އިނގިރޭސިވިލާތުގެ ބާމިންހަމްގައި މިރޭ ރާއްޖޭގެ ބީޗްވޮލީބޯޅަ ގައުމީ ޓީމުގެ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)، ތިން ސެޓު ކުޅެގެން ރުވާންޑާގެ ވެނޫސްޓޭ ގަޓްސިންޒީ އާއި އޮލިވާ އެންޓަގެންގްވާގެ ޕެއާ އަތުން ބަލިވެއްޖެ އެވެ.
ބާމިންހަމްގެ ސްމިތުފީލްޑް ބީޗްވޮލީބޯޅަ ކޯޓުގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ ބީޗްވޮލީބޯޅަ އިވެންޓްގެ ފުރަތަމަ މެޗުން ރާއްޖޭން ވަރުގަދަ ކުޅުމެއް އޮސްޓްރޭލިއާއާ ދެކޮޅަށް ދެއްކި އެވެ. އެ މެޗުން ސީދާ ދެ ސެޓުން އޮސްޓްރޭލިއާ މޮޅުވި ނަމަވެސް ރާއްޖޭން ރަނގަޅު ފައިޓެއް ދިނެވެ.
މިރޭ ރުވާންޑާގެ ގަޓްސިންޒީ އާއި އެންޓަގެންގްވާ ކައިރީގައި ވެސް ރާއްޖޭގެ ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ މޮޅަށް ކުޅުނެވެ. އެކަމަކު، ނަތީޖާ ނެރުމުގައި ކާމިޔާބު ނުލިބުނީ އެވެ.
ފުރަތަމަ ސެޓު، 21-16 އިން ގަޓްސިންޒީ އާއި އެންޓަގެންގްވާގެ ޕެއާ ގެންދިޔަ ނަމަވެސް ދެ ވަނަ ސެޓު، 14-21 އިން ގެންގޮސް މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ފުރަތަމަ ފަހަރަށް މެޗެއް ތިން ސެޓަށް ގެންދިޔަ އެވެ.
ނަތީޖާ ނެރުނު ސެޓު، ގަޓްސިންޒީ އާއި އެންޓަގެންގްވާގެ ޕެއާ ގެންދިޔައީ 16-14 އިންނެވެ.

ރުވާންޑާގެ އެންޓަގެންގްވާ ޖަހާ ޝޮޓެއް ބްލޮކްކުރަން ރާއްޖޭގެ ކުޑަކާއްޓެ މަސައްކަތް ކުރަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ރާއްޖޭން ފުރަތަމަ ސެޓުގައި ހެދުނު ގޯސްތައް ދެ ވަނަ ސެޓުގައި ރަނގަޅުކުރި އެވެ. ގަޓްސިންޒީ އާއި އެންޓަގެންގްވާގެ ޕެއާ ދެ ވަނަ ސެޓާ ހަމައިން މުޅިން ކަހަލަ ގޮތަކަށް ޕްރެޝަރުގައި ކުޅެން ޖެހުނުއިރު، ނަތީޖާ ނެރެން ކުޅުނު ތިން ވަނަ ސެޓުގައި ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ވަނީ 07-11 އިން ވެސް ލީޑުކޮށްފަ އެވެ.
އެކަމަކު، މަޑުމަޑުން ފަރަގު ކުޑަކުރަމުން ގޮސް، ގަޓްސިންޒީ އާއި އެންޓަގެންގްވާގެ ޕެއާ ވަނީ ފުރަތަމަ 13-13 އިން އެއްވަރުކޮށްފަ އެވެ. އެކަމަކު، ކުޑަކާއްޓެ ވަނީ ރެފްރީގެ ނިންމުމަށް ޗެލެންޖްކޮށް، ވީޑިއޯ އިން ރިވިއު ކުރަން އެދިފަ އެވެ.
އެ ޗެލެންްޖް ކާމިޔާބުކޮށް، ފަހުން 13-14 އިން ލީޑުކޮށް، ރާއްޖޭން މެޗު ޕޮއިންޓާ ހަމައަށް ވެސް ދިޔަ އެވެ. އެކަމަކު، ޕްރެޝަރު ވަގުތުގައި ގަޓްސިންޒީ އާއި އެންޓަގެންގްވާ ވަނީ ހަމަޖެހިގެން ކުޅެ، ނަތީޖާ ނެރުމުގައި ތަފާތު ދައްކައިފަ އެވެ. މެޗު ޕޮއިންޓް ހޯދީ ނަސީބުގެ އެހީއާ ވެސް އެކީގަ އެވެ. އެންޓަގެންގްވާ ކުރި ސާވިސް ނެޓުގައި ޖެހިފައި ވެއްޓުނީ ކުރީ ޓޭޕަށެވެ.
ބީޗްވޮލީގެ ޕްރިލިމިނަރީ ގްރޫޕް ބީގެ އެއް ވަނައިގައި އޮތް އޮސްޓްރޭލިއާ އާއި ދެ ވަނައިގައި އޮތް ރުވާންޑާ ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް ރާއްޖެ އާއި ހަތަރެއްގައި އޮތް ދެކުނު އެފްރިކާ، ކޮންމެ ޓީމަކަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ބުދަ ދުވަހު މި ދެ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމަކަށް، އަނެއް ބުރަށް ދިއުމުގެ ފުރުސަތެއް އޮންނާނެ އެވެ. އެއީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރެއިން ކުރި ލިބިގެންނެވެ.












