ސްޕްރިންޓްގެ ހުރިހާ ރެކޯޑަކާ އެކު ހިމްނާގެ ފޯކަސް ކުރިއަށް

ރާއްޖޭގައި މި ވަގުތު ހުރި އެންމެ ބާރު އަންހެން ދުވުންތެރިޔާ ހިމްނާ: ހުރިހާ ސްޕްރިންޓް ރެކޯޑަކާ އެކު ވެސް ހުރީ ކުރިއަށް ވެސް ދުވުމުގައި ކުރިއެރުން ހޯދުމުގެ ވިސްނުމުގައި.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ގެޓީއިމޭޖަސް.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ރާއްޖޭގައި މި ވަގުތު ހުރި އެންމެ ބާރު އަންހެން ދުވުންތެރިޔާ ހިމްނާ: ހުރިހާ ސްޕްރިންޓް ރެކޯޑަކާ އެކު ވެސް ހުރީ ކުރިއަށް ވެސް ދުވުމުގައި ކުރިއެރުން ހޯދުމުގެ ވިސްނުމުގައި.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ގެޓީއިމޭޖަސް.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ހިތްވަރާ އެކު ބުރަ މަސައްކަތް ކުރާ ޒުވާން އެތުލީޓުން ފެންނަނީ މަދު ފަހަރަކު އެވެ. އެންމެ މުހިންމު ކަމަކީ އެ ފަދަ ތަފާތެއް ފެންނަ ދުވުންތެރިން ވީ އެންމެ އަވަހަށް ފާހަގަކޮށް، ރަނގަޅު މަގުން އެތުލީޓެއް ކުރިއަށް ގެންދަން ޓްރެއިނިން ދީ ފުރުސަތުތައް ހޯދައިދިނުމެވެ.

އުމުރުން 10 އަހަރުގައި އިންޓަ ސްކޫލް ލެވަލްގެ އެތުލެޓިކްސް މުބާރާތްތަކުގައި ވެސް އައިޝަތު ހިމްނާ ހަސަން ފެނުނީ އެހެން ކުދިންނަށް ވުރެ، ވިސްނުން ތޫނު ކޮށް، ހަލުވި ކޮށެވެ. ހިމްނާގެ ކިބައިން އޭރު އެ ފެނުނު ތަފާތު، އޭގެ 10 އަހަރު ފަހުން، މިހާރު ފާހަގަވާން އޮތީ ރާއްޖޭގެ އަންހެނުންގެ ސްޕްރިންޓް ރެކޯޑްތަކުންނެވެ. އަރަމުން އަންނަ ދުވުންތެރިން އިބުރަތް ހޯދާނަމަ ހިމްނާގެ ދަތުރަށް ނަޒަރު ހިންގާލުން އެއީ މުހިންމު ކަމެކެވެ.

ރަސްމީކޮށް ދުވުމުގެ ތެރެއަށް ހުސްވިތާ ފަސް އަހަރެއްހާ ދުވަސްތެރޭ ހިމްނާ، 20، މި ވަނީ ރާއްޖޭގެ އަންހެނުންގެ ސްޕްރިންޓްގެ ހުރިހާ ރެކޯޑެއްގައި އަމިއްލަ ހިއްސާ އެއް ހޯދައިފަ އެވެ. ރެކޯޑަކަށް ފަހު ރެކޯޑެއް ހަދަމުން ދިޔައީ، އަމިއްލަ އަށް ވެސް މަސައްކަތްކޮށް، ކުރިއެރުން ހޯދަން ބެހެއްޓި ފަރުވާތެރިކަން ރަނގަޅުވުމުންނެވެ.

