ރިޕޯޓުކުރިއަށް އޮތީ ދަތި ދުވަސްތަކެއް، ހަރަދު ކުޑަ ކުރާނީ ކިހިނެއް؟

ކުރިއަށް އޮތީ ދަތި ދުވަސްތަކެއް، ހަރަދު ކުޑަ ކުރާނީ ކިހިނެއް؟

އިގްތިސޯދަށް ބަލާއިރު، ކުރިއަށް އޮތީ ދަތި ދުވަސްތަކެއް ކަމަށް މާލީ އިދާރާތަކުން ލަފާކުރޭ. މި ހާލަތުގައި ފަރުދީ ހައިސިއްޔަތަކުން ތިމާއަށް ހަރަދު ކުޑަ ކުރުމަށް ކުރެވެން ހުރި ކަންތައް ކުރުން މުހިންމު. އަތްމަތި ތަނަވަސްކޮށް ބޭއްވުމަށް އާމްދަނީ ލިބޭ އިތުރު ކަމެއް ކުރުން މުހިންމު.

ކުރިއަށް އޮތީ ދަތި ދުވަސްތަކެއް، ހަރަދު ކުޑަ ކުރާނީ ކިހިނެއް؟

އައިޝަތަކީ އެކަނިވެރި މައެކެވެ. މާލޭ ރައްޔިތަކަށްވީ ނަމަވެސް އޭނާ ދިރިއުޅެން ޖެހިފައި ވަނީ ދެ ދަރިންނާއެކު ކުޑަ އެޕާޓްމަންޓެއްގައި ކުއްޔަށެވެ. ޕްރައިވެޓް ކުންފުންޏެއްގައި ފުލްޓައިމް ވަޒީފާ އަދާކޮށްގެން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތީ، ރައްޓެއްސަކާ ގުޅިގެން ޝީއިން އިން ތަކެތި ގެނެސްދިނުމުގެ ކުޑަ ވިޔަފާރިއެއް ވެސް އޭނާ އަންނަނީ ހިންގަމުންނެވެ.

ދެ ވަޒީފާއިން ލިބޭ އާމްދަނީން ކުލި ދައްކާ، ދަރިންގެ ކަންކަން ކޮށްގެން ކުރިން އުޅެވޭ. އެކަމަކު މިހާރު އޮންނަނީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިފައި. ތަކެތީގެ އަގު ކިތަންމެ މައްޗަށް އުފުލުނަސް މުސާރައެއް ބޮޑެއް ނުވޭ," އޭނާ ބުންޏެވެ.

އައިޝަތުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ތަކެތީގެ އަގު އުފުލެމުންދާ ދިއުމާ އެއްވަރަށް މުސާރަ ބޮޑުނުވެ، ލިބޭ ކޮންމެ ފުރުސަތެއްގައި މުސާރައިން ބައެއް ކެނޑުމެވެ. ނަމަވެސް ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ޖެހިލާއިރަށް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ އެއްވެސް ވިޔަފާރިއަކަށް ކުރެވޭނެ ކަމެއް ނޫންކަން އައިޝަތު ވެސް ދަނެ އެވެ.

މިއީ ކުރިިމަތިވެފައިވާ އިސްތިސޯދީ ހާލަތު ނުވަތަ 'އިކޮނޮމިކަލް ކްރައިސިސް'ގެ ސަބަބުން އައިޝަތު ފަދަ އާންމު މީހުންނަށް ކުރަމުންދާ އަސަރެވެ.

އިގްތިސޯދީ ހާލަތު

ގައުމީ ސްޓެޓިސްޓިކަލް ބިއުރޯއިން މަހަކު އެއް ފަހަރު ނެރޭ ކޮންސިއުމާ ޕްރައިސް އިންޑެކްސްއަކީ ރާއްޖޭގެ އިގްތިސޯދަށް އަންނަ ބަދަލުތަކުގެ ސަބަބުން ތަކެތީގެ އަގަށް އަންނަ ބަދަލުތައް އެންމެ ފަސޭހައިން ދެނެގަނެވޭނެ އެއް މަންސަ އެވެ. އެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަހަރުގެ ޖޫން މަހާ ހަމައަށް އަގުތައް ވަނީ 5.19 ޕަސަންޓު އުފުލިފަ އެވެ.

