މާލެ ސްކޫލުތަކަށް މި އަހަރު ގްރޭޑް އެކަކަށް އަލަށް ވައްދާ ދަރިވަރިވަރުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މާލެ އާއި ވިލިމާލެ ސްކޫލަށް ވައްދަން އެދި 1797 ފޯމު ހުށަހަޅާފައިވާއިރު ހުޅުމާލެ ސްކޫލުތަކަށް 1200 ފޯމު ވަނީ ހުށަހަޅާފަ އެވެ.
"ޕީއެސްއެމް"ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ އެޑިޔުކޭޝަން ޕްރޮފެޝަނަލް އަހުމަދު ނަސީމް ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ގްރޭޑް އެކަކަށް ވަންވަން ގިނަ އަދަދެއްގެ ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
އެއީ ހަމައެކަނި މާލެ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކަށް ވަންނަން ހުށަހަޅާފައިވާ ފޯމުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ނަސީމް ވިދާޅުވީ މާލެ ސްކޫލުތަކަށް އަލަށް ވެއްދުމަށް 5000އަށްވުރެ ގިން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އެއީ މާލެ ސަރަހައްދުގެ ސްކޫލުތަކަށް އެހެން އަހަރުތަކުގައި ވައްދާ ދަރިވަރުންގެ އަދަދާ އަޅާ ބަލާއިރު 1500 އަށްވުރެ ގިނަ ފޯމު ކަމަށް އޭނާ ވިދާޅުވި އެވެ.
އެއް އަހަރުން އަނެއް އަހަރަށް ދިރާސީ އަހަރަށް މާލޭގެ ސްކޫލުތަކަށް ވަންނަ ކުދިންގެ އަދަދު އިތުރު ވަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެފައި ވާއިރު މި އަހަރު އަތޮޅު ތެރެއިން މާލެ ސަރަހައްދަށް 1500 ދަރިވަރުން ބަދަލުވާން އެދިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖުމްލަ 92300 ދަރިވަރުން މި އަހަރުގެ ދިރާސީ އާ އަހަރު ތައުލީމް ހާސިލް ކުރަމުން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. މިއީ ޕަބްލިކް އަދި ޕްރައިވެޓް ސްކޫލްތައް ހިމަނައިގެންނެވެ.












