މާލޭ "ޕްރިވިލެޖު"

މާލޭ "ޕްރިވިލެޖު"

ކުޑައިރު ކުޅެން އުޅުނީ ގޭދޮށު ކުދިންނާއެކުގައި މާލޭގެ ހިރަފުސްބޯ މަގުތަކުގައެވެ. ބަރުއުޅަނދަށް ނުވަދެވޭ ފަދަ ހަނި ދިގު ގޯޅިއެއްގެ ފުލުގައި ހުންނަ ގެއެއްގައި އުޅެބޮޑުވިކަމުން ނުވަދިހައިގެ އަހަރުތަކުގައި މާލޭގައި ގިނަވަމުންދިޔަ އިންޖީނުލީ ދުއްވާ ތަކެތީގެ އަޑުތަކާއި ދުމަކަށް އޭރު އަހަރެމެން އެހާ ފަރިތައެއް ނޫނެވެ. އޭރު އެންމެ ފޯރީގައި ކުޅުނު އެއް ކުޅިވަރަކީ، އެންމެ ހަލުވިކޮށް، ގޯޅީގައި ހުންނަ ހޮޅިދަނޑިތަކުގެ ކޮޅަށް އެރޭ ކުއްޖަކު ހޯދުމެވެ. އަންހެނެއް ފިރިހެނެއް ތަފާތުކުރުމެއް ނެތި ކުޅެންތިއްބާ ހުރިހާ ކުދިން ހިމޭންވެ ގޭގޭދޮށަށް ދުވަން ފައްޓާނީ ކޮންމެވެސް އެއް މަންމައެއް ގޮވާލާ އަޑަށް، ނުވަތަ ކޮންމެވެސް އެއް ބައްޕައެއްގެ ބައިސްކަލުގެ ރަނގަބީލު އަޑަށެވެ. އެ އަޑުތައް އިވުމާ ހަމައަށް މާލޭ މަގުމަތި އަހަރެމެންގެ ކުޅޭ ކޮޓަރިއަށް ހަދައިގެން ތިބެނީ ބިރެއް ނެތިއެވެ. އެ ކުޅިވަރަށް އަހަރެމެން ދޫކޮށްލައިގެން މައިންބަފައިން ތިބެނީ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުވާތީއެވެ.