އެ އެއް އަހަރު ތެރޭގައި އެންމެ ބޮޑަށް އަގުތައް އުފުލިފައި ވަނީ، އެންމެ ޒަރޫރީ ހިދުމަތްތައް ކަމުގައިވާ ކުއްޔާއި ފެނާއި ކަރަންޓުގެ އިތުރުން ގޭހާއި ދަތުރުފަތުރެވެ. ހަމައެއާއެކު ކާނާގެ ބާވަތްތަކާއި މަހާއި ފަރުނީޗަރާއި ސިއްހީ ފަރުވާ އާއި އަންނައުނުގެ އަގުތައް ވެސް ވަނީ މަތިވެފަ އެވެ.

ރާއްޖޭގައި ތަކެތީގެ އަގު އުފުލެމުންދަނީ ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު އުފުލެމުން ދާތީ އެވެ. ނަމަވެސް ސަބްސިޑީގެ ގޮތުގައި ބޮޑު ހޭދައެއްކޮށްގެން ސަރުކާރުން އަސާސީ މުދަލާއި ހިދުމަތްތަކުގެ އަގުތައް ހިފެހެއްޓުމުގެ ސަބަބުން، އެހެން ގައުމުތަކާ ނިސްބަތުން އަޅާބަލާއިރު، ރާއްޖޭގައި ހުރީ އިންފްލޭޝަން ކޮންޓްރޯލް ކުރެވިފަ އެވެ.

ކާރަކަށް ޕެޓްރޯލް އަޅަނީ؛ މިއަހަރުތެރޭ ތެލުގެ އަގު އުފުލުމުގެ ސަބަބުން ޕެޓްރޯލުގެ އަގުވެސް ވަނީ އިންތިހާއަށް އުފުލިފައި
ކާރަކަށް ޕެޓްރޯލް އަޅަނީ؛ މިއަހަރުތެރޭ ތެލުގެ އަގު އުފުލުމުގެ ސަބަބުން ޕެޓްރޯލުގެ އަގުވެސް ވަނީ އިންތިހާއަށް އުފުލިފައި

ކާރަކަށް ޕެޓްރޯލް އަޅަނީ؛ މިއަހަރުތެރޭ ތެލުގެ އަގު އުފުލުމުގެ ސަބަބުން ޕެޓްރޯލުގެ އަގުވެސް ވަނީ އިންތިހާއަށް އުފުލިފައި

ދުނިޔޭގެ އިގްތިސޯދަށް ކުރާ މިފަދަ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރާނީ ރާއްޖެފަދަ އިމްޕޯޓަށް ބަރޯސާވެފައި ތިބި ކުދި ގައުމުތަކަށެވެ. ކޮވިޑާއެކު ދުނިޔޭގެ އިގްތިސޯދު ވެއްޓުނު އަނދަވަޅުން އަރައި ނުގަނެވި އިގްތިސޯދީ އެތައް ކާރިސާތަކަކާ މިދަނީ ކުރިމަތިލަމުންނެވެ. ހިތާމައަކީ، ކުރިއަށް އޮތީ ވެސް ބަނަ ދުވަސްތަކެއް ކަމެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ފައިނޭންޝަލް އެޖެންސީތަކުން ވެސް ފާޅުކުރަމުން އެދަނީ އެ ކަންބޮޑުވުމެވެ.

ކުރިއަރާފައިވާ އިގުތިސޯދުތަކުގައި އިންފްލޭޝަން މަތިވުމާއި ޗައިނާގައި ކޮވިޑު ކޮންޓްރޯލް ކުރަން އަދިވެސް ލޮކްޑައުން ކުރަމުން ދިޔުމާ ގުޅިގެން ދުނިޔޭގެ އިގުތިސޯދީ ދުވެލި އިތުރަށް މަޑުޖެހޭނެ ކަމަށް އައިއެމްއެފުން ވަނީ ލަފާކޮށްފަ އެވެ. އެގޮތުން އެ އެޖެންސީން ވަނީ މި އަހަރު ދުނިޔޭގެ އިގުތިސޯދީ ކުރިއެރުން ހުންނާނީ 3.2 ޕަސެންޓުގައި އަދި އަންނަ އަހަރު 2.9 ޕަސެންޓުގައި ކަމަށް އަންދާޒާކޮށްފަ އެވެ. އެއީ އޭޕްރިލް މަހު ލަފާކުރި ވަރަށް ވުރެ މި އަހަރަށް 0.4 ޕަސެންޓު އަދި އަންނަ އަހަރަށް 0.7 ޕަސެންޓުގެ ދަށްވުމެކެވެ.

