ޖަލަށް ގެނެވޭ ގައިދީން ރިހިބިލިޓޭޓްކުރެވި އަނބުރާ މުޖުތަމައަށް ގެންދެވޭނެ ގޮތް ހެދެން ޖެހޭ ކަމަށް ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި ގައިދީންނަށް ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމާއި އެޕްރޮގްރާމްގެ ތެރެއިން ކުރިޔަށް ގެންދިޔަ ސެޓްފިކެޓް 1 އިން ހައުސްވަޔަރިން އެންޑް އިލެކްޓްރިޝަން ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ގައިދީންނާ މެދު ދެކެން ޖެހޭނީ އަދި ބަލަން ޖެހޭނީ އިހުތިރާމާއި އިހުސާންތެރިކަމާ އެކު މަސައްކަތްކޮށް އަނބުރާ މުޖުތަމައަށް ނެރެވޭނެ ބައެއްގެ ގޮތުގައި ކަމަށެވެ.
"މުހިއްމުކަން ކުޑަ ހަމަ އެކަކުވެސް ނެތް ކަމަށާއި އެހެންވީމާ އެންމެންގެ އަމާޒަކަށްވެސް ވާންޖެހޭނީ، ޖަލުގައި ތިބި ގައިދީންނާއި ދޭތެރޭގައި އިހުތިރާމާއި އިހުސާންތެރިކަމާއި އެކު އަމަލު ކުރެވި އެފަރާތްތައް، އަނބުރާ މުޖުތަމައަށް އައުމުގެ ފުރުސަތު ހޯދައިދީ އާއިލާތަކާއި އެކު ދިރިއުޅެން މަގު ތަނަވަސްކޮށްދިނުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކޮށްދިނުން،" ފައިސަލް ވިދާޅުވި އެވެ.
ނައިބް ރައީސް ވަނީ ސެޓްފިކެޓް ލިބުނު މި ފަރާތްތަކަކީ އަލުން އަނބުރާ ޖަލަށް ގެނެވޭނެ މީހަކަށް ނުވުމުގެ ޢަޒުމް ކަނޑައެޅުއްވުމަށްވެސް އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ނައިބުގެ ވާހަކައިގައި ވަނީ މިޕްރޮގްރާމްގެ ކާމިޔާބީ ފާހަގަކޮށް، މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމުގެ މައްޗަށްވެސް އަލި އަޅުއްވާލައްވާފަ އެވެ.
މާފުށީ ޖަލުގައި ކުރިޔަށް ގެންދިޔަ ޑްރަގް ރިހެބިލިޓޭޝަން މިޕްރޮގްރާމްއަކީ، މަސްތުގެ ވަބާގައި ޖެހިފައިވާ ގައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
ހަތަރު މަރުޙަލާއަކަށް ކުރިއަށް ގެންދާ މިޕްރޮގްރާމް ފަށާފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގަ އެވެ. ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމާއި، ސެޓްފިކެޓް 1 އިން ހައުސްވަޔަރިން އެންޑް އިލެކްޓްރިޝަން ކޯސް ފުރިހަމަކުރި 32 ގައިދީނަށް މިއަދު ވަނީ ސެޓްފިކެޓް ދީފަ އެވެ.
މިރަސްމިއްޔާތުގައި މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބުދުﷲ އާއި މިނިސްޓަރު އޮފް ހެލްތު އަހުމަދު ނަސީމާއި، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ބައިވެރިވެވަޑައިގެންނެވި އެވެ.














