މެޑްރިޑް (އޮގަސްޓް 19) - މެންޗެސްޓާ ޔުނައިޓެޑުން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯގެ ޑީލް ނިންމުމާ ގާތަށް ޖެހިލައިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކަސެމީރޯ، 30، ގަންނަން ޔުނައިޓެޑުން ފުރަތަމަ 60 މިލިއަން ޑޮލަރު ދައްކާނެ އެވެ. އަދި އޭނާ ޔުނައިޓެޑްގައި ދައްކާ ކުޅުމަށް ބަލާފައި އިތުރު 10 މިލިއަން ޑޮލަރު ދޭން ވެސް ޔުނައިޓެޑުން އޮތީ ތައްޔާރަށެވެ..
ޔުނައިޓެޑްގެ މި ހުށަހެޅުމަށް ރެއާލުން އެއްބަސްވާނެ ކަމަށް ސްޕެއިނާއި އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާއިރު، ކަސެމީރޯ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ޔުނައިޓެޑާ އެކު ސޮއިކުރާނެ އެވެ.
ރެއާލުން ކަސެމީރޯ ދޫކޮށްލަން ނިންމީ ލިބުނު ހުށަހެޅުން ރަނގަޅުވެފައި، އޭނާ ވެސް ކްލަބް ބަދަލުކުރަން ބޭނުންވާތީ އެވެ. ރެއާލުން ވަނީ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކަ މޮޑްރިޗްގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އަދި މިޑްފީލްޑް މަގާމު ޒުވާންކޮށްލުމުގެ މަސައްކަތް ދެތިން އަހަަރެއް ވަރު ކުރިން ރެއާލުން ފެށިއިރު، މެދު ތެރެއަށް ކުޅޭ ރަނގަޅު ތިން ޒުވާން ކުޅުންތެރިން އެބަތިބި އެވެ. އެއީ ފެޑެރީކޯ ވަލްވާޑޭ، އެޑުއާޑޯ ކަަމަވިންގާ އަދި އައުރޭލިން ޗުއަމެނީ އެވެ.
ކުރިން ބްރެޒިލްގެ ސައޮ ޕައޮލޯ އަށް ކުޅުނު ކަސެމީރޯ ވަނީ ރެއާލަށް ކުޅެދިން 336 މެޗުގައި އެ ޓީމަށް 31 ގޯލު ޖަހައި 29 ގޯލު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޖުމްލަ 18 ތަށި އެ ޓީމާ އެކު ހޯދިއިރު، އޭގެ ތެރެއިން އެންމެ ހާއްސަވަނީ ޗެމްޕިއަންސް ލީގު ފަސް ފަހަރު ހޯދުމެވެ.
ޔުނައިޓެޑުން އަންނަނީ އަޔަކްސްގެ އެންޓޮނީ ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ގޮތުން އެންޓޮނީ ގަންނަން ކުރި 80 މިލިއަން ޑޮލަރުގެ ބިޑް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.












