އުރީދޫ މޯލްޑިވްސް އިން އައްޑޫ ހިތަދޫގައި ގާއިމް ކުރެވިފައިވާ އެކްސްޕީރިއަންސް ސެންޓަރު (އޯއީސީ) އަދި ކްލަބް ޕްރިމިއާ ލައުންޖް އަޕްގްރޭޑްކޮށް މިއަދު ހުޅުވައިފި އެވެ.
މި ދެ ތަން ރަސްމީކޮށް ހުޅުވައިދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް އަދި ހެޑް އޮފް ކަސްޓަމަ ކެއާގެ ދިޔާނާ އަފީފެވެ.
އުރީދޫގެ އައު ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" ގެ ދަށުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް ބަދަލުތައް ގެނައީ، އެ ކުންފުނިން ބުނި ގޮތުގައި އައްޑޫގައި އުރީދޫގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ އަދަދު ހަލުވިކަމާއެކު އިތުރު ވާތީ، އެ ފަރާތްތަކަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ކަށަވަރުކޮށްދިނުމުގެ ގޮތުންނެވެ.
މި ގެނެވުނު ބަދަލާއެކު އަޅުގަނޑުމެންގެ އުއްމީދަކީ އުރީދޫ ހިދުމަތްތައް ލިބިގަތުމުގައި އައްޑޫ ސިޓީގެ ކަސްޓަމަރުން އިތުރު ފަސޭހައެއް ލިބިގެންދިއުން. އަޅުގަނޑުމެންގެ ބްރޭންޑް ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އާއި އެއް ގޮތަށް ކަސްޓަމަރުން އަޅުގަނޑުމެންނާ އެކު ކުރެވޭ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އަބަދު ވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން." ޚާލިދް އަލް-ހަމާދީ ވިދާޅުވި އެވެ.

ހިތަދޫ ލިންކް ރޯޑްގައި ހުންނަ އެކްސްޕީރިއަންސް ސެންޓަރުގެ ހިތްގައިމު މާހައުލެއްގައި، ތަފާތު އެކި އުފެއްދުންތަކާއި ހިދުމަތްތައް، އަވަސް އަދި ފަސޭހަ ގޮތެއްގައި ފޯރުކޮށްދޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.
އެ ސެންޓަރުން އުރީދޫ ލޮކޭޓް، އުރީދޫ މައިފައި، އަދި އުރީދޫ ސެޓަލައިޓް ފޯނުފަދަ އުރީދޫ އިން ފޯރުކޮށްދޭ ޑިވައިސްތައް ބޭނުންކޮށް، ތަޖުރިބާ ކުރުމުގެ ފުރުސަތު ކުރިއަށް އޮތްތަނުގައި ލިބޭނެ އެވެ.
އަޕްގްރޭޑްކޮށް އަލުން ހުޅުވި ކްލަބް ޕްރިމިއާ ލައުންޖަށް ވެސް ވަނުމާއެކު، ހިތްގައިމު މާހައުލެއްގައި އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް ބޭނުންވާ ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށް ދޭނެ ކަމަށް ވެސް އުރީދޫން ބުނެ އެވެ.










