ރާއްޖެއާ އެކު އޮތް ގުޅުން އާ ހަރުފަތަކަށް ގެންދަން ޗައިނާއިން މަސައްކަތްކުރާނެ ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާންގް ލިޖިން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިއަދު ފާހަގަކުރާ މިނިވަންދުވަހުގެ މުނާސަބާގައި އާއްމު ކުރެެއްވި ވީޑިއޯ މެސެޖެއްގައި، މިނިވަން ދުވަހުގެ ތަހުނިޔާއަށް ފަހު ވާންގް ވިދާޅުވީ ޗައިނާއާއި ރާއްޖެއަކީ ޒަމާންވީ އެކުވެރި އަވަށްޓެރިން ކަމަށެވެ. ތަފާތު އެކި ދާއިރާތަކުން ދެގައުމުގެ ދެމެދުގައި އޮތް، ދެފަރާތަށް ފައިދާހުރި އެއްބާރުލުން އިތުރަށް ކުރިއަރުވަން ޗައިނާއިން އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަހަރު ފާހަގަކުރަނީ އަޅުގަނޑުމެންގެ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފުރުން، ދެފަރާތަށް ފައިދާކުރާ ގޮތެއްގައި ތަފާތު ދާއިރާތަކުން އޮތް އެއްބާރުލުން އިތުރަށް ކުރިއަރުވަން އަދި އަޅުގަނޑުމެންގެ ގުޅުން އާ ހަރުފަަތަކަށް ގެންދަން ދިވެހިރާއްްޖެއާ އެކު މަސައްކަތް ކުރަން އަޅުގަނޑުމެން ބޭނުން،" އޭނާ ވިދާޅުވި އެވެ.
ޗައިނާގެ ރައީސް ޝީޖިންޕިންގެ ފަރާތްޕުޅުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ދިވެހި ރައްޔިތުންނަށް ސަފީރު ތަހުނިޔާ ވިދާޅުވި އެވެ.
ޗައިނާ އަކީ ރާއްޖޭގައި ހިންގި ވަރަށް ގިނަ ތަރައްގީގެ މަޝްރޫއުތަކުގެ މުހިއްމު ބައިވެރި އެެކެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުމުގެ ކުރިން އެއީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.













