ކޮންމެ ކުއްޖަކުވެސް ދިރިއުޅުމަށް ތައްޔާރު ވުމަށް ދެ އަމަލީ މަސައްކަތް ދަސްކުރަން ޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސުކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮންމެ ދަރިވަރަކުވެސް ކާމިޔާބު މީހަކަށް ވާން ބޭނުންވާނެ ކަމަށެވެ.
އެކި ކުދިން ހާއްސަވާނީ އެކި ދާއިރާތަކުން ކަމަށާއި ކާމިޔާބީއަށް ވާސިލުވުމަށް ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ހުނަރާއި ގާބިލިއްޔަތު އަމިއްލައަށް ދެނެގަންނަން ޖެހޭ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ކޮންމެ ކުއްޖަކުވެސް ދިރިއުޅޭ ރަށަށް، އަވަށަށް އާއިލާއަށް ނުވަތަ އުޅޭ ވެއްޓަށް ފައިދާ ކުރާނެ ކަމެއް ކުރުމުގައި އުޅުން މުހިންމު. އަދި ދިރިއުޅުމަށް ތައްޔާރުވުމަށް މަދުވެގެން ދެ އަމަލީ މަސައްކަތް ދަސްކުރުން މުހިންމު،" މިނިސްޓަރު ވިދާޅުވި އެވެ.

ޖުމްލަ 92،300 ދަރިވަރުންނާއެކު، ދިރާސީ އައު އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ވަނީ ފަށާފަ އެވެ. ޖުމްލަ 217 ސްކޫލެއްގައި މި އަހަރު ކިޔަވައި ދޭ އިރު، އެ ސްކޫލުތަކުގައި 8364 ޓީޗަރުން މިއަހަރު ކިޔަވައި ދޭނެ އެވެ.













