ސްޓެލްކޯގެ ޗެއާމަނަކަށް 1992ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވިއިރު އެ ކުންފުނީގެ ދަށުން ހިނގަމުން ދިޔަ ކުންފުންޏެއްގެ ވަޒީފާގައި އަހްމަދު ނާޒިމް ހުންނެވި އެވެ. އޭގެ ފަހުން އުފެދުުނު އެކުވެރި ގުޅުމާއެކު 1999 ވަނަ އަހަރު އެކުގައި ސިޔާސީ މަސައްކަތް ފެއްޓެވި އެވެ. 2015 ވަނަ އަހަރު ނާޒިމް ހައްޔަރުކުރަންދެކަށް އެ ގުޅުން ދެމި އޮތެވެ.
މިއަދު އެންމެ ގާތް އެކުވެރިޔާ ނާޒިމް ހުންނެވީ ޔާމީނާ ދެކޮޅަށް ޝަރީއަތަށް ހެކިބަސް ދެއްވުމަށް ވަޑައިގެންނެވެ. ވ. އާރަށް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއްގައި ޔާމީނަށް ދައުވާކޮށް ކްރިމިނަލް ކޯޓުގައި ހިނގަމުން ދިޔަ މައްސަލައިގަ އެވެ.
ޝަރީއަތުގައި އާންމުކޮށް އަމަލު ކުރާ އުސޫލުގެ މަތިން، މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުވާ ރައްދުވާ ފަރާތާ އެއްވެސް ގާތް ކަމެއް ނުވަތަ ދައުވާ ރައްދުވާ ފަރާތާ ދެކޮޅަށް އެއްވެސް އަދާވާތްތެރި ކަމެއް އޮތްތޯ ސުވާލު ކުރައްވައިފަ އެވެ.
"އެފަދަ އެއްވެސް ކަމެއް ނޯންނާނެ،" މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އެ ސުވާލު ކުރެއްވުމުން ޖަވާބުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ނާޒިމް ވިދާޅުވި އެވެ.
މައްސަލައަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި ބޮޑު މައްސަލައިގެ ތެރެއިން އެއް މުއާމަލާތުގެ މައްސަލައަކަށް ވިޔަސް ދައުލަތާއި ދިފާއުގެ ގިނަ ސުވާލުތައް އައީ ވެސް ޔާމީނާއި ނާޒިމްގެ ދެމެދު އޮތް ގުޅުމަށެވެ.

ޝަރީއަތުގެ މަޖިލިސް ފެށިގެން ދައުލަތުން ދިޔައީ ނާޒިމްއަށް ޔާމީން އެނގެން ފެށި ދުވަސްވަރުން ފެށިގެން، ޔާމީން ހިންގެވި ޓްރޭޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ނާޒިމް އުޅުއްވި ދުވަސްވަރާއި، ރައްޔިތުންގެ މަޖިލީހުގައި ވެސް ދެ ބޭފުޅުން އެކުގައި ކުރެއްވި މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލު ކުރަމުންނެވެ. އޭގެ ބޭނުމަކީ ޔާމީން ކުރެއްވި ކަންކަން ނާޒިމަށް އެނގުނީ އޮތް ގާތް ގުޅުމުގެ ސަބަބުން ކަން ބުނެދިނުމެވެ.
"ސްޓެލްކޯގައި އުޅުނު އިރު ވެސް ޔާމީންއަކީ ގާތް ބޭފުޅެއް، ދެން އެއްކޮށް ރައްޔިތުންގެ މަޖިލީހުގައި ވެސް، އެއްކޮށް ސިޔާސީ ޕާޓީ އުފައްދައިގެން ވެސް ވަރަށް އެއްކޮށް މަސައްކަތް ކުރިން، ރައްޓެހި ރަހުމަތްތެރިކަން ވެސް އޮތް، ސިޔާސީ ގުޅުންތައް ވެސް އޮތް،" ނާޒިމް ކިޔައިދެއްވި އެވެ.
ދިފާއުގެ ސުވާލުތައް ވެސް އައީ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ކަންކަމަށެވެ. އެއީ އޭރު ނާޒިމް އުމުރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައިވާތީ އެވެ. ދިފާއުން މަސައްކަތް ކުރީ ޔާމީނާ ދެކޮޅަށް ހެކިބަސް ދޭން ނާޒިމްގެ ޒާތީ ސަބަބުތަކެއް އޮންނާނެ ކަން ބުނެދިނުމަށެވެ. އެ ސުވާލުތަކުގެ ޖަވާބު ނާޒިމް ދެއްވީ ވެސް މަޖާޒީ ގޮތަކަށެވެ.
"މިހާރު ގާތް ރައްޓެހިންނެއް ނޫން، އަޅުގަނޑު ޖަލަށްލީއްސުރެން ޔާމީނާ އެއްވެސް މުއާމަލާތެއް ނެތް،" ނާޒިމް ވިދާޅުވި އެވެ.
