ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގަން ވެގެން އެމްޓީސީސީ އަށް އަލަށް ގެންނަ ދެ ޑްރެޖަރު ރާއްޖެ ނުގެނެވުނީސް ހަލާކުވީ ކަމަށް ރިޕޯޓުކުރި ވާހަކަތައް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ދޮގުކުރައްވައިފި އެވެ.
މި ދެ ޑްރެޖަރަކީ އެމްޓީސީސީން މިހާރު ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އިތުރުކުރުމުގެ މަގުސަދުގައި އެ ކުންފުނިން ގަނެފައިވާ ދެ ޑްރެޖަރެވެ. މިހާރު އެ ކުންފުނީގައި އޮންނަނީ 2017 ގައި ބޭނުންކުރަން ފެށި "މަހާ ޖައްރާފު" އެކަންޏެވެ.
މިކަމާ ގުޅިގެން އާޒިމް "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި ޔޫރަޕުން ޑްރެޖަރު ގެނައި މަގުމަތީ އަަރަބި ކަންޑުގައި އޮއްވާ ކޮޅިގަނޑެއްގައި ޖެހިގެން އޭގެ ތެރެއިން އެއް ޑްރެޖަރު މައްޗަށް އެންކާ ބޫމެއް ވެއްޓި ގެއްލުންތަކެއް ލިބުނެވެ. އެކަމަކު މިއީ އިންޝުއާކޮށްގެން ގެނައި މުދާތަކެއްތަކުން އެ ކުންފުންޏަށް އިތުރު ހަރަދެއް ނުހިނގާ ގޮތަށް މަރާމާތުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭޏާ ވިދާޅުވި އެވެ.
"ދެ ޑްރެޖަރު ހުރީ މާލޭގައި. ޑްރެޖަރުތައް މާލެ ގެނެވިފައި ވަނީ ފުލް އިންޝުއަރެންސް ކުރެވި، އެއްވެސް ރިސްކެއް އެމްޓީސީސީ އަށް ނާންނަ ގޮތަށް" އާޒިމް ވިދާޅުވި އެވެ.
މި ދެ ޑްރެޖަރު ސަޕްލަޔިކުރީ އާގު ބޯޓުފަހަރު ބަނުމުގައި ދުނިޔޭގައި އެންމެ ތަޖުރިބާކާރު އެއް ކުންފުނި ކަމުގައި ހޮލެންޑުގެ ރޯޔަލް އައިއެޗްސީ (އައިއެޗްސީ ހޮލެންޑް)އިންނެވެ. މިހާރު ބޭނުންކުރާ މަހާ ޖައްރާފަކީ ވެސް މި ކުންފުނިން ބަނދެފައިވާ ޑްރެޖަރެކެވެ.
އެ ކުންފުނީގެ ޓީމަކުން މާލެ އައިސް ވަނީ މަރާމާތުކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ. މިހާރު ކުރިޔަށް ދަނީ އެސެމްބްލް ކުރުމުގެ މަސައްކަތެވެ. އޭގެ ތެރެއިން އެއް ޑްރެޖަރުގެ އެސެމްބްލީ ނިމި މިހާރު ވަނީ މަސައްކަތަށް ނެރެން ތައްޔާރަށެވެ.
އާޒިމް ވިދާޅުވި މޫސުން ރަނގަޅުވިހާ އަވަހަކަށް އަލިފުށީ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތަށް އެ ޑްރެޖަރު އަލިފުއްޓަށް ފުރާނެ ކަމަށެވެ. އަނެއް ޑްރެޖަރުގެ އެސެމްބްލީ މަސައްކަތް ވެސް 10 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑު ޖައްރާފު"ގެ ނަމުން ނަން ދީފައިވާ މި ޑްރެޖަރަކީ މިހާރު ބޭނުންކުރާ މަހާ ޖައްރާފަށް ވުރެ ވެސް ބޮޑު ޑްރެޖަރެކެވެ. މި ޑްރެޖަރުން ފުރަތަމަ ކުރަން ނިންމާފައިވާ މަސައްކަތަކީ ގއ. ދާންދޫ ބިން ހިއްކުމުގެ މަސައްކަތެވެ.
"އިރާދަކުރެއްވިއްޔާ އޮގަސްޓު ފުރަތަމަ ހަފުތާގެ ތެރޭގައި ދާންދޫ ބިން ހިއްކަން ދާންދޫއަށް ބޮޑު ޖައްރާފު ދާނެ" އާޒިމް ވިދާޅުވި އެވެ.
މިހުރިހާ ޑްރެޖަރެއް ކޮމިޝަން ކުރެވި ބިން ހިއްކަން ފެށުމުން އެމްޓީސީސީގެ ޑްރެޖަރު ފްލީޓު ތިނަކަށް ބޮޑުވީ އެވެ. މިއާ އެކީ މިހާރު ވެސް ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ އަދި ހިންގަން ހަވާލުކުރެވިފައިވާ އެމްޓީސީސީގެ މަސައްކަތުގެ ދުވެލި ހަލުވިވާނެ ކަަމަށް އެ ކުންފުނިން ބުނެ އެވެ.










