އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިރޭ ވިކްޓަރީ ސްޕޯޓްސް ކްލަބާއި އެލްޓީ ސްޕޯޓްސް ކްލަބް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
ވިކްޓަރީ ފުރަތަމަ މެޗުން ވަނީ ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެެވެ. އަދި އެލްޓީ ވަނީ ލޮރެންޒޯ ސްޕޯޓްސް ކްލަބް އަތުން މޮޅުވެފަ އެެވެ. އެކަމަކު، ވިކްޓަރީ އާއި އެލްޓީ ކުޅުނު ދެ ވަނަ މެޗުން އެއްވަރުވެ، ޕޮއިންޓަކުން ފަރުޖައްސާލަން ޖެހުނީ އެވެ.
ވިކްޓަރީން ވަނީ މިރޭގެ މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. ވިކްޓަރީގެ މިސްރު ވިންްގް، މުހައްމަދު އޮސާމާ ނެގި ކޯނަރަކުން އެ ޓީމުގެ ލެބަނަން ފޯވާޑް ކުޑޫ މުހައްމަދު ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގެ 24 ވަނަ މިނިޓްގައި ކުޑޫ އަށް ވަނީ ދެ ވަނަ ގޯލެއް ޖަހަން ވެސް ފުރުސަތު ލިބިފަ އެވެ. އޭރިއާތެރެއިން އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
އެލްޓީން ވެސް ވަނީ ގޯލު ޖަހަން ފުރަތަމަ ހާފުގައި ފުރުސަތުތަކެއް ހޯދައިފަ އެވެ. އެ ގޮތުން އެެ ޓީމުގެ ކުރިއަށް ކުޅޭ އިސްމާއިލް ވިފާގު (އިއްސެ) އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި އޭނާ ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން ފުރުސަތު ގެއްލުނީ އެވެ. އަދި ފުރަތަމަ ހާފުގެ ފަހު ކޮޅުގައި، ވިކްޓަރީގެ އޭރިއާތެރެއިން އެލްޓީގެ ތަޖުރިބާކާރު ފޯވާޑް، އާދަމް ލަރީފް (ރޮނާ) ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ވިކްޓަރީގެ ކުޑޫ (ވ) ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ
ދެ ވަނަ ހާފް ކުޅުން ފެށިގެން 10 މިނިޓް ތެރޭ އިއްސެ ވަނީ އިންޑިވިޖުއަލީ މޮޅު ގޯލެއް ޖަހައި އެލްޓީ އަށް އެއްވަރުކޮށްދީފަ އެވެ. މެޗުގެ 55 ވަނަ މިނިޓްގައި ހާފުގެ މެދެއްހާ ހިސާބުން އިއްސޭ އަށް ލިބުނު ބޯޅަ ހިފައިގެން ގޮސް ވިކްޓަރީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާތެރެއަށް ވަދެ ބޯޅަ އަމާޒުކޮށްލީ ގޯލުގެ ދުރު ކަނަށެވެ.
ވިކްޓަރީން ބަދަލުތަކެއް ގެނެސްގެން ދެ ވަނަ ގޯލެއް ޖަހަން ކުރި މަސައްކަތުގައި މެޗުގެ 85 ވަަަނަ މިނިޓްގައި ރަނގަޅު ފުރުސަތެއް ހޯދި އެެވެ. ކޯނަރެއްގައި އެލްޓީ ކުޅުންތެރިއަކު ގައިގައި ޖެހިފައި އޭރިއާތެރެއިން ވިކްޓަރީގެ ކެޕްޓަން، ހަސަން އަދުހަމް (ސަޑޭ) އަށް ލިބުމުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މެޗުގެ އިތުރު ވަގުތުގައި ވިކްޓަރީގެ އަހުމަދު އިމާޒް (އާއްކޮ) އޭރިއާބޭރުން ޖެހި ބޯޅަ އެލްޓީގެ ގޯލްކީޕަރު އާތިފް އަހުމަދު (އާތީ) ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ވިކްޓަރީގެ އަހުމަދު ރިޒްވާން އިސްމާއިލް އޭރިއާތެރެއަށް ވަދެ، ޖެހި ޝޮޓް ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑުން ވަނީ 2-0 އިން ކްލަބް ޕީކޭ ބަލިކޮށް މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ. މެޗުގެ 42 ވަަނަ މިނިޓްގައި ކުޑަހެންވޭރުގެ ލީޑުނަގައިދިނީ މިސްރުގެ މިޑްފީލްޑަރު އިސްލާމް ފެކްރީ އެވެ. އަދި ކުޑަހެންވޭރަށް ތިން ޕޮއިންޓް ކަަށަވަރުކޮށްދިން ގޯލު ޖެހީ އިތުރު ވަގުތުގައި ޝަހީމް އަބްދުލް ގާދިރު އެެވެ.
ދެ ވަނަ ޑިވިޝަނުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ކްލަބް ޓީނޭޖް ނުކުންނާނީ މަހިބަދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މާދަމާރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލޮރެންޒޯއާ ވާދަކުރާނެ އެވެ. ދެ މެޗު ވެސް އޮތީ ގަލޮޅު ދަނޑުގަ އެވެ.












