އިނގިރޭސިވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ގައުމީ ބީޗްވޮލީ ބޯޅަ ޓީމުގެ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، އޮސްޓްރޭލިއާއާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށްފި އެވެ.
އެންމެ ފަހުން 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ބީޗްވޮލީބޯޅައިން ރަން މެޑަލް ހޯދީ އޮސްޓްރޭލިއާ އެވެ. އެ ޓީމު ރޭގެ މެޗަށް ނުކުތްއިރު ވެސް އޮތީ މެޗުން މޮޅުވާނެ ކަމަށް، އެންމެންގެ ނަޒަރުގައި ވެސް ފޭވަރިޓަކަށް ވެފަ އެވެ. ރާއްޖޭން ފުރަތަަމަ ފަހަރަށް ކޮމަންވެލްތު ގޭމްސްގެ ބީޗްވޮލީބޯޅަ އިވެންޓްގައި ވާދަކުރާއިރު، ފުރަތަމަ އަށް ކުޅުނު މި ތާރީހީ މެޗުގައި ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އޮސްޓްރޭލިއާގެ މެކްހިއު ކައިރިން ރާއްޖޭގެ ކުޑަކާއްޓޭ ޝޮޓެއް ފޮނުވާލަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
އޮސްޓްރޭލިއާގެ ކްރިސް މެކްހިއު އާއި ޕޯލް ބާނެޓްގެ ޕެއާ ކައިރީގައި ކޮންމެ ސެޓެއްގެ ވެސް ފުރަތަމަ 10 ޕޮއިންޓާ ހަމައަށް ރާއްޖޭން ވަރަށް ވަރުގަދަ އަށް ވިއްދި އެވެ. ދެ ސެޓުގެ ކުރީ ކޮޅުގައި އެއް ޕޮއިންޓުގެ ލީޑެއް ވެސް ނެގި އެވެ. އެކަމަކު، މެކްހިއު އާއި ބާނެޓްގެ ޕެއާ ފަހު ކޮޅުގައި މި ލެވަލްގެ ތަޖުރިބާގެ ތަފާތު ދައްކައި ސެޓު ނިންމާލަނީ އެވެ. މެޗުގެ ސެޓުތައް ދިޔައީ، 21-13 އާއި 21-17 އިންނެވެ.
ބާމިންހަމްގެ ސްމިތުފީލްޑް ބީޗްވޮލީބޯޅަ ކޯޓުގައި ރޭ އޮސްޓްރޭލިއާގެ މެކްހިއު އާއި ބާނެޓްގެ ޕެއާ ކައިރީގައި ރާއްޖޭގެ ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ކުރި ހިތްވަރަށް ސަޕޯޓަރުންގެ ތަރުހީބު ވެސް ލިބުނެވެ.
ހާއްސަކޮށް ފުރަތަމަ ސެޓުގައި މެކްހިއު އާއި ބާނެޓްގެ ޕެއާ، 5-4 އިން ލީޑުގައި އޮއްވައި، ރާއްޖެ އަށް ޕޮއިންޓް ލިބެންޖެހޭ ބޯޅައަކަށް ކުޑަކާއްޓެ، ރެފްރީގެ ނިންމުމަށް ޗެލެންޖްކޮށް، ވީޑިއޯ އިން ބަލައި، ޕޮއިންޓް ހޯދުމާ އެކު ސަޕޯޓަރުންގެ ތަރުހީބު ބޮޑުވި އެވެ.

އޮސްޓްރޭލިއާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މިއީ ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާގެ ބައިނަލްއަގުވާމީ ތިން ވަނަ މުބާރާތެވެ. މި ޕެއާ އެކުގައި މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުން އަންނަކަން، ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކޯޗު، ބްރެޒިލްގެ ވިނީޝިއުސް ޖިއޯނީ ވަނީ ފާހަގަކޮށްފަ އެވެ.
އެ ގޮތުން އޮސްޓްރޭލިއާއާ ދެކޮޅަށް ބްލޮކްތައް ރަނގަޅުކަން ފާހަގަކޮށް، ވިނީޝިއުސް ވަނީ ވިސްނުންތެރިކަމާ އެކު ޑިފެންސް ބޯޅަ އަށް ފަރުވާ ބަހައްޓަން ޖެހޭނެ ކަމަށް ބުނެފަ އެވެ.
ބީޗްވޮލީބޯޅަ ޓީމަށް ކޮމަންވެލްތު ގޭމްސްގައި ދެން އޮތީ ގްރޫޕް ސްޓޭޖުގެ އަނެއް ދެ މެޗެވެ. އެ ގޮތުން ދެންއެންމެ އަވަހަށް ކުޅޭނީ ހޯމަ ދުވަހުގެރޭ ރުވާންޑާގެ ގަޓްސިންޒީ އާއި އެންޓަގެންގްވާގެ ޕެއާއާ އެެވެ. އޭގެ ފަހުން ގްރޫޕްގެ ފަހު މެޗުގައި ބުދަ ދުވަހުގެރޭ ދެކުނު އެފްރިކާގެ ގޯލްޑްޝްމިޑްޓް އާއި ވިލިއަމްސްގެ ޕެއާއާ އެެވެ.