އައިއެމްއެފްއިން ފާހަގަކުރާ ގޮތުގައި މި ވަގުތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އިންފްލޭޝަނެވެ. އެ އިދާރާއިން ލަފާކުރަނީ ކުރިއަރާފައިވާ އިގުތިސޯދުތަކުގައި އިންފްލޭޝަން 6.6 ޕަސެންޓަށް މަތިވާނެ އެވެ. އަދި ކުރިއަރަމުން އަންނަމުން އިގުތިސޯދުތަކުގައި އިންފްލޭޝަން 9.5 ޕަސެންޓު މަތިވާނެ އެވެ. އެއީ ވެސް އޭޕްރިލް މަހުގެ ލަފާކުރުންތަކަށް ވުރެ، 0.9 ޕަސެންޓު އަދި 0.8 ޕަސެންޓު މަތި އަދަދުތަކެވެ.

މިހާރު މިއޮތް އިގްތިސޯދީ ހާލަތުން އަރައިގަތުމަށް އައިއެމްއެފުން ލަފާ ދެނީ، ހަރަދުތައް ކޮންޓްރޯލްކޮށް، ފައިސާގެ ސަޕްލަޔި ހިފެހެއްޓުމަށެވެ. އަދި އިންފްލޭޝަން މައިތިރިވަންދެން މި ފިޔަވަޅުތައް ދެމެހެއްޓުމާއެކު ޓެކްސް މަތިކޮށް ހަރަދުތައް ކުޑަކުރުމަށެވެ.

ގޯސްވަމުންދާ ހާލަތާ ގުޅިގެން ދިވެހި ސަރުކާރުން ވެސް ވަނީ ހަރަދު ކޮންޓްރޯލްކުރަން އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ލިބޭ ގޮތަށް ސަބްސިޑީ ނިޒާމު މުރާޖާކުރުމުގެ މަސައްކަތް ފަށާފަ އެވެ. އަދި އަންނަ އަހަރުން ފެށިގެން އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އުފުލުމުގެ މަސައްކަތް ފަށާފަ އެވެ.

އެންމެ މުހިންމީ ހަރަދު ކުޑަކުރުން

ޓެކްސް ބޮޑުކުރުމަކީ ގައުމުގެ އިގްތިސޯދަށްޓަކައި ގެންނަން މުހިންމު ބަދަލެއް ކަމުގައިވީ ނަމަވެސް އޭގެ އަސަރު އެންމެ ބޮޑަށް ކުރާނެ ބަޔަކީ އާންމު ރައްޔިތުންނެވެ. އެހެންކަމުން އެކަމާ ކުރިމަތިލުމަށް ފަރުދީ ހައިސިއްޔަތެއްގައި ތައްޔާރުވެ ތިބުމަކީ މުހިންމު ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވާފައިވާ ފަދައިން އިގްތިސޯދީ ހީނަރުކަމާ ކުރިމަތިލުމުގައި އެދެވޭ ނަތީޖާއެއް ނެރެވޭނީ ފަރުދީ ޒިންމާ އަދާކުރާ މިންވަރަކުންނެވެ. ހަރަދު ކުޑަކުރުމަށް ދޭ ސަމާލުކަމަކުންނެވެ.

އެންމެ މުހިންމު ކަމަކީ ހަރަދުތައް ކުޑަކުރުން. ކޮންމެ ކަމެއްގައިވެސް އިގްތިސޯދުކުރުމާއި، ފަހަށް ރައްކާކުރުމަށް ސަމާލުކަން ދިނުން. ކަރަންޓު ހަރަދު ކުޑަކުރުން، ހަކަތައިގެ ބާވަތްތައް ބޭނުންކުރާ މިންވަރު ދަށްކުރުން. މި ކަންކަމަކީ ފަރުދީ ގޮތުން ކުރަންޖެހޭ ކަންކަން.

ރައީސް ވިދާޅުވީ ފަރުދީ ގޮތުން ހަރަދު ކުޑަ ކުރުމުގެ ޖުމްލަ ނަތީޖާ ގައުމީ ފެންވަރުގައި ފެންނާނެ ކަމަށާއި، އޭގެ ސަބަބުން އިގްތިސޯދީ ގޮތުން ގައުމީ ފެންވަރުގައި އުފުލަންޖެހޭ ބުރަ ކުޑަވެގެންދާނެ ކަމަށެވެެ. އިގްތިސޯދީ ހީނަރުކަމެއް މެދުވެރިނުވެ، ކުރިއަށް ދެވޭނީ އެ މަގުން އަމަލުތައް ބަހައްޓައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ތައްޔާރުވެފައިވާ ފްލައިޓެއް؛ ބޮޑު ޗުއްޓީގައި ގިނަ އަދަދެއްގެ ދިވެހިން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ތައްޔާރުވެފައިވާ ފްލައިޓެއް؛ ބޮޑު ޗުއްޓީގައި ގިނަ އަދަދެއްގެ ދިވެހިން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ތައްޔާރުވެފައިވާ ފްލައިޓެއް؛ ބޮޑު ޗުއްޓީގައި ގިނަ އަދަދެއްގެ ދިވެހިން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި

