ތުރުކީގައި ދިވެހި އާއިލާއަކުން ދަތުރުކުރަމުން ދިޔަ ބަހެއް ފުރޮޅާލައި، ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ފަސް އަހަރުގެ ކުއްޖާ ނޫން އެހެން މީހުންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ހާލު މިހާރު ރަނގަޅު ކަމަށް "އަދަދު" އަށް މައުލޫމާތުދެއްވަމުން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭއެސް)ގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު މުހައްމަދު އަދީން ވިދާޅުވީ އެވެ. އެގޮތުން އަނިޔާވި ފަސް އަހަރުގެ ކުއްޖާ ނޫން އެހެން އެންމެން ހޮސްޕިޓަލުން ޑިސްޗާޖުކޮށްފައިވާ ކަމަށް އޭނަ ވިދާޅުވި އެވެ.
ފުރޮޅާލި ބަހުގައި ތިބީ ހަތަރު މެންބަރުންގެ ދިވެހި އާއިލާއެކެވެ. އެއީ މަންމަ އާއި ބައްޕަގެ އިތުރުން، 12 އަހަރާއި ފަސް އަހަރުގެ ދެ އަންހެން ކުދިންނެވެ. އެކްސިޑެންޓުގައި ފަސް އަހަރުގެ ކުއްޖާއަށްވި އަނިޔާތައް ދެނެގަނެވުނީ އެކްސިޑެންޓަށްފަހު ބޮލުގައި ރިއްސާތީ ހޮސްޕިޓަލަށް ގޮސް ޓެސްޓު ކުރުމުންނެވެ.
ޓެސްޓުތައް ހެދުމުން، އެ ކުއްޖާގެ ސިކުނޑިއަށް ލޭ އެޅިފައިވާކަން އެނގުމުން، ބުރާސްފަތި ދުވަހުގެ ރޭ ކުއްޖާއަށް ފަރުވާ ދިނީ އައިސީޔޫގަ އެވެ. އެއަށްފަހު، ކުއްޖާ ވަނީ ވޯޑަށް ދޫކޮށްލާފަ އެވެ.
އަދީން ވިދާޅުވީ އެ ކުއްޖާގެ މަންމަގެ ފުއްޕާމޭ ކޮލޭޕްސް ވެފައިވާ ކަމަށް ފުރަތަމަ ހޮސްޕިޓަލުން ބުނި ކަމަށެވެ. ނަމަވެސް އެނދެއް ނެތް ކަމަށް ބުނެ ޑިސްޗާޖްކޮށްލީ ކަމަށެވެ. އަދި ފަހުން ނޭވާ ހާސްވާތީ އެޑްމިޓް ކުރުމަށްފަހު ވެސް ދޫކޮށްލީ ކަމަށެވެ. އޭނާ ވިދާޅުވީ، ފުރަތަމަ ފުއްޕާމޭ ކޮލޭޕްސް ވެފައިވާ ކަމަށް ބުނުމަށްފަހު ޑިސްޗާޖްކޮށްލުމުން، ހައިތަމާއި އޭނާގެ އަންހެނުން އެ އަންހެން މީހާ ގޮވައިގެން އެތާ ކައިރީ ޕްރައިވެޓް ހޮސްޕިޓަލަކަށް ދައްކަން ގޮސްފައިވާ ކަމަށެވެ.

އެހެން ނަމަވެސް ޕްރައިވެޓް ހޮސްޕިޓަލުން ޓެސްޓުތައް ހައްދާ، ޑޮކްޓަރަށް ދެއްކުމުން މައްސަލައެއް ނެތްކަމަށް ޑޮކްޓަރު ބުނެފައިވާކަމަށް އަދީން ވިދާޅުވި އެވެ. ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވީ، އަންހެން މީހާއަށް ނޭވާލާން އުނދަގޫވީ އެކްސިޑެންޓުގައި ލިބުނު ޝޮކުގެ ސަބަބުން ކަމަށެވެ.
އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ޕަމުކާލެ ޔުނިވާސިޓީ ހޮސްޕިޓަލުން ދިން ފަރުވާތަކާއި އާއިލާއަށް އެ ސަރަހައްދުން ހުރުން ހަމަޖައްސައިދިނީ ބަސް ޓުއާ ހަމަޖެއްސި ފަރާތުންނެވެ. އައިއޭއެސް އިން އެހީތެރިވީ، މެންބަރު ހައިތަމް އެ ސަރަހައްދަށް ދިއުމަށް ކާރު ކުއްޔަށް ނެގުމާއި އޭނާގެ ހުރުން އަދި ޕްރައިވެޓް ހޮސްޕިޓަލުން އަންހެން މީހާ ޑޮކްޓަރަށް ދައްކައި، ޓެސްޓުތައް ހެއްދުމުގަ އެވެ.