"އެއީ އަޅުގަނޑަކީ މުއުމިނެއްވީމަ، މުއުމިނަކު ގަޔަކު ދެ ފަހަރަށް ކަށި ނުޖެހޭތީއޭ،" އެކުވެރިކަން ނިމުނު ސަބަބާ ގުޅޭ ގޮތުން ދިފާއީ ވަކީލުން ސުވާލު ކުރުމުން ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އުމުރު ދުވަހަށް ޖަލަށްލާން ސުޕްރީމް ކޯޓުން އޭޕްރީލް 2015 ގައި ހުކުމް ކުރީ އޭނާގެ މަސްލަހަތު އޮންނަ ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުން ލައްވައި، އެކި ކުންފުނިތަކުގެ ނަމުގައި އެސްޓިމޭޓްތަކެއް ހުށަހަޅައިގެން ސަރުކާރުގެ ޕްރޮޖެކްޓެއް ކާމިޔާބު ކުރި ކަމަށް ބުނާ މައްސަލައެއްގަ އެވެ. ޔާމީންގެ ވެރިކަން ނިމުމާއެކު ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލްކުރި އެވެ.
ނާޒިމްގެ ހެކިބަސް: ހިޔާނާތް ހިންގީ ޔާމީންގެ ދަރަނިތައް ދައްކަން
ނާޒިމް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތް ފެށިގެން އައުމާއެކު އެ ކަން ޔާމީންގެ ސަމާލު ކަމަށް ވަގުތުން ގެންދެވި އެވެ.
އެމްޕީއެލްއަށް އެމްއެމްޕީއާރުސީގެ ޗެކްތަކެއް ދިނުމަށް ފަހު ފަސް މިލިއަން ޑޮލަރު ނެގި މައްސަލަ ޔާމީނާ ހަމައަށް ގެންދެވީ ސީދާ އޭނާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭޕްރީލް 28، 2014 ގައި ޔާމީނާ ބައްދަލުކުރައްވައި އެ ވާހަކަ ދެންނެވި ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު އޭގެ ތަފުސީލު ޑޮކިއުމަންޓްތައް ވެސް ހުށަހެޅުއްވި ކަމަށް ވިދާޅުވި އެވެ.
ޔާމީންގެ ސަމާލު ކަމަށް ގެންދަވަން ޖެހުނު އިތުރު ސަބަބެއް ވެސް އޮތް ކަމަ ނާޒިމް ވިދާޅުވި އެވެ. އެއީ ފަސް މިލިއަން ޑޮލަރު ދައުރުކޮށް ޖަމާކޮށްދިން އެކައުންޓްތަކުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކެމްޕޭނަށް ފައިސާ ދިން ވިޔަފާވެރިވެރިންގެ އެކައުންޓްތައް ހިމެނޭތީ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ކެމްޕޭންގެ ދުވަސްވަރު ފައިސާ ހޯދައިގެން ގެެނެސް ދެއްވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. ޓރިޒަމް މިިނިސްޓަރަކަށް އަދީބު ހުންނެވިއިރު، އެ މިނިސްޓްރީގެ ދަށުގައިވާ އެމްއެމްޕީއާރުސީއަށް ރަށްރަށް ކުއްޔަށް ދޫށްކޮގެން ލިބޭ ފައިސާ ޖަމާވާ ގޮތަ ބަންޑާރަ ނައިބު ލަފާ ދިނީ ވެސް ވަރަށް ބޮޑަށް ރޭވިގެން ކަމަށެވެ.
"އަޅުގަނޑު ދެންނެވިން އެ ދުވަހު ޔާމީން ކައިރީ، އަޅުގަނޑަ މިހާރު ސާފު، މިއީ ރިޔާސީ އިންތިހާބުގެ ދަރަނި ދައްކަން ކުރާ ކަމެއް ކަން، އެ ދުވަހު ފިޔަވަޅު އެޅި ނަމަ 70 މިލިއަން ޑޮލަރުގެ ބޮޑު ހިޔާނާތް ހުއްޓުވިގެން ދިޔައިސް،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެ ފަދަ ކަންކަމަކީ ރައްޔިތުންގެ މަޖިލީހުގައި އޭނާއާއެކު ޔާމީން މަސައްކަތް ކުރެއްވިއިރު ދުވަސްވަރުގައި ޔާމީން އެންމެ ބޮޑަށް ދެކޮޅު ހެއްދެވި ކަންކަން ކަމަށެވެ.
ދައުލަތުން ކުރާ ދައުވާގައި ހިމެނޭ ކަންކަން
ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.
ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.
ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.
ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.
ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް މި ދައުވާތަކަށް އިންކާރު ކުރެ އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ބުނާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެއް ކަމަށެވެ. އެ ކަން ސާބިތު ކުރަން ކަމަށް ބުނެ އެ ދެ ފަރާތުން ވެސް ހެކިތަކެއް ހުށަހަޅާފައިވެ އެވެ.













