މި މަހު 29 ވަނަ ދުވަހުން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ވާދަކުރުމަށް ރާއްޖޭގެ ކޮންޓިންޖެންޓް ބާމިންހަމް އަށް އަތުވެއްޖެ އެވެ.
ރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނޭ ފެތުންތެރިންގެ ޓީމާއި ބީޗްވޮލީބޯޅަ ޓީމު އަދި އެތުލެޓިކްސް ޓީމާއި ގޭމްސްގެ ބައެއް އޮފިޝަލުންނަށް ބާމިންހަމް އެއާޕޯޓުން އިއްޔެ މެންދުރު މަރުހަބާ ކިޔުއްވީ، ރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް އާއި ކޮމަންވެލްތު ގޭމްސްގެ ޗެފް ޑި މިޝަން، ހުސެއިން ޖަވާޒް އެވެ.
ރޭގެ ވަގުތެއްގައި ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމު ވެސް ކޮމަންވެލްތު ގޭމްސްގައި ވާދަކުރަން އިނގިރޭސިވިލާތަށް އައިއިރު، މިއަދު ގައުމީ ބެޑްމިންޓަން ޓީމު ވެސް ގޭމްސްގައި ވާދަކުރަން ބާމިންހަމް އަށް އަންނާނެ އެވެ.
ކޮމަންވެލްތް ގޭމްސްގައި ރާއްޖޭގެ 46 އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވާނެ އެވެ. ރާއްޖޭގެ ޓީޓީ އަންހެން ޓީމަށް ކޮމަންވެލްތު ގޭމްސް އިން ޖާގަ ލިބުނީ ރޭންކިން ގަދަ 16 ގައި ހިމެނޭތީ އެވެ. އަންހެން ޓީޓީ ޓީމުގައި ހިމެނެނީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް އަދި މަލާކް ބިންތި މުއިއްޒު އެވެ. ޓީޓީގެ މޫސާ މުންސިފް ވެސް ކޮލިފައި ވެގެން އޯޕަން ބައިގައި ވާދަކުރާނެ އެވެ. ބީޗްވޮލީބޯޅައިގައި ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ވާދަކުރާނެ އެވެ.
ސްވިމިން އަށް ބަލާއިރު، ކޮމަންވެލްތު ގޭމްސްގެ ޓީމުގައި ހިމެނެނީ، ހަމްނާ އަހުމަދާއި އައިޝަތު ސައުސަން، މުބާލް އައްޒާމް އިބްރާހިމް، މުހައްމަދު އާން ހުސެއިން އަދި މުހައްމަދު ރިހާން ޝިހާމް އެވެ. އެތުލެޓިކްސް ޓީމުގައި ހަސަން ސާއިދުގެ އިތުރުން ދެން ވާދަކުރަނީ އަންހެން ރިލޭ ޓީމެވެ. ރިލޭ ޓީމުގައި ހިމެނެނީ މަރިޔަމް ރޫޔާ އަލީ، އައިޝަތު ހިމްނާ ހަސަން، މަރިޔަމް އަލްހާ ހުސައިން، އާމިނަތު ލަޔާނާ މުހައްމަދު އަދި ރިފާ މުހައްމަދު އެވެ.
ކްލަބްތަކާ ގުޅިގެން ބެޑްމިންޓަން ގައުމީ ސްކޮޑެއް ފުރަތަމަ ފަހަރަށް އެކުލަވާލައިގެން ވާދަކުރާނީ މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގަ އެވެ. ގޭމްސް އަށް ނެގި ބެޑްމިންޓަން ސްކޮޑުގައި ހިމެނެނީ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ، މުހައްމަދު އަޖުފާން ރަޝީދު، ނިބާލް އަހުމަދު، އައިމިނަތު ނަބީހާ އަބްދުލް ރައްޒާގު އަދި ފާތިމަތު ނަބާހާ އަބްދުލް ރައްޒާގު އެވެ. މީގެ އިތުރުން ރިވައިވަލް ސްޕޯޓްސް ކްލަބް ތެރެއިން ގައުމީ ސްކޮޑަށް އައި ކުޅުންތެރިންނަކީ މުހައްމަދު ޒަޔާން ޝަހީދު ޒަކީ އަދި ރިޝްވާން ޝިޔާމް އެވެ.
ރާއްޖޭން ކޮމަންވެލްތު ގޭމްސްގައި މި ބައިވެރިވަނީ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން ރާއްޖޭގެ ކުޅުންތެރިން ކޮމަންވެލްތު ގޭމްސްގައި ވާދަކުރީ 2014 ވަނަ އަހަރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި ކޮމަންވެލްތު ގޭމްސްގަ އެވެ.
ކޮމަންވެލްތް ގޭމްސްގައި ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނެވެ. އެހެންވެ، އެންމެ ފަހުން 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ބައިވެރިނުވެވުނެވެ. ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރި އެވެ.
ރާއްޖެ އަށް ކޮމަންވެލްތު ގޭމްސް އިން އަލުން ފުރުސަތު ލިބުނުކަން އިއުލާނުކުރީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
"ގޭމްސް ފޯ އެވްރިވަން"ގެ މޮޓޯގެ ދަށުން މި ފަހަރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި 72 ގައުމުން 5000 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރާނެ އެވެ. އެއީ 20 ކުޅިވަރެއްގެ 280 އިވެންޓްގަ އެެވެ.













