ކަށި ގޮއްވުމަކީ އެކަން ކުރާތަން ފެނުނަސް ބައެއް މީހުންނަށް އުނދަގޫވާ ކަމެކެވެ. ކަށި ގޮއްވުމަކީ ހުޅުތަކުގެ ބާރު ދޫވެ، ހާއްސަކޮށް އާތުރައިޓިސް އަށް މަގުފަހިވާ ކަމެއް ކަމަށް ގިނަ ބަޔަކު އަދިވެސް ގަބޫލުކުރެ އެވެ. އެކަމަކު މިކަމާ ގުޅިގެން މިހާތަނަށް ކޮށްފައިވާ ސައިންސް ދިރާސާތަކުން މި ބަހުސަށް ބާރުދޭ ހެއްކެއް ނުލިބެ އެވެ.
އެހެންވީމާ، ކަށި ގޮއްވުމުން ވާގޮތްތަކާއި ގެއްލުންތައް ދޫކޮށް މި ސުވާލަށް ގޮތެއް ނިންމާނަމަ ޖަވާބަކީ ނޫނެކޭ އެވެ. ކަށި ގޮއްވުމަކީ އާތުރައިޓްސް އަށް މަގުފަހިކުރާ ކަމެއް ނޫނެވެ.
ހާވާޑް މެޑިކަލް ޖާނަލްގައި ތަފްސީލުކޮށްދީފައިވާ ގޮތުން، އިނގިލިތަކުގެ ހުޅުތައް އެކި ގޮތަށް ލަނބައިގެން ކަށި ގޮއްްވާއިރު އެ ކިޔާ އަޑަކީ، ހުޅުތަކުގައި ހުންނަ، ހުޅުތައް ތެންމައިދޭން އެހީވެދޭ ސެނޯވިއަލް ނަމަކަށް ކިޔާ ދިޔާ މާއްދާގެ ތެރޭގައި ބޮކި އުފެދި، އެ ބޮކިތައް ފަޅައިގެންދާ އަޑެވެ. އިނގިލިތަކަށް ދެމުމުން ނުވަތަ ވަކި ގޮތަކަށް ލަންބާލުމުން އުފެދޭ ނެގެޓިވް ޕްރެޝާގެ ސަބަބުން މި ބޮކިތައް ފަޅައިގެންދެ އެވެ. އެހެންވީމަ، މި އަޑަކީ ކައްޓަށް ގޮތެއް ވެގެން، ނުވަތަ ދެ ކަށި ގޭނިގެން ނުވަތަ ޖެހިގެން އިވޭ އަޑެއް ނޫނެވެ.
ކަށިގޮއްވުމާއި އާތުރައިޓިސް ގުޅުވަނީ ކީއްވެ؟
އާތުރައިޓިސްގެ ގިނަ ވައްތަރުތަކެއް ހުރެ އެވެ. އާންމުކޮށް ހުޅުގޮއްވުން ގުޅުވަނީ އޮސްޓިއޯއާތުރައިޓިސް އާ އެވެ. އޮސްޓިއޯ އާތުރައިޓިސް އަކީ ހުޅުތަކުގެ ކޮޅުގައި ހުންނަ މަޑު ކަށިކޮޅު ނުވަތަ ޓިޝޫކޮޅު ހަލާކުވުމުން ނުވަތަ ގޭނެން މަދުވެރިވުމުގެ ސަބަބުން ހުޅުތައް ދުޅަވެ، ގިނަ ދުވަސްވާން ފެށުމުން ހުޅުތަކުގެ ހަރަކާތް ލަސްވެ، ނުވަތަ މުޅިން ހަރަކާތް ކެނޑޭން މެދުވެރިވާ އާތުރައިސް އެވެ.
އޮސްޓިއޯ އާތުރައިޓިސް ހަށިގަނޑުގެ ކޮންމެ ހުޅަކަށް ވެސް ޖެހިދާނެ އެވެ. އާންމުކޮށް ދިމާވަނީ، އަތުގެ ހުޅުތަކާއި އުނަގަނޑަށާއި ކަކުލާއި މައިބަދަ އަށެވެ.

ފަރުވާ ނުލިބި ގިނަ ދުވަސްވާ ވަރަކަށް ބަލީގެ އަލާމާތްތައް ގޯސްވެ، އިތުރުވާ އޮސްޓިއޯ އާތުރައިޓިސް ޖެހޭ ބައެއް ސަބަބުތަކުގެ ތެރޭގައި، ހުޅުތަކަށް އަނިޔާ ލިބުން، ޖެނެޓިކްސް، މާބޮޑަށް ފަލަވުން ނުވަތަ އޮބޭސިޓީ، ކަށި އުފެދުމުގައި ދިމާވާ މައްސަލައަކުން ނުވަތަ އަޔަން މާ ބޮޑަށް ގިނަވާ ޒާތުގެ ބައްޔެއް ހުރުން ފަދަ ސަބަބުތައް ހުރެ އެވެ. އެކަމަކު ކަށި ގޮއްވުމަކީ މި ވައްތަރުގެ އާތުރައިޓިސް ޖެހެން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.
އާތުރައިޓިސްގެ ނުރައްކާ ނެތަސް އާދަ ދޫކޮށްލުން ރަނގަޅު
ކަށި ގޮއްވައިގެން އާތުރައިޓިސް ޖެހުމުގެ ރިސްކު ނެތަސް، ކަށި ގޮއްވުމަކީ ދޫކޮށްލުން އެންމެ ރަނގަޅު އާދައެކެވެ. މާ ގިނައިން ކަށި ގޮއްވަން ފަށައިފިނަމަ، ހުޅުތަކުގެ ބާރު ބައެއް ފަހަރަށް ދޫވާ ގޮތް އެވެ. އެހެންނަމަވެސް މިއީ އާތުރައިޓްސް އަށް މަގުފަހިވާ ގޮތަށް ވާކަމެއް ނޫން ކަމަށް ވެސް ހާވާޑް ޖާނަލްގައި ބުނެފައިވެ އެވެ.
އެހެންވީމަ ލިމިޓްކޮށްގެން ކަށި ގޮއްވުމަކީ މައްސަލައެއް ނޫނެވެ. ބައެއް މީހުންނަށް، ކަށި ގޮއްވުމަކީ އަރާމު ލިބޭ ކަމެކެވެ. އެހެންވީމަ، އިނގިލި ތަކާމެދު މާބޮަޑަށް ބިރުގަން ހާސްވާންވީ ސަބަބެއް މިކަމުގައި ނެތެއް ނޫންހެއްޔެވެ.






