އިސްލާމްދީނަށް ފުރައްސާރަ ކުރި ލިޔުންތެރިޔާ ސަލްމާން ރުޝްދީއަށް ދިން ހަމަލާއަކީ "އިސްލާމްދީން ބަލައިގަންނާނެ ކަމެއް ނޫން" ކަމަށް މުސްލިމް ވޯލްޑް ލީގުގެ ސެކެޓްރީ ޖެނެރަލް ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގެ އަރަބް ނޫހަށް ދެއްވި އިންޓަވިއުގައި މުސްލިމް ވޯލްޑް ލީގުގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ބިން އަބްދުލް ކަރީމް އަލް އީސާ އެ ހަމަލާ ކުށްވެރި ކުރެއްވި އެވެ.
"އިސްލާމްދީނަކީ އަނިޔާވެރިކަމާ ދެކޮޅު ދީނެއް. ދީނީ އަދި ފިކުރީ ކަންކަމުގައި ފުރައްސާރަކޮށް، އިހްތިރާމް ކުޑަކުރި ނަމަވެސް، ރައްދު ދޭން ޖެހެނީ އަނިޔާވެރި ގޮތަކަށް ނޫން،" އޭނާ ވިދާޅުވި އެވެ.
އުމުރުން 75 އަހަރުގެ ސަލްމާން ރުޝްދީއަށް ވަޅިން ހަމަލާ ދިނީ ނިއު ޔޯކްގައި އޮތް އިވެންޓެއްގެ ތެރެއިން ސްޓޭޖް މަތީގައި ހުއްޓަ އެވެ. މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.
ހަމަަލާގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 24 އަހަރުގެ ހާދީ މަތާރް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އޭނާާ ބުނީ ސަލްމާން ރުޝްދީއަކީ އޭނާ ވަރަށް ފޫހިވާ މީހެއް ކަމަށެވެ.
"ދަ ސެޓެނިކް ވާސަސް" ގެ ނަމުގައި 1988 ގައި ނެރުނު ފޮތުގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފަައިވާ މައްސަލައިގައި ސަލްމާން ރުޝްދީއަށް މަރުގެ އިންޒާރު ތަކުރާރުކޮށް ދީފައިވެ އެވެ.
އޭނާ މަރާލަން ގޮވާލައި އިރާނުން ފަތުވާއެއް ވެސް ނެރުނެވެ. ފަތުވާއާ އެކު އިރާނު ސަރުކާރުން ސަލްމާން ރުޝްދީގެ ބޮލަށް ތިން މިލިއަން ޑޮލަރު ހުށަހެޅި އެވެ.










