި މަސައްކަތުގެ ބުރަކަން ދެއްކުމުގެ ގޮތުން، މިހާރު ތިމަންނާ މަސައްކަތްކުރަނީ ލޮލު ނާރު ކެނޑެންދެން ކަމުގައި ބުނެއުޅެއެވެ. ނިދިއައުމުން ވެސް ނުނިދާން އިންނަ މީހާ އިންނަނީ ލޯ ދަމަދަމާ ކަމަށް ބުނެއެވެ.
ދެން އޮތީ ލޮލުގެ ފެނުމާ ގުޅުން ހުރި މަޖާޒީ މާނަކުރުންތަކެވެ. ލޯ ސަލާމަތުން ހުރި މީހަކާ ދިމާއަށް ތިޔަހުރީ ކަނުވެފައިހޭ، ލޮލަކަށް ނުފެނޭހޭ، މި ފަދަ ބަސްބަސް ބުނުމަކީ ލޮލަށް ގޮވުމެވެ. ލޯމައްޗަކީ މީހާގެ ކުރިމަތިން ފެންނާން އޮންނަ ހިސާބެވެ. އެ ހިސާބުން މީހެއް ނުވަތަ އެއްޗެއް ފާހަގަވުމަކީ ލޮލުގައި އަޅައިގަތުމެވެ. މާ ދުރުން ކިރިޔަ ކިރިޔާ ފެންނަނީ ނަމަ ލޮލު ކޮޅަށް ފެންނަނީ އެވެ. އަދި އެ ހިސާބުން ގެއްލިއްޖެނަމަ، ލޮލުކޮޅަށް ގޮސް އޮބައިލަނީއެވެ. ލޯ ދިއްކުރުމަކީ ތިމާޔާ ނުބެހޭ ކަންތައްތައް ބަލައި ހޯދުމެވެ. އަދި ކަމެއް ހިނގިއިރު އެ ތަނެއްގައި ހުރެ އެ ކަމެއް ފެނުމަކީ ލޮލުން ދެކެ އަތުން ހިފުމެވެ. ލޯ ކައިރިކޮށްގެން އެއްޗެއް ހޯދުމާއި އެއްޗެއް ކިޔުމަށް ލޯކޭއްތުމޭ ކިޔާއިރު ޢުމުރުން ދުވަސްވެ ލޮލުގެ ފެނުމަށް އުނިކަން އައުމަކީ ލޯ ކޮށިވުމެވެ. ލޮލުގެ އިޝާރާތުން ނުރުހޭކަން ދައްކަން ލޯވައްކުރުމޭ ކިޔައި އުޅެއެވެ. ހަށިގަނޑުގެ ހަކަތަ މާ ބޮޑަށް ދަށަށް ދިއުމުން ލޯ ހުޅުވައިލެވޭހާވަރެއް ނެތޭ ބުނެ އުޅެއެވެ. އަދި މަރުވުމަށް ލޯމަރާލުމޭ ކިޔައި އުޅެއެވެ. މީގެ އިތުރަށް ހަޑިހުތުރު އައިބު ކަންތައްތަކެއް ދެކެން، ނުވަތަ އެފަދަ ވާހަކަތަކެއް އަޑުއަހަން ހިތްހަމަނުޖެހޭކަން އަންގައިދިނުމަށް ނުވަތަ ނުކެރޭނެކަން އަންގައިދިނުމަށްޓަކައި، ލޯ ހުޅުވައިލަން ވެސް ނުކެރުން އަދި ލޯ ދިލުވައިލާން ނުކެރުމޭ ބުނެއެވެ.
ބަސްމޮށުމުގައި ހިތާމަ އަދި އުއްމީދު ސިފަކޮށްދޭ އެންމެ މުހިއްމު އެއް ސިފައަކީވެސް އިންސާނާގެ ލޮލެވެ. ކަމަކަށް މާ ބޮޑަށް ބޭނުންވުމަކީ ލޮލުން ބޮލުން އެދުމެވެ. އަދި ލޮލަށް ބޮލަށް އެރުމަކީ މީހެއްގެ ގަޔަށް ބޮލަށް އެރުމެވެ. މާ ބޮޑަށް ހިތާމަ ކުރުމަށް ލޮލުން ކަރުނަ ނުހިފުނީއެވެ. ލޮލުން ނުރޯން ހުއްޓައި ނޯށުން ރޮއްވައިލުމަކީ މިހާރު ދެރަ ނުވިކަމުގައިވިޔަސް، ފަހުން މާ ބޮޑަށް ހިތާމަކުރާނޭ ގޮތެއް ހަދާނެކަން ދައްކަން ބުނާ ބަހެކެވެ. ލޮލުން ދައްކުވައިދޭ ފުންކަން ސިފަކުރައްވަމުން އިނގިރޭސި ބަހުގައި، ލޮލަކީ އިންސާނާގެ ރޫޙަށް ހުޅުވައިލެވޭ ކިޑިކީއެއް ކަމުގައި ސިފަކުރެއެވެ. އެ ފުންކަމުގެ ތެރެއަށް ފީނަމުންދާ ވަރަކަށް ލޮލުގެ ސިއްރުތައް ތިލަވަނީ މަޖާޒާއި މިސާލު ބަހާއި މަޖާޒުގެ ގޮތުގައެވެ.