ނަމަވެސް މިއަދު، ވެރިރަށް މާލެއިން ލިބޭ ވަޞީލަތްތަކަށް އެދޭތީ މި ތަނުގައި ގިނަ ބަޔަކު "ދިރިތެޅެނީ" މިތަނުގެ ނާމާން ކަމާއި ނުރައްކާތެރިކަމާއި، ވިހަކަމަށް ކެތްކުރުން ނޫން ގޮތެއް ނެތްކަން ބަލައިގަނެ ޤަބޫލުކޮށްގެންނެވެ. ހަގެއް، ދޮށްޓެއް، މިންތިއެއް ތަފާތުކުރުމެއްނެތި، ބިރަކާ ނުލައި މަގެއް މަތީ ހިނގާލުން މި ވަނީ ނުކުރެވޭ ކަމަކަށް ވެފައެވެ. ތޮއްޖެހިފައިވާ މާލޭގައި މީހުން ދިރިއުޅޭ ހިސާބުތަކުގައި "ދުނިޔޭގެ ހާމަ ވައި" ހޯދައިދިނުމަށް މީހުންގެ ގޯތިތަކަށް ބަދަލުދީ، ސަހަރާތަކުން ބައިއަޅައިގެން ފަރުމާކުރި ކަންމަތީ ޕާކުތައް ވެގެން ދިޔައީ "ގުރޫޕު" ކުދިންގެ ޖަގަހަތަކަށެވެ. ހެނދުނުގެ މީސްމަދު ވަގުތުގައި ހެންވޭރު އާޓިފިޝަލް ބީޗަށް ތުއްތު ދަރިފުޅު ގޮވައިގެން ހިނގާލަން ގޮސް އިށީންނާނޭ ހޮޅުއަށްޓެއް ހޯދަން ދެކޮޅު ބަލާލާއިރު ފެންނަނީ، ކޮންމެވެސް ސަބަބަކާހުރެ ރޭ ނިދާނޭ އެހެންތަނެއް ނެތުނީތީ، ހޮޅުއަށި މަތީ ކަރުދާހު ފޮށިއަޅައިގެން ނިދަން ތިބޭ ނިކަމެތީންނެވެ. ނުވަތަ އިއްޔެ މީހެއްގެ ލޯބި "ޕެޓް"ގެ ގޮތުގައި ގެންގުޅެ މިއަދު މަގުމަތިކޮށްފައިވާ ވަގުވާން ނޭނގޭ ވަގު ބުޅަލުގެ އާއިލާތަކެވެ. ފުރަމާލޭގެ ދުވާރު މަތީ ހަމަޖެހިގެން ދެ ފިޔަވަޅު އެޅުނިއްޔާ، ތިންވަނަ ފިޔަވަޅުގައި އޮންނާނީ މީހެއްގެ ގައިގައި ލައިގެންފައެވެ. އޮފީހަށްދާން ގެއިން ނިކުންނަނީ އަތުގައި އޮތް އެންމެ ރަނގަޅު ސެންޓުފުޅިން ސެންޓު ބުރުވާލައިގެންކަމަށްވިޔަސް، އޮފީހާ ހަމައަށް ދެވޭ އިރު، ގޭގައި ކެއްކި ރިހައިގެ ވަހާއި، ކަންމަތީގައި ހުރި މީހާ ބުއި ސިގިރޭޓުގެ ވަހާއި، އަޑީތެޔޮ ބަދަލުނުކޮށް ހުރި ސައިކަލަކުން އެރި ދުމުގެ ވަހުން، އެ ސެންޓުގެ ވަސް ހުންނާނީ ފަނޑުކޮށްލާފައެވެ. ވެލާނާގެއަށް އޮފީހަށް ދާ މީހާ ގެއިން ނިކުންނަށް މި ޖެހެނީ މަޖީދިއްޔާ ސްކޫލްދޮށުގައި ސައިކަލު ޕާކުކޮށްފައި ބާކީ ބައި ފައިމަގުގައި ދިއުމަށް ނިންމައިގެންނެވެ. ދެދުވަހުން އެއްދުވަހު ބޮޑު ސުރުޚީގައި މާރާމާރީއެއް ނުވަރަ އެނޫންވެސް ނޭއްގާނީ އަމަލެއްގެ ވާހަކައެވެ.

ދެން އެހެންވީރު، މި މާލެއަކާ އެންމެން މި އޮޅުލަނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބު ސާދާއެވެ. އެ ނޫން އެހެން ގޮތެއް ނެތީމައެވެ. މިއަދުވެސް، ޢާއްމު ބަލިތަކަށް ބޭނުންވާ ބޭސް ނުލިބޭ ރަށްރަށް އެބަހުއްޓެވެ. ބޭނުން ފެންވަރަށް ކިޔަވައިނުދެވޭ ސްކޫލްތައް އެބަހުއްޓެވެ. މާލެ ނޫން ތަނެއްގައި މާލޭގައި ލިބޭ ފެންވަރާ ގާތަށްވެސް ބޭސްފަރުވާ ލިބޭކަށް ނެތެވެ. އެކްސްރޭ މެޝިން ނުވަތަ ސްކޭން މެޝިން ހަލާކުވުމުން، އެ ނުހެދިގެން ފަރުވާ ނުދެވޭ ރީޖަނަލް ހޮސްޕިޓާތައް އެބަހުއްޓެވެ. އަދިވެސް ޢާއްމު ޚިދުމަތްދޭ ބައެއް ތަންތަނުގައި ޚިދުމަތްދޭން ރަށްފުށަށް ފޮނުވާލަނީ މާލެއަށް ކަމުދާ ފެންވަރު ނެތް މީހުންކަމަށް ބުނާނޭ ޖާގަ ލިބޭ ފަދަ ތަޖުރިބާތައް މީހުންނަށް ކުރެވިފައި ވެއެވެ. އަމިއްލަ ރަށުގައި ތިބެ އާމްދަނީއެއް ހޯދޭނޭ ފަދައެއް ނެތެވެ. އެ އުއްމީދުގައި މަތީ ތަޢުލީމު އުގެނެނީ ނަމަ، ތިމާ ޝައުޤުވެރިވާ ދާއިރާ ދޫކޮށް މަޖުބޫރު ވަނީ ތިމާއަށް ރަށުގައި ހުރެގެން އާމްދަނީ ހޯދޭނޭ ދާއިރާއަކުން އުގެނުމަށެވެ.

މި ހުރިހާ ކަމެއް މިހެން ހުރި އިރު، ދަރިފުޅު ކުޅޭނޭ ޖާގައެއް ނެތަސް، ކުޅެން ހުއްޓާ އަނިޔާއެއް ލިބިއްޖެނަމަ ވަގުތުން ފަރުވާ ދެވޭނޭ ފަދައެއް ހޯދުމަށްވެސް އެއްކަލަ މާލެ އެބަ ބޭނުންވެއެވެ. އަބަދު ގައިންގަޔަށް އަރާ ބަލިތައް ޖެހިގެން ވިޔަސް، ދަރިފުޅަށް އަސާސީ އަދި މަތީ ތަޢުލީމު އުނގަންނައިދިނުމަށް އަދިވެސް އެންމެ ރަނގަޅީ ހަމަ އެއްކަލަ ބައިބޯ މާލޭގައި ދިރިއުޅުމެވެ. އިޖުތިމާޢީ އެކި މައްސަލަތަކަށް ހުށަހެޅުމުގެ ހިރާސް ކިތަންމެ ބޮޑަސް، ރާއްޖޭގެ އިޤްތިޞާދުން ޙަޤީޤަތުގައި މިންވަރެއް ލިބޭނޭ މަގު އެންމެ ފަހީ، އަދިވެސް މާލޭގައި ހުރުމުންނެވެ.

ޙަޤީޤަތަކީ މިއީއެވެ. ރަށްފުށުގެ ޢާއިލާތަކުން މާލެއަށް ހިޖުރަކުރުމަށް މަޖުބޫރު ކުރުވަނީ ހަމަ ޙާލަތެވެ. މަރުކަޒު ވެފައިވާ ތަރައްޤީއެވެ. އަހަރެމެން މާލޭ ރަށްވެހިން، ކިތަންމެ ނިކަމެތި ޙާލެއްގައި އުޅެން ޖެހުނަސް ބަލައިގަންނަން ޖެހޭ ޙަޤީޤަތަކީ މިއީއެވެ. އަހަރެމެން މާލޭ މީހުންނަށް ވީތީ، އެހެން ހިސާބުތަކުގެ ދިވެހިންނަށް ނުލިބޭ ލުއިފަސޭހަތަކެއް ލިބިފައިވާކަމެވެ. އަލިފާންފޮއްޓެއްގައި ދިރިއުޅުނަސް، މަހު ކުލީގެ ވޭނާއި، އެޑްވާންސް ބުރައާއި، ބުރިބުރިވެފައިވާ ޢާއިލާތަކުގެ ތަޖުރިބާތަކާއި، މާލޭ ގޭގޭގައި "ގެންގުޅޭ ކުދިން"ގެ ގޮތުގައި ދިރިއުޅުނު މީހުންގެ ތަޖުރިބާ އަހަރެމެންނަށް ފަހުމުވެސް ނުކުރެވޭނޭކަމެވެ. މާލޭ މުއްސަންޖަކާއި އެހެންރަށަކުން މާލެއަށް ހިޖުރަކުރި މުއްސަންޖަކާ ދެމެދުވެސް ބޮޑެތި ފަރަގުތައް ހުންނާނޭ ކަމެވެ. މަލޭ ޕްރިވިލޭޖަކީ ޙަޤީޤަތެއް ކަމެވެ.

ޤައުމުގެ ތަރައްޤީ އެހެން ދިމަ ދިމާއަށް ލާމަރުކަޒު ނުވާހާ ހިނދަކު މާލެއަށް އުފަން މާލޭ މީހުން ޤާބޫލުކުރަން ވާނީ މާލޭގެ ހުރިހާ ވަޞީލަތްތަކަކީވެސް ޤައުމީ ވަޞީލަތްތަކެއް ކަމުގައެވެ. މާލޭ "ޕްރިވިލެޖު" ނެތްކަމަށް ބުނާނޭ ޖާގައެއް ނެތެވެ. އަހަރެމެން މާލޭ މީހުންގެ ތަޖުރިބާތަކާއި ވޭންތައް ރަށްފުށުގެ ތަޖުރިބާ ތަކާ އަޅައިކިޔަން ވާނީ ވަރަށް ފަރުވާތެރިވެ ތިބެގެންނެވެ. "ކުޑަ ސިޓީ"ގެ ޒަމާނުގައި ބަގުޑިބައްދައިގެން މިއަދު ތިބޭނީ ޖާހިލުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox