ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ރޭ ޖޭޖޭ ސްޕޯޓްސް އަތުން 3-0 އިން މޮޅުވިޔަސް، ޓެންޓް ސްޕޯޓްސް ކްލަބަށް ސެމީ ފައިނަލްގެ ފުރުސަތު ގެއްލި، ކުޑަ ހެންވޭރު ޔުނައިޓަޑަށް ސެމީގެ ޖާގަ ކަށަވަރުވެއްޖެ އެވެ.
ގުރޫޕް އެކެއްގައި ކުޅޭ މެޗުތައް ނިމުނުއިރު، ދެ ވަނައިގައި އޮތް ކުޑަ ހެންވޭރާއި ޓެންޓަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. އެކަމަކު, ލަނޑުގެ ތަފާތުން، ދެ ވަނަ ލިބުނީ ފައިދާ 16 ލަނޑާއެކު އޮތް ކުޑަ ހެންވޭރަށެވެ. ޓެންޓަށް ލިިބުނީ ފައިދާ 13 ލަނޑެވެ.
މި ގުރޫޕްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދަތުރުކުރީ ބުރު ސްޕޯޓްސް ކްލަބެވެ.
ސެމީގެ ޖާގައެއް ހޯދުމަށް ރޭގެ މެޗުން ހަތް ލަނޑު ތަފާތަކުން މޮޅުވާން މަޖުބޫރުވެފައި އޮތް ޓެންޓް އިން މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ މުހައްމަދު އިޔާން ހަސަން އާއި އުސާމަތު އިބްރާހިމެވެ. ދެ ވަނަ ހާފުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ އަނީސް އަބްދުﷲ އިބްރާހިމެވެ.
ޓެންޓަށް ސެމީގެ ޖާގަ ގެއްލުމުގެ އެއް ސަބަބަކަށްވީ ތާވަލްގެ ފުލުގައި އޮތް ކެޕިޓަލް ސިޓީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެ ޓީމު ހާޒިރުނުވުމެވެ. އެ މެޗު ކުޅެވުނު ނަމަ، ފަހު މެޗަށް ދިއުމުގެ ކުރިން ފައިދާ ގޯލު އިތުރުކުރުމުގެ ފުރުސަތު ޓެންޓަށް ލިބުނީހެވެ. ކެޕިޓަލް ސިޓީ އަށް ވަނީ އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ފިޔަވަޅު އަޅައިފަ އެވެ. އެއީ މި ފަހަރުގެ ދެ ވަނަ ޑިވިޝަންގެ ދެ މެޗަކަށް ހާޒިރުނުވާތީ އެވެ. އެ ޓީމަށް ޖެހިފައިވަނީ 80،000 ރުފިޔާގެ ޖޫރިމަނާއެއް ދައްކާށެވެ.
މި މުބާރާތުގެ ގުރޫޕް ދޭކުން، ކްލަބް ޓީނޭޖް ވަނީ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. މި ގުރޫޕް އެއް ވަނަ އާއި ދެ ވަނަ ކަށަވަރުވާނީ، މި ގުރޫޕްގެ ފަހު މެޗުގައި މިރޭ ނިއު ރޭޑިއަންޓާއި މަހިބަދޫ ބައްދަލުކުރާ މެޗުންނެވެ. މި މެޗުން ޕޮއިންޓެއް ހޯދިޔަސް، ނިއު އަށް ސެމީގެ ޖާގައެއް ކަށަވަރުވާނެ އެވެ. މި މެޗުން ނިއު މޮޅުވެއްޖެނަމަ، ނިއު އަށް ތާވަލްގެ އެއް ވަނަ މަގާމާ އެކު ސެމީގެ ޖާގައެއް ލިބޭނެ އެވެ. ނިއު ބަލިވެއްޖެނަމަ، ސެމީ އަށް ދާނީ ޓީނޭޖާއި އެލްޓީ އެވެ.












