ދިރިއުޅުމަކީ އެއްވެސް މީހަކަށް ފިނިފެންމަލުގެ ތަންމައްޗެއް ނޫނެވެ. އަޑިގުޑަން ރާސްތާ އެކެވެ. އުހުގައި ތިބީތީ އެ ފެންނަ މީހުންގެ އުފާވެރިކަން ދެކި މާޔޫސް ނުވާށެވެ. އެ މީހުންނަކީ އެމީހުންގެ ހަޔާތުގެ އަޑިގަނޑުން އަރައިގަނެ ވަގުތީ ހަމަޖެހުމެއްގައި ތިބި މީހުންނެވެ. ތޮށަލިދުޅައަށް ހިނގާ މި ދުނިޔޭގައި އެ ދުވަސް ތިބާ ކުރިމަތިންވެސް ފެންނާނެ އެވެ. ހަޔާތުގެ ދަތުރުގައި ދިމާވާ ކޮންމެ ކަމަކީ އަހަރުމެން ހިޔާރުކުރާ ކަންތައްތަކުގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ. އެއްވެސް ކަމެއް ލައިގަންނަނީ ހަމަހުރެފައެއް ނޫނެވެ. އުފަލަކަސް ހިތާމަޔަކަސް، ހަމަޖެހޭ ދިރިއުޅުމެއް ބިނާވަނީ އަހަރުމެންގެ ހިޔާރުކުރުންތަކުގެ މައްޗަށެވެ.
އަހަރެންގެ ޓިކްޓޮކް ފީޑުން މި ފަހަކަށް އައިސް ވަރަށް ގިނައިން ފެންނަ ވީޑިއޯ އެކެވެ. އިނގިރޭސި ބަހުން ވާހަކަ ދައްކާ އެ ވީޑިއޯގެ މައުލޫއަކީ 'ޗޫޒް ޔޯ ހާޑް' އެވެ. އަހަރެންނަށް ފަހުމުވި ގޮތުގައި 'ތިބާ ބޭނުން އުނދަގުލެއް ހިޔާރުކުރާށެވެ' އެއީ އެ މައުލޫއުގެ އެކަށީގެންވާ ދިވެހި ތަރުޖަމާއެކެވެ. އެ ވީޑިއޯގައި ދައްކާ ވާހަކަތަކަކީ ކިޔާލައި، އަޑުއަހާލުން ރަނގަޅު ވާހަކަތަކެކެވެ.
ކައިވެނީގެ އުފާވެރިކަން ދެމެހެއްޓުމަކީ އުނދަގޫކަމެކެވެ. ވަރިއެއްގެ ހިތި ތަޖުރިބާ ކުރަންޖެހުމަކީ ވެސް އުނދަގޫކަމެކެވެ. ތިބާ ބޭނުންވާ އުނދަގުލެއް ހިޔާރުކުރާށެވެ.
ކައިވެނީގެ އުމުރު ގުނަން ފެށޭނީ ހަނީމޫނަށްފަހު އެވެ. ހިޔާލެއް ފިކުރެއްނެތި މަޖަލުގައި ހޭދަކުރާ މާމުއިހަނދުވަރުގެ އުފާވެރި ދުވަސްތަކަށްފަހު ދެމަފިރިން ކުރިމަތިލަނީ ދިރިއުޅުމުގެ އިމްތިހާނާ އެވެ. އެކަކު އަނެކަކަށް އިހުތިރާމުކުރުމާއި، ދޫދިނުމަކީ ކައިވެނި ދެމެހެއްޓުމުގެ އަސާސް ބިނާވާ ތަނބުތަކެވެ. އެއީ ފަސޭހަ ކަމެއް ނޫނެވެ. ތިބާ ބޭނުންވާ ސާފު ގޮތެއް އޮއްވައި އެގޮތް އެއްފަރާތްކޮށް އަނބިމީހާ ނުވަތަ ފިރިމީހާގެ ބަހަށް ދީލާލުމަކީ އުނދަގޫކަމެކެވެ. އެ އުނދަގޫ ހިޔާރުކުރާ މީހަކު އެކުރާކަމަކީ އެ ވަގުތުގެ ހިތްހަމަޖެހުމުގެ މައްޗަށް ކައިވެނީގެ އުފާ އިސްކުރުމެވެ. ނުވަތަ ކައިވެނި ދެމެހެއްޓުމުގެ އުނދަގޫ ހިޔާރުކުރުމެވެ.
އަނެއް ކޮޅުން ވަރިއާމެދު ވިސްނާށެވެ. އުފާވެރިކޮށް އުޅުނު ކައިވެނި ރޫޅި، ގިނަފަހަރު ވަރިއާ ހަމައަށްދަނީ ހިޔާރުކުރި ކަންކަމުގެ ސަބަބުންނެވެ. ދޫނުދިނުމާއި، އަމިއްލަ އަދި ވަގުތުގެ ހިތްހަމަޖެހުން އިސްކުރެވުމަކީ ވަރީގެ ސަބަބުނަމަ، ހަގީގީ ސަބަބަކީ ދެ އުނދަގުލުގެ ތެރެއިން ތިބާ ހިޔާރުކުރި އުނދަގުލެވެ. ހަމައެގޮތަށް، އެ ކައިވެންޏަކީ އުފާވެރިކަމެއް ނެތް، އަނިޔާވެރިކަން ތަހައްމަލުކުރަންޖެހޭ ކައިވެންޏެއްނަމަ، ދެންވެސް އޮތީ ތިބާ ބޭނުންވާ އުނދަގުލެއް ހިޔާރުކުރުމެވެ. ވަރިއެއްގެ ތަޖުރިބާއާއެކު ހަޔާތެއް އަލުން ބިނާކުރެވޭތޯ އުޅުންތޯ ނުވަތަ އެކައިވެނީގެ ތެރޭގައި ދިރިތެޅުންތޯ އެއީ ތިބާ ހިޔާރުކުރަންޖެހޭ ކަމެކެވެ.

ފަލަކޮށް ހުރުމަކީ އުނދަގޫވާ ކަމެކެވެ. ހަށިހެޔޮކޮށް ދެމެހެއްޓުމަކީވެސް އުނދަގޫ ކަމެކެވެ. ތިބާ ބޭނުންވާ އުނދަގުލެއް ހިޔާރުކުރާށެވެ.
ފަލަ ކޮންމެ މީހަކު މި ވާހަކައަކަށް އެއްބަހެއް ނުވާނެ އެވެ. އެއީ ފަލަކޮށް ހުރުމުގެ އުނދަގޫ އަދި ތަހައްމަލުކުރަން ނުޖެހޭތީ އެވެ. ފަލަޔަސް މިހުރީ ހަމަ ފިޓުކޮށް ކަމަށް ބައެއް މީހުން ބުނާނެވެ. އެހެންނަމަވެސް، އިންސާނާއަށް ކުރިމަތިވާ ސިއްހީ މައްސަލަތަކުގެ ވަރަށް ގިނަ ސަބަބަކީ ހަށިހެޔޮނުވުންކަން އެއީ މިޒަމާނުގައި އެއާމެދު ބަހުސްކުރުމެއް ނެތް ސާބިތު ކަންކަމެވެ. ފަލަކޮށް ހުރުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކުގެ ސަބަބުން ޒާތީ އުފާތަކަށް އެޅޭ ހުރަހަކީ ކިހައިބޮޑު ތަކުލީފެއްކަން އެނގޭނީ އެކަން ތަހައްމަލުކުރަމުންދާ މީހަކަށެވެ. ދެކޭންތިބި ބަޔަކަށް ކޮށްލެވޭނީ އަންދާޒާއެކެވެ. އެހެންވީ ފަލަކޮށް ހުރުމަކީ އުނދަގޫ ކަމެކެވެ.
އަނެއްކޮޅުން، ހަށިހެޔޮކޮށް ހުންނަން އެކުރަންޖެހޭ މަސައްކަތަކީ ވެސް އުނދަގޫ ކަމެކެވެ. މިންހެޔޮ ކެއުމަކާއި، ހައްޓަށް ބުރަ ކަސްރަތުތަކެވެ. އެކަމަކު ގައިން އޮހޮރާ ދަލާއި، މަސްތަކަށް އެވާ ތަދާއެކު ވެސް ކުރިއަށް އެޅި ކޮންމެ ފިޔަވަޅަކުން ހަޔާތަށް ލިބޭނީ އާރޯކަމާއި ތާޒާކަމެވެ. އިސާހިތަކު އެކަމަކީ އާދައިގެ ކަމަކަށް ވެދެއެވެ. މި ދެ އުނދަގުލުގެ ތެރެއިން އުނދަގުލެއް ހިޔާރުކޮށް ބޭނުންވާ ނަތީޖާއެއް ނެރުން އޮތީ ތިބާގެ އަތްމަތީގަ އެވެ.
ދަރަނިވެރިވެގެން ދިރިއުޅެންޖެހުމަކީ އުނދަގޫކަމެކެވެ. ހޭދަކުރުމުގައި ހަރުދަނާވުމަކީ ވެސް އުނދަގޫ ކަމެކެވެ. ތިބާ ބޭނުންވާ އުނދަގުލެއް ހިޔާރުކުރާށެވެ.