އާންމު ރައްޔިތުން ހަރަދު ކުޑަކުރުމުގެ މުހިންމުކަން ހާމަ ކުރައްވާ ރައީސް ވާހަކަ ދައްކަވާފައި ވަނީ މިދިޔަ ޖޫން މަހެވެ. ނަމަވެސް އެއާ ވިދިގެން އައި ޖުލައި މަހު ލިބުނު ބޮޑު ޗުއްޓީގައި ވެސް އެތައް މިލިއަން ޑޮލަރު ރާއްޖޭގެ އިގްތިސޯދުން ބޭރުވެފައި ވެއެވެ. އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހު އެކަނި 24,957 މީހުން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ވެއެވެ.

ޖުލައި މަހު ރާއްޖެއިން އެންމެ ގިނަ ބަޔަކު ދަތުރުކޮށްފައި ވަނީ އިންޑިއާ، މެލޭޝިޔާ، ތައިލެންޑްގެ އިތުރުން ސްރީލަންކާ އަދި ދުބާއީ އަށެވެ. އެ އެންމެންނަކީ ޗުއްޓީއަށް ދަތުރުކުރި މީހުންނަށް ނުވެދާނެ އެވެ. ބައެއް މީހުން ދަތުރުކުރީ ބޭހަށެވެ. އަނެއްބައި މީހުން ދަތުރުކުރީ އާއިލާ ގާތަށެވެ. އަނެއްބައި މީހުން ވިޔަފާރިއަށެވެ. ކޮންމެއަކަސް، އިގްތިސޯދީ ހާލަތަށް ރިއާޔަތްކުރާއިރު، ރާއްޖެއިން ބޭރުވެގެން އެދިޔައީ އެތައް މިލިއަން ޑޮލަރެކެވެ.

ކޮންމެ ޓިކެޓަކަށް ބޭންކުން ދޫކުރާ 500 ޑޮލަރު އެކަނި ގުނަ ކުރި ނަމަވެސް އިގްތިސޯދުން ގެއްލިގެން އެ ދިޔައީ، 12 މިލިއަން ޑޮލަރު ނުވަތަ 192 މިލިއަން ރުފިޔާ އެވެ. ރާއްޖެއިން ބޭރަށް ދަތުރުކުރި ކޮންމެ މީހަކު ހަރަދު ކުރީ 3000 ޑޮލަރު ކަމަށް އަންދާޒާކުރި ނަމަވެސް އެއީ 1.1 ބިލިއަން ރުފިޔާ އެވެ.

ހަރަދު ކުޑަކުރެވޭނީ ކިހިނެތް؟

އިގްތިސޯދީ ތަޖުރިބާކާރު އާތިފް ޝަކޫރު ވިދާޅުވާ ގޮތުގައި، މި ދަނޑިވަޅުގައި ހަރަދު ކުޑަކުރުމުގެ ގޮތުން އާންމުންނަށް ކުރެވޭނެ މާބޮޑު ކަމެެއް ނެތެވެ. ކުރެވެން އޮތް ކަމަކީ ހަރަދަށް ބަލައިގެން އުޅުމާއި އާމްދަނީ އިތުރުކުރުން ކަމަށެވެ. ހަރަދުތައް ވީހާވެސް ކުޑަކޮށް، ބޭކާރު ގޮތުގައި ލާރި ހަރަދު ނުކުރުމެވެ.

އާތިފް ވިދާޅުވި ގޮތުގައި މި ދަނޑިވަޅުގައި އަތްމަތި ތަނަވަސް ކުރުމަށް ކުރެވޭނެ އެންމެ ބޭނުންތެރި ކަމަކީ އިތުރު އާމްދަނީއެއް ލިބޭނެ ގޮތެއް ހޯދުމެވެ. އޭނާ ވިދާޅުވީ އާމްދަނީ ހޯދުމަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން ވިޔަފާރިއެއް ފަށާ ވާހަކައެއް ނޫނެވެ. ގޭގައި ކޮންމެވެސް އެއްޗެއް ތައްޔާރުކޮށް ވިއްކުން ފަދަ ކަމެއް ކުރުމެވެ.

