އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ޓެންޓް ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބުން ކުޅުނު ދެ ވަނަ މެޗު ވެސް ކާމިޔާބުކުރިއިރު، ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައި ބިސް ބުރު ސްޕޯޓްސް ކްލަބުން މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
ކްލަބް ޕީކޭ އަތުން ފުރަތަމަ މެޗުން މޮޅުވި ޓެންޓުން މިއަދު ވަނީ ދިވެހި ސިފައިންގެ ކްލަބް 2-0 އިން ބަލިކޮށްފަ އެވެ. ފުރަތަމަ މެޗުން ބިސް ބުރު ބަލިކުރި، ޖޭޖޭ ސްޕޯޓްސް ކްލަބް އަތުން މިރޭ ބުރު މޮޅުވީ 3-0 އިންނެވެ. އަދި ބިސް ބުރުން މި ފަަހަރުގެ މުބާރާތުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދީ 4-1 އިން ކެޕިޓަލް ސިޓީގެ މައްޗަށް ކުރިހޯދައިގެންނެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި ފުރަތަމަ މެޗުގައި ބުރު އަތުން ބަލިވި ކުޑަހެންވޭރު ޔުނައިޓެޑް ކުޅޭނީ ޕީކޭއާ އެވެ.
މިއަދު ހަވީރު ކުޅުނު މެޗުން ސިފައިން އަތުން ޓެންޓް މޮޅުވީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޖެހިޖެހިގެން ދެ މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން ޓެންޓަށް ލީޑުނަގައިދިނީ މެޗުގެ 40 ވަނަ މިނިޓްގައި ކުރިން ފުރަތަމަ ޑިވިޝަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އަރާޝް އައްސަދު މުހައްމަދު އެވެ. އޭގެ މިނިޓެއް ފަހުން، ފުރަތަަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން އެކި ކްލަބްތަކަށް ކުޅުނު، ޝަފްރާޒް އިބްރާހިމް (ޝަފްލޭ) ވަނީ ޓެންޓްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.

ޖޭޖޭ ކޮޅަށް ގޯލު ޖެހުމަށް ފަހު ބިސް ބުރުގެ އާމިރު (ވ) އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ: އޭނާ ވަނީ ފުރަތަމަ ދެ މެޗުގައި ވެސް ހެޓްރިކް ހަދާފައި.--- ފޮޓޯ: އިމޭޖަސް،އެމްވީ
އޮފިޝަލުން ހަަމަނުވާތީ ކެޕިޓަލް ސިޓީ ފުރަތަމަ މެޗު ސިފައިންނަށް ލިބުނީ އެވެ. ކެޕިޓަލް ސިޓީގެ ދެ ވަނަ މެޗުގައި މިއަދު ހަވީރު ބިސް ބުރާ ކުޅުނުއިރު، އެ ޓީމު ވަނީ ރަނގަޅު ފޯމެއްގައި ނަތީޖާ ނެރެފަ އެވެ. ފުރަތަމަ މެޗުގައި ޖޭޖޭ ކޮޅަށް ހެޓްރިކް ހެދި ބިސް ބުރުގެ އީރާން ފޯވާޑް، އާމިރު މެމާރީ ވަނީ ކެޕިޓަލް ސިޓީ ކޮޅަށް ވެސް ހެޓްރިކެއް ހަދައިފަ އެވެ.
ބިސް ބުރުގެ އަނެއް ގޯލު ޖެހީ މޮޖްތަބާ ރަޝީދީ އެވެ. ކެޕިޓަލް ސިޓީގެ ހަމައެކަނި ގޯލު ޖެހީ އާދަމް ނަސީމް އެވެ.
ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ބުރަށް ހޯދައިދިން ކޯޗު އަހުމަދު ނިމާދު (ނިމާ) ކޯޗުކޮށްދޭ ޖޭޖޭ ކައިރިން މިރޭ ބުރުން މޮޅުވީ ފަސޭހަކަމާ އެކު އެވެ.
އިފްރާހް އަރީފް ހުރި ޖޭޖޭގެ ގޯލަށް ބުރުގެ ތިން ގޯލު ވެސް ޖެހީ ބިދޭސީ ކުޅުންތެރިންނެވެ. ފުރަތަަމަ ހާފު ފެށިގެން ހަތަރު ވަނަ މިނިޓްގައި ބުރަށް ކުޅޭ ބްރެޒިލްގެ ބްރޫނޯ އަރާބެލް ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 58 ވަނަ މިނިޓްގައި ބުރުގެ ސާބިއާ ފޯވާޑް ސްޓެފަން ޑުރިޗް ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެެވެ. އަދި އޭގެ 10 މިނިޓް ފަހުން ބުރަށް ކުޅޭ މިސްރުގެ މިޑްފީލްޑަރު، އަހުމަދު މުހައްމަދު ގަބާލާ ވަނީ އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިދީ، މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ.