ހިމްނާ އަތުގައި މިހާރު ރާއްޖޭގެ އަންހެނުންގެ 100، 200، 400 މީޓަރުގެ ރެކޯޑްގެ އިތުރުން ޓީމު އިވެންޓުން އަންހެނުންގެ 4 ގުނަ 100 މީޓަރުގެ ރެކޯޑް ވެސް އެބައޮތެވެ. ފަހަރަކަށް ވުރެ ފަހަރަކު، ސްޕީޑް އަވަސް ކުރަން ހިމްނާ އަށް އޮތް ހިތްވަރަކީ "ޓްރެއިން ކުރާހިތްވުމުގެ" ވިސްނުމެވެ. އަަބަދުވެސް ހުންނަނީ ރެޑީގަ އެވެ.

ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން އައިސް، ހިމްނާގެ ދުވުމުގެ ކެރިއަރުގެ އެންމެ ހާއްސަ ދެ މުބާރާތަކަށް ވީ މި ފަހުން އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސް އާއި ތުރުކީގެ ކޮންޏާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގަ އެވެ.

ކޮމަންވެލްތު ގޭމްސްގައި ހިމްނާ ވަނީ 21 އަހަރުވީ ރާއްޖޭގެ 100 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލައިފަ އެވެ. އަދި އެ ރެކޯޑް މުގުރާލިތާ އަށް ދުވަސް ފަހުން ހިމްނާ ވަނީ ހަ އަހަރު ވެފައިވާ ރާއްޖޭގެ 200 މީޓަރު ދުވުމުގެ ރެކޯޑް ވެސް މުގުރާލައިފަ އެވެ. މިދިޔަ އަހަރުތަކުގައި ހަތަރު ވަރަކަށް ފަހަރު ރާއްޖޭގެ 400 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލި ހިމްނާ އަކީ ހަ ދުވަސް ތެރޭ ކޮމަންވެލްތު ގޭމްސް އާއި ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެނުންގެ 4 ގުނަ 100 މީޓަރު ރިލޭ ރެކޯޑް މުގުރާލި ރިލޭ ޓީމުގައި ވެސް ހިމެނިފަ އެވެ.

"ދެ ގޭމްސް ވެސް ދިޔައީ އެކްސްޕެކްޓް ކުރި ގޮތަށް ވަރަށް ރަނގަޅަށް. ދެން ވަރަށް އުފާވި ދެ ގޭމްސްގައި ވެސް ވަރަށް ގިނަ ރެކޯޑްސްތައް އާ ކުރެވުނީމަ، އެހެންވީމަ ވަރަށް ރަނގަޅަށް ދިޔައީ،" އޮލިމްޕިކް ކޮމިޓީ މީޑީއާ އަށް ދިން އިންޓަވިއުގައި ހިމްނާ ބުންޏެވެ.

"ވަރަށް އުފާވި އެހާ ގިނަ ދުވަސްތަކެއް ނުވެ ރާއްޖޭގެ ތިން ސްޕްރިންޓް ރެކޯޑް މުގުރާލެވުނީމަ އެހެންވީމަ ހިމްނާ ދެކެނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހިމްނާ އަށް ވަރަށް ބޮޑު ސަކްސެސްއެއް ކަމަށް މި ލިބުނީ،"

ގާތްގާތުގައި ދެ ގޭމްސްއެއްގައި ވާދަކުރުމަކީ ވަރަށް "ޗެލެންޖިން" ކަމެކެވެ. ހާއްސަކޮށް ޔޫރަޕްގައި، ދުނިޔޭގެ ނިސްބަތުން ބަލާއިރު، ފުއްނާބު އުސް އެތުލީޓުންގެ ތެރޭގައި އެ ޕްރެޝަރުގައި ދުވުމަކީ ވެސް ފަސޭހަ ކަމެއް ނޫނެެވެ.

ކޮމަންވެލްތު ގޭމްސް އާއި ސޮލިޑާރިޓީ ގޭމްސް އަށް ތައްޔާރުވާން އެކުވެރި މާހައުލެއްގައި، ރަނގަޅު ޓްރެއިނިންތަކަަކަށް ފަހު ދެވުމަކީ ހިމްނާ ދެކޭ ގޮތުގައި ރާއްޖޭގެ އެތުލީޓުން ރެކޯޑްތަކާ ހަމައަށް ދިއުމަށް މަގުފަހިވި އެއް ސަބަަބެވެ. އެތުލެޓިކްސް ޓީމު ވަނީ ކޮމަންވެލްތު ގޭމްސް އާއި ސޮލިޑާރިޓީ ގޭމްސްގެ ކުރިން އައްޑޫގައި ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ.