މިސާލަކަށް ގޭގައި ހެދިކާ ހަދައިގެން ވިއްކުމަކީ ވެސް ކުރެވިދާނެ ކަމެއް، އޭގެއިން ވެސް އިތުރު އާމްދަނީ އެއް ލިބޭނެ
ހުޚުމާލޭގައި ޖަހާފައި ހުރި ހެދިކާ ޓެންޓެއް؛ އިތުރު އާމްދަނީއެއް ހޯދުމަށް މިއީވެސް ކުރެވިދާނެ ރަނގަޅު ކަމެއް
ހުޚުމާލޭގައި ޖަހާފައި ހުރި ހެދިކާ ޓެންޓެއް؛ އިތުރު އާމްދަނީއެއް ހޯދުމަށް މިއީވެސް ކުރެވިދާނެ ރަނގަޅު ކަމެއް

ހުޚުމާލޭގައި ޖަހާފައި ހުރި ހެދިކާ ޓެންޓެއް؛ އިތުރު އާމްދަނީއެއް ހޯދުމަށް މިއީވެސް ކުރެވިދާނެ ރަނގަޅު ކަމެއް

ތެދެކެވެ. އިތުރު އާމްދަނީއެއް ހޯދޭނެ ގޮތްތައް އެބަހުއްޓެވެ. ނަމަވެސް އައިޝަތުމެން ފަދަ މީހުންނަށް މިކަމުގައި ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ވަޒީފާއަށް ގޮސް ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭތީ ރައްޓެއްސަކާ ގުޅުގެން ޝީއިން އިން ތަކެތި ގެނެސް ވިއްކަން ފެށި ނަމަވެސް އެކަން ވެސް މިއަދު އޭނާއަށް އޮތީ ދަތިވެފަ އެވެ. ޝީއިންގެ ޝިޕިން ރޭޓުތައް މަތި ކުރުމާއެކު، އެ ވިޔަފާރި ހިންގުމަށް ވެސް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނީ އެވެ.

އަމިއްލަ ވިޔަފާރިއެއް ރައްޓެއްސަކާއެކު ފެށީވެސް ދެ ދަރިން ބަލަމުން އެކަނި އެފަދަ ކަމެއް ނުކުރެވޭނެތީ ކަމަށް އައިޝަތު ބުނެ އެވެ. އެހެންކަމުން އިގްތިސޯދީ ހާލަތު ގޯސްވިޔަސް ދެން އިތުރުކަމެއް ކުރާނެ ވަގުތެއް އޭނާއަކަށް ނެތެވެ. ކުރެވެން އޮތީ އެންމެ ކަމެކެވެ. ހަރަދު ކުރުމުގައި ހިފެހެއްޓުމެއް ގެންގުޅުމެވެ. ކަރަންޓާއި ފެން ބޭނުންކުރުމުގައި އިސްރާފު ނުވާނެހެން އިތުރު ސަމާލުކަމެއް ދިނުމާއި، ގެއަށް ކާއެއްޗެހި ގަންނައިރު މުޅި މަހަށް ވާވަރަށް އެއްކޮށް އެއްޗެހި ގަތުމެވެ. އަދި ބޭރަށް ކާންދިއުން ފަދަކަންކަން ވީހާވެސް މަދުކުރުމަކީ ވެސް ހަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަން ކަމެވެ.

ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެކެވެ. ތިޔައީ އައިޝަތަށްވުރެ ފުދިގެން އުޅޭ މީހަކަށް ވެދާނެ އެވެ. ނޫނީ އައިޝަތަށްވުރެ ދަތި ހާލުގައި އުޅޭ މީހަކަށް ވެދާނެ އެވެ. ކޮންމެއަކަސް، ކުރިއަށް އޮތް ދުވަސްތަކާ ކުރިމަތިލާއިރު، ވީހާވެސް ހަރަދު ކުޑަކުރުމަކީ މުހިންމު ކަމެކެވެ.

ނިމާ ހަސަން

ޖާނަލިސްޓް

ނިިމާ ހަސަނަކީ އިޖުތިމާއީ ދާއިރާގެ ހަބަރުތަކާއި ރިޕޯޓުތަކަށް ހާއްސަ ނޫސްވެރިއެކެވެ. އެ ނޫނަސް އެހެން ދާއިރާތަކަށް ވެސް އޭނާގެ ގަލަން ހިނގަ އެވެ. "ދަޕްރެސް" އިން ނޫސްވެރިކަމުގެ ކެރިއަރު ފެށި ނިމާ ވަނީ 2019 ވަނަ އަހަރު އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނޯމިނޭޓުވެފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox