މިނީ ބަހުގެ ހިދުމަތް ފެށުމާއެކު ފުރަތަމަ ދެ ހަފްތާ އެ ހިދުމަތް ދޭނީ ހިލޭ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ކޮންމެ މަސައްކަތެއް ފުރަތަމަ ފަށާއިރު ރަނގަޅު ކުރެވޭނެ ކަންކަން ފެންނާނެ ކަމަށެވެ. އެހެންކަމުން، ފުރަތަމަ ދެ ހަފްތާ ހިލޭ ދަތުރުތައް ކުރުމަށްފަހު އެންމެ މުހިންމު ކަމަށް ފެންނަ ސަރަހައްދުތަކަށް ބަދަލުތައް ގެންނަމުންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ 10 މިނެޓުން ހިނގާފައި ދެވޭ ހިސާބުގައި ބަސް ސްޓޮޕްތައް ބެހެއްޓުމަށް ކުންފުނިން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި އަމީނީ މަގާއި މަޖީދީ މަގާއި އޯކިޑްމަގު ހިމެނޭހެން މާލޭގެ ބޮޑެތި މަގުތަކުގައި މިނީ ބަސް ދުއްވަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަސް ފެށުމަށްފަހު ޑިމާންޑަށް ބެލުމަށްފަހު އެހެން ސަރަހައްދުތަކުން ދަތުރުކުރާގޮތަށް ހަމަޖެހޭނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
މާލޭގައި މިނީބަހުގެ ހިދުމަތް ފެށުމުގެ ގޮތުން މާލެ ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ގުޅިގެން އެމްޓީސީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މާލޭގެ ބޮޑެތި މަގުތަކުގެ ޕާކިން ޒޯނުތައް ހުސްކޮށް، ބަސް ދުއްވޭނެ މާހައުލެއް މަގުތަކުގައި ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ތައާރަފު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މި ސަރުކާރަށް ހަތަރު އަހަރުވީ އިރުވެސް އެ ވައުދު ނުފުއްދި އޮތް އިރު އެ ހިދުމަތް ފަށަން ތަފާތު ތާރީހުތައް ދީފައިވެ އެވެ.

މިނީ ބަހުގެ ހިދުމަތް ގާއިމްކުރުމަށް އެމްޓީސީސީން މިހާރު ވަނީ 36 މިނީ ބަސް ގެނެސް، ބަސްތައް ދުއްވަން މުވައްޒަފުން ތަމްރީނު ކުރަން ފަށައިފަ އެވެ.













