ލެސްޓާ (އޮގަސްޓް 4) - އެގާރަ އަހަރު ލެސްޓާ ސިޓީގައި ހޭދަކުރުމަށް ފަހު، ތަޖުރިބާކާރު ގޯލްކީޕަރު ކެސްޕާ ޝްމައިކަލް އެ ކްލަބް ދޫކޮށް، ފްރާންސްގެ ކްލަބް، ނީސް އަށް ބަދަލުވާން ނިންމައިފި އެވެ.
ޝްމައިކަލް ،35، ނީސްއާ ގުޅޭނެކަން ލެސްޓާ ސިޓީން ވެސް ވަނީ މީޑިއާ އަށް ކަށަވަރުކޮށްދީފަ އެވެ. ލެސްޓާގެ ތާރީހުގައި ވެސް އެ ޓީމުގެ ދުށް އެންމެ ކާމިޔާބު އަހަރުތަކުގައި ހޯދި ކާމިޔާބީތަކުގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ.
ލެސްޓާގެ ކެޕްޓަންގެ ގޮތުގައި ހުރި ޝްމައިކަލް ވަނީ އެ ކްލަބާ އެކު، އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ ޗެމްޕިއަންކަމުގެ އިތުރުން، ކޮމިއުނިޓީ ޝީލްޑެއް ވެސް ކާމިޔާބުކޮށްފި އެވެ.
ލެސްޓާ އަށް 479 މެޗު ކުޅެފައިވާ ޝްމައިކަލް، ނީސް އަށް ބަދަލުވާކަން ލެސްޓާ އިން ކަށަވަރުކޮށްދިން ނަމަވެސް، ޓްރާންސްފާ ފީގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ޝްމައިކަލް ނީސްއާ ގުޅުނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޝްމައިކަލްގެ ދަރިއެއް ކަމަށްވާ ކެސްޕާ ޝްމައިކަލް، ލެސްޓާއާ ގުޅުނީ 2011 ވަނަ އަހަރު އެވެ. އޭނާ ވަނީ ކުރިން މެންޗެސްޓާ ސިޓީ އަށް ވެސް ކުޅެފަ އެވެ. ލެސްޓާގައި އޭނާ ހޭދަކުރި 11 އަހަރުގެ ތެރޭގައި، އޭނާ ވަނީ ލެސްޓާގެ ސަޕޯޓަރުންގެ ލޯބި ހޯދައިފަ އެވެ.
ޑެންމާކް ގައުމީ ޓީމަށް 84 މެޗު ކުޅެދީފައިވާ ޝްމައިކަލް އަންނަނީ އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ގިނަ މެޗުތަކެއް ކުޅެމުންނެވެ. ލެސްޓާ އިން މިދިޔަ ސީޒަންތަކުގައި ކުޅުނު ގިނަ މެޗުތަކުގައި ޝްމައިކަލް ވަނީ އެ ޓީމުގެ ކެޕްޓަންކަން ކޮށް ޓީމު ލީޑުކޮށްފަ އެވެ.
އާ ސީޒަނަށް ނިސް ވަރުގަދަ ކުރުމުގެ ގޮތުން ވަނީ އާސެނަލާއި ޔުވެންޓަސް އަދި ރޭންޖާސް އަށް ކުޅުނު އާރޮން ރަމްސޭގެ ސޮއި ވެސް ހޯދައިފަ އެވެ.












