ދެ ވަނަ ޑިވިޝަން މުބާރާތުގައި މިރޭ ފަހަތުން އަރައި އެލްޓީ ސްޕޯޓްސް އަތުން 2-1 އިން މޮޅުވެ، ކްލަބް ޓީނޭޖް ސެމީ ފައިނަލްގެ ޖާގަ ހޯދިއިރު، މި މެޗުގެ ނަތީޖާއާ އެކު އެލްޓީ އަށް ސެމީގެ ޖާގައެއް ހޯދުމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ.
ގުރޫޕް ދޭއްގައި އެންމެ ފަހުން ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް އަތުން މޮޅުވި އެލްޓީ މިރޭގެ މެޗަށް ނުކުތްއިރު، ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރުމަށް ބޭނުންވީ އެންމެ ޕޮއިންޓެކެވެ. އަދި މެޗުން މޮޅުވެގެން، ތާވަލްގެ އެއް ވަނަ ވެސް އެ ޓީމަށް ލިބެން އޮތެވެ.
އެކަމަކު، މިރޭގެ މެޗުގެ ނަތީޖާއާ އެކު، އެލްޓީ އަށް ވަނީ ސެމީ އަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ. ސެމީ އަށް ދިއުމަށް، މިރޭގެ މެޗުން މޮޅުވާން މަޖުބޫރުވެފައި އޮތް ޓީނޭޖް ވަނީ އެ ޓީމުގެ އަމާޒު ހާސިލްކޮށްފަ އެވެ. ތޭރަ ޕޮއިންޓާ އެކު ޓީނޭޖް ވަނީ ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތް އެލްޓީ ވެސް 13 ޕޮއިންޓާ އެކު އޮތް ނަމަވެސް، ލަނޑުގެ ތަފާތުން ކުރި ލިބެނީ ޓީނޭޖަށެވެ. މި ދެ ޓީމަށް ވެސް މި ގުރޫޕްގައި ބާކީ ދެން މެޗެއް ނެތެވެ.
އެހެންކަމުން، ގުރޫޕްގެ ދެ ވަނަ މިހާރު އެލްޓީ އަށް ލިބެން އޮތް ހަމައެކަނި ގޮތަކީ ބުރާސްފަތި ދުވަހު ނިއު އާއި މަހިބަދޫ ކުޅޭ މެޗުން، ނިއު މޮޅުނުވުމެވެ. މި މެޗުން އެއް ޕޮއިންޓް ލިބުނަސް، ސެމީ ފައިނަލަށް ދާނީ ނިއު އާއި ޓީނޭޖެވެ. މި މެޗުން މޮޅުވެއްޖެ ނަމަ، ނިއު އަށް ތާވަލްގެ އެއް ވަނައިގެ ގޮތުގައި ސެމީގެ ޖާގައެއް ކަށަވަރުވާނެ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ 10 މިނިޓުގެ ތެރޭގައި ލީޑު ނަގައި، އެލްޓީން މިރޭގެ މެޗު ފެށީ ވަރަށް ރަނގަޅަށެވެ. އެލްޓީ އަށް ކުޅޭ ސްރީ ލަންކާގެ ގައުމީ ޓީމުގެ މިޑްފީލްޑަރު މިގަލަހަންދިގެ ޗަންގްލަން ޗަމީރާ އެ ޓީމަށް ލީޑު ހޯދައިދިނީ މެޗުގެ އަށް ވަނަ މިނިޓުގަ އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ، ޗަމީރާ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.
ޓީނޭޖުން މެޗުގެ ނަތީޖާ އެއްވަރުކުރީ 29 ވަނަ މިނިޓުގައި އެ ޓީމުގެ ބިދޭސީ ޑިފެންޑަރު ސާދިރުއްދީން އުގްލީ ކާމިޔާބުކުރި ލަނޑުންނެވެ. ކޯނަރަކުން އެލްޓީގެ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކަށް އަރައި، ސާދިރުއްދީން ވަނީ ގޯލަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ފުރަތަމަ ހާފު ނިމެނިކޮށް، އެލްޓީން ވަނީ ޓީނޭޖުގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ހިލޭ ޖެހުމަކުން އެލްޓީގެ ޗަމީރާ މެޗުގެ 44 ވަނަ މިނިޓުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި ހާފުގެ ފަހު މިނިޓުގައި، އެލްޓީގެ އިސްމާއިލް ވިފާގް (އިއްސޭ) ފޮނުވާލި ހަމަލާއެއް ވެސް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ޓީނޭޖުން އެ ޓީމު ކޮޅަށް މެޗު އަނބުރާލީ މެޗުގެ 82 ވަނަ މިނިޓުގައި މިސްރު ފޯވަޑް އަލީ އަހްމަދު އަލީ އަފީފީ ޖެހި ލަނޑުންނެވެ. އަރިމަތިން ޓީނޭޖުގެ ބިދޭސީ މިޑްފީލްޑަރު އަހުމަދު މަހުމޫދު އެލްޓީގެ ޑިފެންޑަރެއް ކައިރިން ދެމިގަތުމަށް ފަހު، އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އެއް ފަހަރުން އަފީފީ ވަނީ ގޯލަށް އަމާޒުކޮށްލައިފަ އެވެ.












