ރ. އަލިފުއްޓާ އެއް ފަޅެއްގައި އޮންނަ އެއްތިގިއްޔަކީ ގާތްގަނޑަކަށް 10 ހެކްޓަރުގެ ކުޑަ ރަށެކެވެ.
ބިޔަ ގަސްތަކާއި ރުއްތަކުން ފުރިފައިވާ އެ ރަށުގެ މެދަށްވާ ކަހަލަ ގޮތަކަށް ކަނޑޫ ގަސްތައް ގިނަ ޗަސްބިމެއް އޮވެ އެވެ. ރަށުގެ ބިމުގެ ޖާގައިގެ 30 ޕަސެންޓު ހިއްސާކުރާ މި ޗަސްބިމުގައި ގިނައީ ކަނޑޫ އާއީ ބޮޑަ ވަކި އެވެ. މަދުން ނަމަވެސް ކުރެދި އާއި ތަކަފަތި ހުރެ އެވެ. މުޅި ރަށަށް ބެލި ނަމަވެސް ގަސްތަކުން ނިވާނުވެ އޮތް ހަމައެކަނި ސަރަހައްދަކީ މި ޗަސްބިން އޮންނަ ސަރަހައްދެވެ.
މި ރަށުގެ ޗަސްބިމާއި ބިޔަ ޖަންގަލީގެ ސަބަބުން ގިނަ ވައްތަރުތަކުގެ ދޫނި މި ރަށުގައި ދިރިއުޅެ އަދި އައިސް އުޅެ އެވެ. އެންމެ އާންމުކޮށް ފެންނަނީ ކާޅާއި ކޮވެއްޔާއި ދަނޑިފުޅުދޫނީގެ އިތުރުން ރޭރާއި މާކަނަ އާއި ފިނދަނަ އެވެ. މި ޗަސްބިންތަކުގައި ހިނގާ އަނެއް ކަމަކީ ގިނަ އަދަދަކަށް މަދިރި އާލާވުމެވެ.
އެއްތިގިލީގައި މަދިރި ގިނަވަރަކީ، ޖެހިގެން އޮންނަ އަލިފުއްޓަށް ވެސް ނުކަތާ ވަރެކެވެ. އަލިފުށި މީހުން ބުނާ ގޮތުގައި ހުޅަނގު މޫސުމުގައި އެއްތިގިލީގައި އުފެދޭ މަދިރީގެ އުނދަގޫ ބޮޑުކަމުން ދިރިއުޅުމަށް އުނދަގޫވާ ހިސާބަށް ވެސް ކަންކަން ދެ އެވެ. މިހެންވެ އެ ރަށު މީހުން ބޭނުންވަނީ މި ރަށުގެ ޗަސްބިން ނައްތާލާށެވެ.

ރ. އެއްތިގިލި: ޗަސްބިމެއް އޮންނަ މި ރަށުގައި ގިނަ އަދަދަކަށް ރުއް ހުރޭ. -- ފޮޓޯ: އަލިފުށި އޮންލައިން
އެ ރަށު ރައްޔިތުންގެ މި ކަންބޮޑުވުމުގެ އަޑު މުޅި ރާއްޖެއަށް އިއްވާލީ އާދިއްތަ ދުވަހު ކުރިޔަށްދިޔަ އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިންނެވެ. ސޯޝަލް ސެންޓަރުގައި ބޭއްވި އެ ކޮންގްރެސްގެ ބައިވެރިންނާ މުހާތަބުކުރަމުން އަލިފުށީ ކައުންސިލުގައި ހުންނަވާ އެމްޑީޕީ މެމްބަރު އިބްރާހިމް ޒަހީން ވިދާޅުވި ގޮތުގައި، އެ ރަށުގެ ގިނަ ބަޔެއްގެ އެދުމަކީ އެއްތިގިލި ހިމާޔަތްކުރުމުގެ ބަދަލުގައި ޗަސްބިން ނައްތާލާ މަދިރީގެ އުނދަގުލުން ސަލާމަތްވުމެވެ.
"އަޅުގަނޑުމެން، އަލިފުށީ ރައްޔިތުން މި ދިރިއުޅެނީ ވަރަށް ހާލެއްގައި އިނގޭތޯ. އެއީ މަދިރީގެ އުނދަގުލުގެ ސަބަބުން. އެއްތިނގިލީގައި އުފެދޭ މަދިރީގެ އުނދަގުލުގެ ސަބަބުން އަޅުގަނޑުމެންގެ ރައްޔިތުން ދަނީ ވަރަށް ދަތިއުނދަގޫތަކެއް ތަހައްމަލުކުރަމުން،" އޭނާ ވިދާޅުވި އެވެ.
ޕޯޑިއަމްގައި ހުންނަވާ އަލިފުށީ ރައްޔިތުންގެ އުދާސްތައް ބަންޑުންކޮށްލިއިރު ޒަހީން ވަނީ އެ ރަށު ރައްޔިތުންގެ ދުވަސްވީ އާދޭހަށް އުޅެއުޅު ހައްލެއް ނުލިބޭތީ، ރައްޔިތުން އެދޭގޮތަށް އެކަން ފަހިކޮށްދިނުމަށް ސަރުކާރާއި ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ތިބި އެ މާލަމުގައި ހަރުއަޑުން ގޮވާލާފަ އެވެ.
ޒަހީންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަބަދުވެސް ތިމާވެށީގެ ކަންކަމުގައި ރައުޔު އިއްވަވާ ނަޝީދު އެ ދުވަހު ތަފުސީލުކޮށްދެއްވީ އެއްތިގިލީގެ ގުދުރަތީ މާހައުލު ހިމާޔަތްކުރަން ޖެހޭ ސަބަބުތަކެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުން ގަބޫލުކުރާ ގޮތާ ހިލާފަށް ހިމާޔަތްކޮށްގެން ލިބޭނީ ފައިދާ ކަމަށެވެ.
"ހަގީގަތުގައި ހިމާޔަތްކުރީމާ މަދިރި މަދު ވާނީ. އެކަން ވަރަށް ބޮޑަށް ވިސްނަވަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.
އެކަމަކު ނަޝީދާއި ތިމާވެށި ހިމާޔަތްކުރުމުގެ އިސްކަންދޭ ސިޔާސަތުތައް ޕްރޮމޯޓުކުރާ މި ސަރުކާރުން އެ ރަށާ މެދުގައި ގެންގުޅެނީ ހަގީގަތުގައި ވެސް އެ ސިޔާސަތުތޯ ގަބޫލުކުރަން ދައްޗެވެ.
ސަބަބަކީ އެންމެ ފަހުން ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދޭން ހުޅުވާލި ރަށްތަކުގެ ތެރޭގައި މި ރަށާ އެކީ އަލިފުށީ ފަޅުން 10 ހެކްޓަރުގެ ބިމެއް ހިއްކައިގެން ރިސޯޓެއް ތަރައްގީކުރަން ހުޅުވާލުމެވެ. އޭރު މި ރަށުގައި ތިމާވެށީގެ ހާއްސަކަމެއް އޮވެގެން ރަށް ހިމާޔަތްކުރުމުގެ ވާހަކައެއް ނުވަތަ އެފަދަ ވިސްނުމެއް ގެންގުޅޭ ވާހަކައެއް އެއްވެސް ތަނެއްގައި ބަޔާންކޮށްފައި ނެތެވެ. އޭރު މިކަމުގެ ކަންބޮޑުވުން އުފުލި މީހެއް ވެސް ނެތެވެ.
ކޮންސަލްޓަންޓުންގެ ލަފަޔަކީ މި ރަށުގައި ރިސޯޓެއް ނުހެދުން
ޓޫރިޒަމްގެ ބޭނުންތަކަށް އެންމެ ފަހުން ދޫކުރަން ހުޅުވާލި ރަށްތަކުގެ ހާލަތު ބަޔާންކޮށް ކޮންސަލްޓަންސީ ފާމް، ސީޑީއީ ކޮންސަލްޓިން އިން ޓޫރިޒަމް މިނިސްޓްރީއަށް ތައްޔާރުކޮށްދިން އައިލެންޑް ސްކޯޕިން ރިޕޯޓުގައި މި ރަށާ ގުޅޭގޮތުން ފާހަގަކުރި އެއް ކަމަކީ އެއްތިގިލީގެ ވެއްޓަކީ ހާއްސަ ވެއްޓެއް ކަމަށެވެ.
އެގޮތުން ރަށުގެ އިރުމަތީ ފަރާތާއި، ޗަސްބިމުގެ ވަށައިގެން އުތުރާއި ހުޅަނގުގައި އޮންނަނީ ހުސް ރުކެވެ. އެ ރިޕޯޓުގައިވާ ގޮތުގައި ގަސްތައް މަދު ސަރަހައްދަކީ ވެސް އަލިފުށީ މީހުން ގަސްތައް ކެނޑުމުގެ ސަބަބުން ހުހަށް އޮތް ތަނެކެވެ. މިގޮތަށް ބޮޑު ސަރަހައްދަކުން ގަސްކަނޑާފައި ހުރިކަމަށް އެ ރަށުގެ ބިމުގެ ދިރާސާއިން ފާހަގަކުރެވުނެވެ.

