މާލެ ޓީ ޖެޓީ ފަޅުތަކުގައި ދޯނިފަހަރު ބަނދަރު ކުރަން އަނެއްކާވެސް 10ރ. ނަގަން ފަށައިފި އެވެ.
މާލެ އާއި ވިލިނގިލީގެ ފަޅުގެ ގަވާއިދުގައި ބުނާ ގޮތުން މާލެ ހުޅަނގު ބަނދަރުން ދާއިމީ ހުއްދައެއް ދެނީ ދުވާލަކު މީޓަރަކަށް 1ރ. ދައްކައިގެންނެވެ. އަދި ވަގުތީ ގޮތުން ފަޅުތެރޭގައި ދޯނި ބާއްވާ ފުރަތަމަ ތިން ދުވަހު މީޓަރަކަށް ދުވާލަކު 10ރ. ނަގާއިރު ދެވަނަ, ތިން ދުވަހަށް ނަގަނީ މީޓަރަކަށް ދުވާލަކު 15ރ. ގެ ރޭޓުންނެވެ.
ދޯނި ބަނދަރު ކުރަން ދުވާލަކު ނަގަމުން އައި 10ރ. ކޮވިޑު ހާލަތުގައި 1ރ. އަށް ކުޑަކުރި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ބުނީ ކޮވިޑާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކާގެ ހާލަތް މިހާރު އުވާލާފައިވުމާއި އަދި އާންމު ހާލަތަށް ބަދަލުވެފައިވާތީ، މާލެ ހުޅަނގު ދެކުނު ބަދަރުން ހިދުމަތް ހޯދަމުންދާ ރަށްރަށުގެ ފެރީތަކަށް ދީފާއިވާ ލުއި އަންނަ މަހުން ފެށިގެން އުވާލާނެ ކަމަށެވެ.
އެގޮތުން މާލެ ހުޅަނގު ދެކުނު ބަނދަރަށް ފެރީ ކައިރިކުރާ ވަގުތުން ފެށިގެން އުޅަނދުގެ ދިގުމިނުގެ މީޓަރަކަށް ގަޑިއަކު ނަގަމުން އަންނަ 1ރ. ގެ ބަދަލުގައި ދެން ނަގާނީ ކުރިން ވެސް ނަގަމުން އައިގޮތަށް އުޅަނދުގެ ދިގުމިނުގެ މީޓަރަކަށް ގަޑިއަކު 10 ރުފިޔާ ކަމަށެވެ.