މި ފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އިވެންޓެއްގެ ތެރެއިން ހިމްނާ ދުވަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

"ކުރު މުއްދަތެއް ވިޔަސް ވަރަށް ޓްރެއިނިން ކޮށްފައި އައީ. އެހެންވީމަ ހިމްނާ އެކްސްޕެކްޓް ކުރިން ދެ ރެކޯޑް ވެސް ލިބޭނެ ކަމަށް. އެކްސްޕެކްޓް ކުރި ގޮތަށް ދިޔައީމަ އެންމެ ހިތްހަމަ ޖެހުނީ. މޮޅެތި އެތުލީޓުންނާ އެކީ ދުވަން ލިބޭތީ، އެ އެކްސްޕީރިއަންސް ލިބޭތީ ހިތްހަމަޖެހޭ، ހިމްނާ މި އެކްސްޕީރިއަންސް އިން ވަރަށް ގިނަ ކަންކަން ދަސްކޮށް، ކުރިއަށް ހުރި ރޭސްތަކުގައި އެ ވަރަށް ޔޫސް ކުރަން،" ހިމްނާ ބުންޏެވެ.

ފުރަތަމަ އޮތީ ޝައުގުވެރިކަމެއް، ދެން ނުކުތީ ޓްރެއިނިންއާ އެކު ރަސްމީ ސިފައިގައި

ދުވުމަށް ޝައުގުވެރިވާތީ، އެކަމުގެ ތެރޭގައި ހިމްނާ އުޅެނިކޮށް، އޭނާ ކުރިއަށް ދިއުމުގެ ވިސްނުމުގައި ރަސްމީކޮށް ދުވުމުގެ ތެރެއަށް ނެރެދޭން އެހީތެރިވީ ކޯޗު، ސުލްތާން ސައީދު އެވެ. އެ ގޮތުން ހިމްނާގެ ކިބައިގައި ހުރި ހުނަރުގެ ބޭނުންހިފައި، އޭނާ ރަނގަޅަށް ޓްރެއިން ކުރުމުގެ މަސައްކަތް ސުލްތާން ކޯޗު ފެށީ 2017 އާ ހަމައިންނެވެ.

ހިމްނާ ބުނީ ސުލްތާން ކޯޗުގެ ޓްރެއިނިންތަކާ އެކު ދުވުމަށް ހުސްވެ، ސީރިއަސްކޮށް އެތުލީޓެއްގެ ވިސްނުމުގައި ކުރިއަށް ދިއުމަށް ޖޫނިއާ މުބާރާތްތަކުން ފެށިގެން ސީނިއާ ލެވަލްގައި ވެސް ވާދަކުރަން ނިންމި ކަމަށެވެ.

ހިމްނާ ދެކޭ ގޮތުގައި ފަސް އަހަރެއްހާ ދުވަސްތެރޭ އޭނާ އަށް މި ލިބުނު ކުރިއެރުމުގެ ކްރެެޑިޓް ހައްގުވާނެ އެއް ފަރާތަކީ ސުލްތާން ކޯޗެވެ.

"އެންމެ ފުރަތަމަ ޝުކުރު އަދާކޮށްލަން ބޭނުން ސުލްތާން ކޯޗަށް. އެއީ ފާއިތުވެދިޔަ ފަސް އަހަރުން ފެށިގެން ސުލްތާން ކޯޗަކީ ހިމްނާގެ ކޯޗު. ސުލްތާން ކޯޗުގެ ސަބަބުންނޭ ހިމްނާ ބުނާނީ ހިމްނާ މިހާ ހިސާބަށް އާދެވުނީ، އަދި ދެން، އެސޯސިއޭޝަންގެ އެހެން ހުރިހާ ކޯޗުންނަށް ވެސް ހިމްނާ ޝުކުރު އަދާކޮށްލަން ބޭނުން،" ކުޅިވަރުން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ދެމުން އަންނަ ކަލާސް އެވޯޑް 2019 ވަނަ އަހަރު ހޯދި ހިމްނާ ބުންޏެވެ.

