އިސްލާމްދީނަށް ފުރައްސާރަ ކުރި ލިޔުންތެރިޔާ ސަލްމާން ރުޝްދީއަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ނިއު ޔޯކްގެ ކޯޓުގައި ދައުވާތަކަށް އިންކާރުކޮށްފި އެވެ.
އުމުރުން 24 އަހަރުގެ ހާދީ މަތާރްއާ ދެކޮޅަށް އުފުލީ މީހަކު މަރާލަން މަސައްކަތް ކުރުމާއި މީހަކަށް ހަމަލާދިންކަމުގެ ދައުވާ އެވެ.
މީގެ ކުރިން ވެސް އޭނާ ވަނީ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އޭނާ ކޯޓުގައި ގާނޫނީ ވަކީލު މެދުވެރިކޮށް އެ ވާހަކަ ތަކުރާރުކޮށް ދައުވާތަކަށް އިންކާރު ކުރި އެވެ.
އެހެން ނަމަވެސް ފަނޑިޔާރު އަމުރު ކުރެއްވީ ކަފާލާތުގެ ފުރުސަތެއް ނުދީ އޭނާ ބަންދުގައި ބެހެއްޓުމަށެވެ.
އުމުރުން 75 އަހަރުގެ ސަލްމާން ރުޝްދީއަށް ވަޅިން ހަމަލާ ދިނީ މިދިޔަ ހުކުރު ދުވަަހުގެ ރޭ ނިއު ޔޯކްގައި އޮތް އިވެންޓެއްގެ ތެރެއިން ސްޓޭޖް މަތީގައި ހުއްޓަ އެވެ. މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.
"ދަ ސެޓެނިކް ވާސަސް" ގެ ނަމުގައި 1988 ގައި ނެރުނު ފޮތުގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފަައިވާ މައްސަލައިގައި ސަލްމާން ރުޝްދީއަށް މަރުގެ އިންޒާރު ތަކުރާރުކޮށް ދީފައިވެ އެވެ.
އޭނާ މަރާލަން ގޮވާލައި އިރާނުން ފަތުވާއެއް ވެސް ނެރުނެވެ. ފަތުވާއާ އެކު އިރާނު ސަރުކާރުން ސަލްމާން ރުޝްދީގެ ބޮލަށް ތިން މިލިއަން ޑޮލަރު ހުށަހެޅި އެވެ.










