އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ގައުމީ ބީޗްވޮލީ ބޯޅަ ޓީމުގެ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، އޮސްޓްރޭލިއާ ކައިރީގައި ދެއްކި ކުޅުމަކީ ރަނގަޅު ފެށުމެއްގެ ގޮތުގައި ގައުމީ ބީޗްވޮލީބޯޅަ ކޯޗު ވިނީިޝިއުސް މާޓިން ޖިއޯނީ ބުނެފި އެވެ.
ދުނިޔޭގެ ބީޗްވޮލީބޯޅައިގެ ގަދަ ފަހެއްގެ ތެރޭގައި ހިމެނޭ އޮސްޓްރޭލިއާގެ ކްރިސް މެކްހިއު އާއި ޕޯލް ބާނެޓްގެ ޕެއާ އަތުން ހޮނިހިރު ދުވަހުގެރޭ ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ބަލިވީ 21-13 އާއި 21-17 އަތުންނެވެ. މި މެޗުގެ ދެ ސެޓުގައި ވެސް ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ.
"ބަރާބަރު، މިއީ އަހަރެމެންނަށް ރަނގަޅު ފެށުމެއް އޮސްޓްރޭލިއާއާ ދެކޮޅަށް، އޮސްޓްރޭލިއާ އަކީ ޔަގީނުން ވެސް ވަރަށް ވަރުގަދަ ޓީމެއް. އެ މީހުން އެ އައީ އެއް ވަނަ ދިފާއުކުރަން. އަހަރެމެންނަށް މިއީ ރަނގަޅު ކުޅުމެއް ދެއްކުނު ދުވަހެއް. އަހަރެމެން މަސައްކަތް ކުރަނީ މޮޅުވާން. އެހެން ނަމަވެސް މި މެޗަށް ބަލާއިރު އަހަރެމެންނަށް ކަންތައްތަކެއް ދަސްކުރެވޭނެ. ޓީމަށް ޓަކާ އުފާކުރަން،" ވިނީޝިއުސް ބުންޏެވެ.
ސްރީ ލަންކާގައި މާޗް މަހު އޮތް ކޮމަންވެލްތު ކޮލިފައިންގައި ރާއްޖެ ދިޔައީ ދެ ވަނަ އެވެ. އެކަމަކު، އެފްއައިވީބީ އާއި ވީއޭއެމް އެކުގައި ކުރި މަސައްކަތުން ރާއްޖޭގެ އެއް ވަނަ ރޭންކް، ބީޗްވޮލީ ބޯޅަ ޕެއާ، ކުޑަކާއްޓެ އާއި އެޑަމް އަށް ކޮމަންވެލްތު ގޭމްސް އިން ފުރުސަތު ލިބުނީ އެވެ.
މިއީ ރާއްޖޭގެ ބީޗްވޮލީބޯޅަ ޓީމެއް ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ކައިރީގައި ދެއްކި ރަނގަޅު ކުޅުން ކުރިއަށް ގެންދަން ވިނީޝިއުސް ހުރީ ރަނގަޅު އަމާޒެއްގަ އެވެ.
"އަހަރެމެންގެ ފެށުން ރަނގަޅަށް މިދިޔައީ، އަދި އެބައޮތް ދެ މެޗު. އެ މެޗުތަކުގައި ރަނގަޅަށް ފައިޓް ކޮށްގެން، އެ ޓީމު އަތުން މޮޅުވެގެން އަނެއް ބުރަށް ދެވޭތޯ ބަލަންވީ،" ވިނީޝިއުސް ބުންޏެވެ.
ބީޗްވޮލީ ޓީމުގެ ދެ ވަނަ މެޗުގައި މިރޭ ކުޅޭނީ ރުވާންޑާގެ ގަޓްސިންޒީ އާއި އެންޓަގެންގްވާގެ ޕެއާއާ އެެވެ. އެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެެވެ. އޭގެ ފަހުން ގްރޫޕްގެ ފަހު މެޗުގައި ބުދަ ދުވަހުގެރޭ ދެކުނު އެފްރިކާގެ ގޯލްޑްޝްމިޑްޓް އާއި ވިލިއަމްސްގެ ޕެއާއާ ކުޅޭނެ އެވެ.