ކޮންމެ ދުވަހެއްގެ ހެނދުނުގެ ނާސްތާއާއި މެންދުރުގެ ކެއުމަށް ދެތިންސަތޭކަ ރުފިޔާ ހޭދަކުރުމަކީ ތިބާ ހިޔާރުކުރިކަމެކެވެ. މަހުން މަހުން ދައްކާ އުސޫލުން އެންމެ ފަހުގެ ފޯނެއް ގަތުމަކީ ތިބާ ހިޔާރުކުރި ކަމެކެވެ. މަހުން މަހުން ދައްކާ އުސޫލުން ސައިކަލާއި، އެނޫންވެސް އެފަދަ ސާމާނުތައް ހޯދުމަކީވެސް ތިބާ ހިޔާރުކުރި ކަމެކެވެ. އެނޫން ގޮތްގޮތް އެކަމުގައި އެބަހުއްޓެވެ. ވަޒީފާއިން ލިބޭ އާމްދަނީ ހޭދަކުރަންވާނީ ބޭނުންޖެހޭ ކަންކަމަށެވެ. ބޭނުންވާ ކަންކަމަށް ހޭދަކުރަންވާނީ އޭގެ ފަހަށް ބާކީ އޮތް އެއްޗެކެވެ. ހަރުދަނާކަމެއް ނެތް ހަރަދުކުރުންތަކަށްފަހު ރައްޓެހިން އަތުން ނަގާ ލޯނުތަކުގެ ދަށުވެ، ލޯނު އަނބުރާ ނުދެއްކި ރައްޓެހިންނާ މޫނުކެނޑޭ ހިސާބަށް ދަނީ އަމިއްލައަށް ނިންމި ނިންމުންތަކުގެ ސަބަބުން ނޫންހެއްޔެވެ؟
ހޭދަކުރުމުގައި ހަރުދަނާވާށެވެ. ހެނދުނުގެ ނާސްތާއަށްފަހު އޮފީހަށް ދިއުމާއި، މެންދުރުގެ ކެއުން ގެއިން ގެންދިއުމަކީ މުށްބާރުވުމެއް ނޫނެވެ. އެއީ ހޭދަކުރުމުގައި ހަރުދަނާވުމެވެ. އެންމެ ފަހުގެ މޮޅު ފޯނު ގެންގުޅެގެން ހިތަށްލިބޭ ހަމަޖެހުން ގުރުބާންކޮށް، އަމިއްލަ މާލީ ހާލަތާއި އެކަށީގެންވާ ދިރިއުޅުމެއް ހިޔާރުކޮށް ދެމެހެއްޓުމަކީ އުނދަގޫކަމެކެވެ. އެހެންނަމަވެސް ހޭދަކުރުމުގައި ހަރުދަނާވުމަކީ އެއީ އެވެ.
ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަކީ އުނދަގޫ ކަމެކެވެ. މުއާމަލާތު ނުކޮށް ތިބުމަކީ ވެސް އުނދަގޫ ކަމެކެވެ. ތިބާ ބޭނުން އުނދަގުލެއް ހިޔާރުކުރާށެވެ.
ހިތްހަމަނުޖެހުމާއި، ރުޅިއާއި، ފޫހިވުމަކީ އިންސާނީ ފިތުރަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އާއިލާކަމުގައިވިޔަސް ރަހުމަތްތެރިންކަމުގައި ވިޔަސް އަދި ސިޔާސީ ވާދަވެރިން ކަމުގައި ވިޔަސް އެކަން އޮތީ އެހެނެވެ. މީހެއްގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން ހިތްހަމަނުޖެހޭ ގޮތްވުމަކީ ވަރަށް ތަބީއީ ކަމެކެވެ. ދެން އޮތީ އޭގެ ފަހަށް އަމަލުކުރަންވީ ގޮތެވެ. ޖެހުނު މައްސަލައާމެދު ވާހަކަ ނުދެއްކޭނަމަ އެ މައްސަލައަށް ހައްލެއް ނާންނާނެ އެވެ. ހިތްހަމަނުޖެހުމުން އެކަމާމެދު އަނެކާއާ ވާހަކަދެއްކުމަކީ ގިނަފަހަރަށް ވަރަށް އުނދަގޫ ކަމެކެވެ. އެ އުނދަގޫ ތަހައްމަލުކޮށް، އެކަމާ ކުރިމަތިލުމުގެ ބަދަލުގައި ހަނުހުރުމާއި ފެއަށްޖެހުން ހިޔާރުކޮށްފިނަމަ، އެއީ ގުޅުމެއްގައި ޖެހޭ ނިމުމުގެ ސިއްކައަށް މެނުވީ ނުވާނެ އެވެ. އެހެންވީމާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމުގެ އުނދަގުލާ ކުރިމަތިލުންތޯ ނުވަތަ އެކަހެރިވެ، ބާކީވުމުގެ އުނދަގުލާ ކުރިމަތިލުންތޯ އެއީ ތިބާ އިހުތިޔާރުކުރާ ކަމެކެވެ.
ވަށައިގެންވާ މާހައުލުގައި ހިނގާ ހުރިހާ ކަމެއްގެ މައްޗަށް އަހަރުމެންގެ ބާރެއް ނުހިނގަ އެވެ. އެހެންނަމަވެސް އެކަންކަމާމެދު އަހަރުމެން އަމަލުކުރާނީ ކޮންގޮތަކަށްތޯ ނިންމުން އޮތީ އަހަރުމެންގެ އަތްމަތީގަ އެވެ. އެއިން ކޮންމެ ގޮތަކީވެސް އުނދަގޫ ގޮތެކެވެ. ދެ އުނދަގުލުގެ އާހިރު ނަތީޖާއަށް ވިސްނުމަށްފަހު، ބޭނުންވާ އުނދަގުލެއް ހިޔާރުކުރަންވީ އެވެ.










