ކުށަށް ހުށަހެޅޭ ކުއްޖަކު ގާނޫނީ ފިޔަވަޅާ ހަމައަށް ދިއުމުގެ ކުރިން އާއިލާއާއި އަވަށްޓެރިންނާއި ސްކޫލާއި ކައުންސިލާ އެންމެން ގުޅިގެން އެ ފަރުދަކު މުޖުތަމައަށް އަނބުރާ ގެނައުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީން ހއ. ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އެޅުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ ނުރައްކާތެރި ހާލަތްތަކަށް ނުވަތަ ކުށްކުށަށް ހުށަހެޅިގެންދާ ކުދިން އެންމެ ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް މުޖުތަމައަށް އަނބުރާ ގެނައުމުގެ މަސައްކަތަކީ ދުވަސްތަކެއް ވަންދެން އެކީ ހައްލު ނުކުރެވި އޮތް މައްސަލައެއް ކަމަށެވެ.
ހޯރަފުށީގައި ގާއިމް ކުރާ ހާފްވޭ ހައުސްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ސަރުކާރު ފުރަތަމަ ފެށީއްސުރެ ކުރަހާފައި އޮތް ރީތި މަގުތަކުގައި ހިނގަމުން އައިސް އޭގެ ނަތީޖާއާ ހަމައަށް ދެވޭ ހިސާބު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކުށްކުރާ މީހުންނަށް އަދަބެއް ދިއުމާ ހަމައަށް ދަނީ ވަރަށް ގިނަ ކަންކަން ފެއިލް ވެގެން ކަމަށާއި ކުށެއް ކޮށްގެން މީހެއްގެ މައްޗަށް ޝަރުއީ ޤާނޫނީ އަދަބެއް އަންނަނީ ތިންހަތަރު ކަމެއް ފުރިހަމައަށް އަދާ ނުކުރެވުމުން ކަމަށް އިމްރާން ވިދާޅުވި އެވެ.
އެ ގޮތުން ކޮންމެ މީހަކު ވެސް ފަރުދީ ގޮތުން ހިފަހައްޓަން ޖެހޭ ފަރުދީ އަދި ގާނޫނީ ހަމަތަކެއް ހުންނަ ކަމަށާއި އިންސާނާ އޭނާގެ އުމުރުގެ ތަފާތު ހާލަތްތަކުގައި މެދުވެރިވާ ކަންކަމުގެ ސަބަބުން އޭނަގެ އަމިއްލަ ނަފްސު ހަމަތަކުގައި ނުހިފެހެއްޓި ފެއިލްވެއްޖެއްޔާ ފުރަތަމަ ލެވެލް ފަހަނައަޅައި ދިޔައީ ކަމަށެވެ.

ކުށަށް ހުށަހެޅޭ ކުއްޖަކު ގާނޫނީ ފިޔަވަޅާ ހަމައަށް ދިއުމުގެ ކުރިން އާއިލާއާއި އަވަށްޓެރިންނާއި ސްކޫލާއި ކައުންސިލާ އެންމެން ގުޅިގެން އެފަރުދަކު މުޖުތަމައަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރ ވިދާޅުވީ މިއަދު ގާއިމްކުރެވޭ ހާފްވޭ ހައުސްގެ ސަބަބުން ކުށްކުރާ ކުދިން ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރާ މަސައްކަތަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ހޯރަފުށީގެ ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާން ކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނިކުތުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެކުދިން ބައިތިއްބުމަށް އުފައްދާ މަރުކަޒެކެވެ.
ހާފްވޭ ހައުސްތަކުގައި ތިބޭ ކުދިން މުޖުތަމައަށް ނިކުތުމަށް ތައްޔާރު ވުމުގެ ގޮތުން މަރުކަޒުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މުޖުތަމައުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ.
އެމްޓީ.ސީސީއާ ހަވާލު ކޮށްގެން ހޯރަފުށީގައި އިމާރާތްކުރާ ހާފްވޭ ހައުސް އަކީ 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ ތަނެކެވެ.












