މިހާރު ކުރިއަށްދާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ބިސް ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް 6-0 އިން ކުރިހޯދައި، ބުރު ސްޕޯޓްސް ކްލަބްގެ ކާމިޔާބު ފެށުމަށް އިތުރު ފުރިހަމަކަމެއް ގެނައިއިރު، ރޭގެ މެޗުގައި ކުޑަ ހެންވޭރު ޔުނައިޓެޑުން 11-0 އިން ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.
ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދެ ވަނަ ޑިވިޝަނުގެ އޭގެ އެއް ވަނައިގައި ބުރު އޮތީ 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ކުޑަހެންވޭރަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޓެންޓާއި ހަތަރު ވަނައިގައި އޮތް ބިސް ބުރަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ.
ފަސް ވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބާއި ހަ ވަނައިގައި އޮތް ކްލަބް ޕީކޭ އަދި ހަތް ވަނައިގައި އޮތް ޖޭޖޭ ސްޕޯޓްސް ކްލަބަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި ކެޕިޓަލް ސިޓީ އޮތީ ހަތަރު މެޗުން ވެސް ބަލިވެގެން ޕޮއިންޓެއް ނުލިބި އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ބުރަށް ލީޑުނަގައިދިނީ 17 ވަނަ މިނިޓްގައި ސާބިއާގެ ފޯވާޑް ސްޓެފަން ޑުރިޗް އެވެ. އޭގެ 10 ވަރަކަށް މިނިޓް ފަހުން އަހުމަދު ނިޒާމް (ނިޒާމްބެ) ވަނީ ބުރުގެ ދެ ވަނަ ގޯލު ޖަހައިދީފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފުރަތަމަ 17 މިނިޓް ތެރޭ ދެ ގޯލު ޖަހައި، ޑުރިޗް އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ. މެޗުގެ 68 ވަނަ މިނިޓްގައި ބުރުން އެ ޓީމުގެ ފަސް ވަނަ ގޯލު ޖެހިއިރު، މިއީ ބިސް ބުރުގެ އިބްރާހިމް އީމާއު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗުގެ އިތުރު ވަގުތުގައި ބުރުގެ ފަހު ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި، އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

ކެޕިޓަލް ސިޓީއާ ކުޑަހެންވޭރު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ
މުބާރާތުގައި ރޭ ކުުޅުނު މެޗުގައި ކެޕިޓަލް ސިޓީ ކޮޅަށް ކުޑަހެންވޭރު ޖެހި 11 ގޯލުގެ ތެރެއިން، ފަހު ނުވަ ގޯލު ޖެހީ މެޗުގެ 24 ވަނަ މިނިޓްގައި ކެޕިޓަލް ސިޓީގެ އިސްމާއިލް މަމްދޫހު އަށް ރަތް ކާޑެއް ދެއްކުމުންނެވެ.
ކުޑަހެންވޭރުގެ ލިތޯފް އަހުމަދު ފިރާގު ހެޓްރިކެއް ހެދި މި މެޗުގައި އެ ޓީމުގެ އަނެއް ގޯލުތައް ޖެހީ، މިސްރުގެ ފޯވާޑް ހުސާމެލްދިން ސާދު އަލީ ދެ ގޯލާއި އަޖްމަލް މުހައްމަދު ދެ ގޯލުގެ އިތުރުން އަކްމަލް މުހައްމަދު، އަހުމަދު ރައްޔާން، ޝާފިއު ރަޝީދު އަދި އިސްލާމް ފެކްރީ އެވެ.
ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނާއި ރަނަރަޕުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާން ކުޅެން ޖެހޭނީ މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގެ ފަހު ދެ ޖާގައިގައި ނިންމާ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ އެކު ރެލިގޭޝަން ބުރެކެވެ. އެ ބުރުން އެންމެ ކުރި ހޯދާ ދެ ޓީމަކަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ.
މިހާރު އޮތްގޮތުން ގްރޫޕް އޭ އިން ސެމީ ފައިނަލުގެ ދެ ޖާގައިގެ ތެރެއިން އެއް ޖާގަ ކަށަވަރުކުރާނެ ކަމަށް ބެލެވެނީ އެންމެ ފަހުން ބޭއްވި ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ބުރެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވަމުން އަންނަ އަނެއް ޓީމަކީ ގްރޫޕް ބީގެ ތިން މެޗުން ވެސް މޮޅުވި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ.












