ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ރޭ ކުޑަ ހެންވޭރު އަތުން ޕެނަލްޓީ ޖަހައިގެން 4-1 އިން މޮޅުވެ، ކްލަބު ޓީނޭޖް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ފައިނަލްގެ ޖާގައަކާ އެކު، ޓީނޭޖަށް ވަނީ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގައި ކުޅުމުގެ ފުރުސަތު ލިބިފަ އެވެ. ކޮލިފިކޭޝަންގައި ދެން ވާދަކުރާނީ ދެ ވަނަ ޑިވިޝަންގެ ފައިނަލުން ހޯދި ބުރު ސްޕޯޓްސް ކްލަބާއި ދިވެހި ޕްރިިމިއާ ލީގުގެ ހަތް ވަނައިގައި އޮތް ސުޕަ ޔުނައިޓަޑް ސްޕޯޓްސް (ސަސް) އާއި ފުލުގައި ލީގު ނިންމާލި ދަ ގްރާންޑޭ އެވެ.
ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ޓީނޭޖުން ވަނީ އެ ޓީމުން ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. ޓީނޭޖުން ޕެނަލްޓީތައް ކާމިޔާބުކުރީ މިސްރުގެ މިޑްފީލްޑަރު އަހުމަދު މަހްމޫދާއި ޖައިލަމް އަހުމަދާއިި ނާހިލް އަލީ އަދި ބިދޭސީ ޑިފެންޑަރު ފުރްކަތުޔޯން ސަދީރިއްދީނެވެ.
ކުޑަ ހެންވޭރުގެ މުހައްމަދު ތިލްމީޒް ފޮނުވާލި ފުރަތަމަ ޕެނަލްޓީ ޓީނޭޖްގެ ގޯލްކީޕަރު މުހައްމަދު ހަސަން ވަނީ ދިފާއުކޮށްފަ އެވެ. ދެ ވަނަ ޕެނަލްޓީ ޝަހީމް އަބްދުލް ގާދިރު ކާމިޔާބުކުރި ނަމަވެސް، ސާދު ހޮސަމެލްދިން ފޮނުވާލި ތިން ވަނަ ޕެނަލްޓީ ދިޔައީ ބޭރަށެވެ.












