ރޯމް (އޮގަސްޓް 15) - މި ސީޒަންގެ އިޓާލިއަން ލީގުގައި ރޯމާ ކުޅުނު ފުރަތަމަ މެޗުގައި ލިބުނު ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލިޔަސް، ރޯމާގެ ފޯވަޑްލައިނާ މެދު ހިތްހަމަޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ރަށުން ބޭރުގައި ރޭ ސަލެނިޓާނާ އަތުން ރޯމާ މޮޅުވީ 1-0 އިންނެވެ. މެޗުގައި ރޯމާގެ ހަމައެކަނި ލަނޑު ޖެހީ ބްރަޔަން ކްރިސްޓާންޓޭ އެވެ އެކަމަކު މި މެޗުގައި ރޯމާ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
"އަހަރެން ވަރަށް ހިތްހަމަޖެހޭ މި މެޗުގައި ފެނުނު ކަންތައްތަކާ މެދު،" މެޗަށް ފަހު ޓީމަށް ތައުރީފްކުރަމުން ވާހަކަދައްކަމުން މޮރީނިއޯ ބުންޏެވެ.
"އަހަރެން ވެސް ވަރަށް ބޭނުން ޓީމުން 4-0 ނުވަތަ 5-0 އިން މޮޅުވަމުންދާތަން ވަރަށް ހަމަޖެހިލައިގެން ބަލާލަން. އެކަމަކު މި މެޗުގެ ނަތީޖާ ހިފަހައްޓަން ޓީމުން ކުރި މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭ. އާންމުކޮށް މި ކަހަލަ މެޗުތައް ވަރަށް އުނދަގޫވާނެ ނުވަތަ ނިމޭނީ ބަލިވެގެން. އެކަމަކު މި މެޗުގެ ނަތީޖާ ތަފާތު."
މޮރީނިއޯ ވަނީ ރޯމާގެ މިޑްފީލްޑަރު ނިކޮލޯ ޒަނިއޯލޯ އާއި ޕައޮލޯ ޑިބާލާ އަށް ތައުރީފްކޮށްފަ އެވެ. އަދި އެ ދެ ކުޅުންތެރިންގެ ޕާޓްނަޝިޕްގެ ތަފާތު ފުރަތަމަ މެޗުގައި ވެސް ފެނިއްޖެ ކަމަށެވެ.
ރޯމާ އިން ވަނީ މި ސީޒަނަށް ގިނަ ކުޅުންތެރިންތަކެއް ގެނެސް، ޓީމު ވަރުގަދަކޮށްފަ އެވެ. އެހެންކަމުން، މި ސީޒަންގައި ރޯމާ އަކީ ލީގަށް ވާދަކުރާނެ ޓީމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަދި މޮރީނިއޯ އަކީ އޭނާ ކޯޗުކޮށްދޭ ޓީމުތަކުގައި ދެ ވަަނަ ސީޒަނުގައި ތަފާތު ދައްކާ ކޯޗެއް ކަމަށްވާތީ މި ސީޒަނުގައި ރޯމާ ގޮވައިގެން ލީގަށް ވާދަކުރާނެ ކަމަށް އެ ޓީމުގެ ސަޕޯޓަރުން ވެސް ތިބީ އުންމީދުގަ އެވެ. މޮރީނިއޯ ރޯމާއާ އެކު ފެށީ ވެސް ރަނގަޅަށެވެ. މިދިޔަ ސީޒަނުގައި އެ ޓީމާ ހަވާލުވެ، މޮރީނިއޯ ވަނީ ޔޫރަޕްގައި އަލަށް ފެށި ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ރޯމާ އަށް ހޯދައިދީފަ އެވެ. މިއީ ޔޫރަޕްގައި ރޯމާ އަށް ލިބުނު ފުރަތަމަ ތަށްޓެވެ.