ރ. އެއްތިގިލި: މިއީ ގާމަތީ ރަށަކަށް ވެފައި ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް އެކުލެވޭތީ މި ރަށުގައި ރިސޯޓެއް ހަދާ ލަފާ ނެތް. -- ފޮޓޯ: އަލިފުށި އޮންލައިން
އެއްތިގިލީގެ އެއްގަމު ވެށި ފަދައިން، އެ ރަށުގެ ވަށައިގެން އޮތް ފަރަކީ ވެސް ދިރުންހުރި ސިއްހަތު ރަނގަޅު ފަރެކެވެ. ހާއްސަކޮށް އިރުމަތީ ފަރަކީ ދިރޭ މުރަކަ ގިނަ ފަރެއް ކަމަށާއި، މި ފަރުގެ ކެނޑުންތަކާއި އެހެނިހެން ސިފަތަކަށް ބަލާއިރު މިއީ ފީނަން ރަނގަޅު ގިނަ އަދަދެއްގެ މަސް އުޅޭ ސަރަހައްދެއް ކަމަށް ރިޕޯޓުގައިވެ އެވެ.
މި ދިރާސަތަކާއި ސްޓޭކްހޯލްޑަރުންނާ އެކީ ބޭއްވި ބައްދަލުވުންތަކުގެ އަލީގައި ކޮންސަލްޓަންޓު ލަފާދިނީ މި ރަށުގައި ރިސޯޓެއް ތަރައްގީ ނުކުރުމަށެވެ. އެއީ ވެށީގެ ގޮތުން ހާއްސަ ސިފަތަކެއް އެކުލެވުމުގެ އިތުރަށް، ހިމުން ވެލި ހުންނަ ގޮނޑުދޮށެއް ރަށުގެ ވަށައިގެން ނެތުމާއި ރަށުގެ ވަށައިގެން އޮޔެ ގަދަވެފައި ރާޅު ބޮޑު ވީމައާ ވެސް އެކީގަ އެވެ. އަދި ރައްޔިތުން ކިތަންމެ އެދުނު ނަމަވެސް، މި ރަށުގައި ރިސޯޓެއް ތަރައްގީކޮށްގެން ހިންގަން ޑިވެލޮޕަރަށް އުނދަގޫވާނެ ކަމަށް ލަފާގައި ބުންޏެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި ރިޕޯޓަކީ ރިސޯޓު ރަށްތަކުގެ ބީލަން އިއުލާނުކުރުމުގެ ކުރިން އެކުލަވާލި ރިޕޯޓެކެވެ. މިހެންކަމުން އެއްތިގިލި ބީލަމަށްލީ ރިސޯޓެއް ހަދަން ނުފެންނަ ކަމަށް ކޮންސަލްޓަންޓު ލަފާދީފައި ވަނިކޮށެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ ރައްޔިތުންނާ ހަމައިން ތިމާވެށީގެ ގޮތުން ހާއްސަވެ ހިމާޔަތްކުރަން ޖެހިފައި، ރިސޯޓު ތަރައްގީކުރަން ކޮންސަލްޓަންޓު ނޫނެކޭ ބުނި ނަމަވެސް ރަށް ކުއްޔަށް ދިނުމުގައި މައްސަލައެއް ނެތީ ކީއްވެގެންތޯ އެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންނަށް ނޫނެކޭ ބުނެފައި އެހެން ކަންކަމަށް ބޭނުންކުރަން ހުއްދަވަނީ ކިހިނަކުންތޯ އެވެ.
މި ރަށަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް އެކުލެވިގެން ހިމާޔަތްކުރަން ޖެހޭ ނަމަ، ހިމާޔަތްކުރަން ޖެހޭނީ ހަމައެކަނި ރައްޔިތުން ބޭނުންކުރަންވީމައެއް ނޫނެވެ. އެހެން ހުރިހާ ބޭނުމެއް ވެސް ނުކުރެވޭ ގޮތަށް ހިމާޔަތްކުރަން ޖެހެ އެވެ.
ހަމައެހެންމެ، ވެށި ހިމާޔަތްކުރުމަކީ ރައްޔިތުންނަށް އެންމެ މަންފާ ބޮޑު ގޮތް ކަމަށް ސަރުކާރުން ގަބޫލުކުރަނީ ނަމަ އެކަން އެގޮތަށް ފަހިކޮށްދޭން މަސައްކަތް ކުރަން ޖެހެ އެވެ. ހިމާޔަތްކޮށްގެން ހުރިހާ ކަމަކަށް ހައްލު ލިބޭނެޔޭ ބުނުމުގެ ބަދަލުގައި ރައްޔިތުން އެދާ ކަންކަމަށް ވެސް ރިއާޔަތްކޮށްގެން އެދެވޭ ހައްލެއް ހޯދަން އެބަ ޖެހެ އެވެ.












