ލަންޑަން (އޮގަސްޓް 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބޯންމައުތު 3-0 އިން ބަލިކޮށް އާސެނަލުން ކުޅުނު ތިން ވަނަ މެޗުން ވެސް މޮޅުވެ ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، ވުލްވްސް އަތުން 1-0 އިން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުކޮށްދޭން ހެެރީ ކޭން ޖެހި ގޯލާ އެކު ޕްރިމިއާ ލީގުގެ ހާއްސަ ރެކޯޑެއް ގާއިމްކޮށްފި އެވެ.
މިއީ ފާއިތުވި 18 އަހަރު ތެރޭ އާސެނަލުން ލީގުގެ ފުރަތަމަ ތިން މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. މިއީ 2004-2005 ވަނަ އަހަރުގެ ސީޒަނުގައި އާސެން ވެންގާގެ ކޯޗުކަމުގައި އާސެނަލުން ޖެހިޖެހިގެން ތިން މޮޅާ އެކު ލީގު ސީޒަން ފެށި ފަހުން އެ ފަދަ ރެކޯޑެއް ދެމެހެއްޓި ފުރަތަމަ ފަހަރެވެ. އެ ފަހަރު އާސެނަލް ލީގު ނިންމާލީ ދެ ވަނައިގަ އެވެ.
އާސެނަލް އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީން މާދަމާ ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ކުޅޭނެ އެވެ. ނިއުކާސަލް އަތުން ރަނގަޅު ސްކޯ އަކުން މޮޅުވެގެން ސިޓީ އަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ.
ބޯންމައުތު ދަނޑުގައި ކުޅުނު މެޗުގެ ފަސް ވަނަ މިނިޓްގައި އާސެނަލަށް ލީޑުނަގައިދިނީ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑް އެވެ. މިއީ ގަބްރިއެލް ޖީސޫސް ބޯންމައުތުގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ގަބްރިއަލް މާޓިނެލީ އަށް ދިން ބޯޅައިން އޭނާ ޖެހި ޝޮޓް ބޯންމައުތު ކީޕަރު މާކް ޓްރެވާސް ފައިގައި ޖެހިފައި އައި ވަގުތު ރީބައުންސަކުން އޮޑެގާޑް ޖެހި ގޯލެކެވެ.
މެޗުގެ 11 ވަނަ މިނިޓްގައި އޮޑެގާޑް ވަނީ އާސެނަލްގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ އާސެނަލްގެ ބެން ވައިޓް ދިން ބޯޅައެއް އެ ޓީމުގެ ޖީސޫސް ފައިގައި ޖެހިފައި އޮޑެގާޑަށް ލިބުމުން ޖެހި ގޯލެކެވެ.
ދެ ވަނަ ހާފްގެ ކުރީކޮޅުގައި ބޯންމައުތުން އާސެނަލަށް ޕްރެޝަރު ކުރި އެެވެ. އެކަމަކު، އާސެނަލުން ވަނީ މެޗުގެ 54 ވަަނަ މިނިޓްގައި ތިން ވަނަ ގޯލު ޖަހައިފަ އެވެ. ހިލޭ ޖެހުމެއްގައި އާސެނަލުން ކުރި އެޓޭކެއްގައި އޭރިއާތެރެއިން ގްރޭނިޓް ޝަކާ ދިން ބޯޅަ އެ ޓީމުގެ ޑިފެންޑަރު، ވިލިއަމް ސަލީބާ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ.
މެޗުގެ 72 ވަނަ މިނިޓްގައި އާސެނަލްގެ ޖީސޫސް ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ، އެ ގޮތަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ. އޭގެ ފަހުން ޖީސޫސް އާއި އެޑީ އެންކެޓިއޭ އަދި އެމީލް ސްމިތު ރޯވް ޖެހި ބޯޅަތައް ބޯންމައުތު ކީޕަރު ޓްރެވާސް ވަނީ ހުއްޓުވައިފަ އެެވެ.

ވުލްވްސް ކޮޅަށް ގޯލު ޖެހުމަށް ފަހު ކޭން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅޭ ޓޮޓެންހަމުން ވުލްވްސް ކޮޅަށް މެޗުގެ ހަމައެކަނި ގޯލު ޖެހީ 64 ވަނަ މިނިޓްގަ އެވެ. ކޯނަރަކުން އިވާން ޕެރިސިޗް ބޮލުން ޖައްސާލި ބޯޅަ ކޭން ވަނީ ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ. މިއީ ކޭން ޕްރިމިއާ ލީގުގައި ޓޮޓެންހަމަށް ޖަހަދިން 185 ވަނަ ގޯލެވެ.
މިއާ އެކު ޕްރިމިއާ ލީގުގައި އެއް ކްލަބަކަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް ކޭން އަށް ލިބުނީ އެވެ. ކުރިން އެ ރެކޯޑް އޮތީ 184 ގޯލު ޖެހި ސިޓީގެ ކުރީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އަތުގަ އެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ކްރިސްޓަލް ޕެލަސް އިން ވަނީ 3-1 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ.
އެވަޓަން އާއި ނޮޓިންހަމް ފޮރެސްޓާ 1-1 އިން އެއްވަރުވިއިރު، ފުލަމް އިން ވަނީ 3-2 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ. މި މޮޅާ އެކު ފުލަމް ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެެވެ. މިރޭ ލެސްޓާ ސިޓީ ދަނޑުގައި ސައުތެމްޓަން ވަނީ 2-1 އިން މޮޅުވެފަ އެވެ. މިއީ މި ފަހަރު ލީގުގައި ސައުތެމްޓަންގެ ފުރަތަމަ މޮޅެވެ.