ކޮމަންވެލްތު ގޭމްސްގައި ހިމްނާ ދުވަނީ: ރާއްޖޭގައި މި ވަގުތު ހުރި އެންމެ ބާރު އަންހެން ދުވުންތެރިއަކީ ހިމްނާ.--- ފޮޓޯ: ގެޓީއިމޭޖަސް

މިދިޔަ އަހަރުތަކުގެ އެތުލެޓިކްސް މުބާރާތްތަކުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ގިނަ ފަހަރުތަކެއް މަތިން ހޯދާފައިވާ ހިމްނާ އަކީ ޕެރިސް 2024 އޮލިމްޕިކްސް ސްކޮލަޝިޕް ލިބިފައިވާ އެތުލީޓެކެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހިމްނާ އަށް މި ސްކޮލަޝިޕް އެވޯޑް ދިނީ އޭނާގެ ޓްރެކް ރެކޯޑް ވަރަށް ރަނގަޅަށް ބަލައި، ކުރިއެރުވޭނެ އެތުލީޓެއް ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމެވެ.

ހިމްނާގެ ޓްރެއިނިން ކަންކަން ބޭރު ގައުމެއްގައި ހަމަޖައްސައި، ޓްރެއިނިން އަށް ފޮނުމުގެ ކަންކަން އެތުލެޓިކްސް އެސޯސިއޭޝަނުން އަންނަނީ ކުރަމުންނެވެ. ޓްރެއިނިންގައި ހުންނައިރު، ހިމްނާ އަށް ރަނގަޅު ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރަން ލިބި، އެކަން އިވަލުއޭޓްކޮށް، ކުރިއަށް ދިއުމުގައި ވެސް އިންތިޒާމްތައް ރަނގަޅުވާނެ އެވެ.

މުސްތަގުބަލަށް ރަނގަޅު އެތުލީޓުންތަކެއް ޑިވެލޮޕްކުުރުމުގެ ވިސްނުމާ އެކު، އެތުލެޓިކްސް އިން މި ފަހަރުގެ ކޮމަންވެލްތު ގޭމްސް އާއި ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރި އެތުލީޓުންގެ އެވްރެޖް އުމުރު އުޅޭނީ ގާތްގަނޑަކަށް 18-21 އަހަރާ ދެމެދުގަ އެވެ.

ހިމްނާ ބުނީ މިހާރު އަރަމުން އަންނަ އެތުލީޓުންނާ މެދު ކުރެވޭ އުންމީދު ބޮޑު ކަމަށެވެ.

"ހިމްނާ ދެކެނީ ފިއުޗާ ވަރަށް ބްރައިޓް ކަމަށް، ކުރިއަށް އޮތްތާގައި، ރާއްޖެ އަށް މެޑަލްސްތައް މި ޓީމު ގެނެސްދޭނެ،" އައްޑޫ އަށް އުފަން ހިމްނާ ބުންޏެވެ.

ރާއްޖޭގެ އެތުލީޓުން މި ވަގުތު ތައްޔާރުވަމުން އަންނަނީ ކުޅިވަރު އެކުވެނީގައި މާދަމާ ފެށުމަށް ނިންމާފައިވާ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް އަށެވެ. ކުޅިވަރު އެކުވެނީ ސިންތެޓިކް ޓްރެކުގައި ކުރިއަށްދާ މި މުބާރާތުގައި ހިމްނާ ވާދަކުރަނީ ކްލަބް ރާވެރިޔާގެ ފަރާތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox