ތުރުކީގައި ދިވެހި އާއިލާއަކުން ދަތުރުކުރަމުން ދިޔަ ބަހެއް ފުރޮޅާލާ، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުރޮޅާލި ބަހުގައި ތިބީ ހަތަރު މެންބަރުންގެ ދިވެހި އާއިލާއެކެވެ. އެއީ މަންމަ އާއި ބައްޕަގެ އިތުރުން، 12 އަހަރާއި ފަސް އަހަރުގެ ދެ އަންހެން ކުދިންނެވެ. ބަސް އެކްސިޑެންޓުގެ ސަބަބުން އެ އާއިލާ މިވަގުތު ޝޮކެއްގައި ތިބިއިރު، އެމީހުންނަށް އެންމެ ފުރަތަމަ އެހީވީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭއެސް) މެދުވެރިކޮށް މައްޗަންގޯޅި ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ހައިތަމެވެ.
މި ހާދިސާއާ ބެހޭ މައުލޫމާތު "އަދަދު" އާ ހިއްސާ ކުރަމުން އައިއޭއެސްގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު މުހައްމަދު އަދީން ވިދާޅުވީ، ބަސް އެކްސިޑެންޓަށްފަހު އާއިލާއިން އެ ޖަމްއިއްޔާގައި އެހީއަށް އެދުނީ ވައިބާ މެދުވެރިކޮށް ކަމަށެވެ.
ބަސް ފުރޮޅާލައިގެން ދެން އެމީހުންގެ ހުރިހާ ފޯނުތަކެއް ވެސް ވީނުވީއެއް ނޭނގުނީ، ފެނުނީ އެންމެ ފޯނެއް. އޭގައި ނޯވޭ ސިމެއް. ދެން އެމީހުން ހޮސްޕިޓަލަށް ގޮސް ހޮސްޕިޓަލް ވައިފައިގައި ވައިބާ މެދުވެރިކޮށް އަޅުގަނޑުމެންނާ ވާހަކަ ދައްކާ، އެހީއަށް އެދުނީ
އަދީން ވިދާޅުވީ ފުރަތަމަ އެ އާއިލާއާ ވާހަކަ ދައްކަން ޖެހުނީ ވައިބާއިން މެސެޖުކޮށްގެން ކަމަށާއި، ނުގުޅޭތީ، ވާގޮތް އެހާ ސާފު ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ވެގެން އުޅޭގޮތް ސާފުވީ، މެންބަރު ހައިތަމާއި އޭނާގެ އަންހެނުން އާއިލާ ތިބި ސަރަހައްދަށް ގޮސް، އެހީތެރިވާން ފެށުމުން ކަމަށެވެ.
"މެންބަރު ހައިތަމް ހުންނެވީ ތުރުކީގައި ކަން އެނގިގެން އަޅުގަނޑުމެން އެދުނީ އެ އާއިލާއަށް އެހީއެއް ވެވޭތޯ. ކަން ދިމާކުރި ގޮތުން ހައިތަމް ހުންނެވީ، ދިވެހި އާއިލާ ވެސް ތިބި އަންޓާލިއާގައި. އޭނާ ވަގުތުން އެހީތެރިވެދިން އެކަމަށް," އަދީން ވިދާޅުވި އެވެ.

އަންޓާލިއާގެ ހޮޓެލް ރޫމުން، އެމީހުންގެ ބޭންކު ކާޑުތައް އޮތް ވޮލެޓާއެކު ލަގެޖު ޕެކުކޮށްގެން، އާއިލާއިން މިހާރު ތިބި ޕަމުކާލެ ޔުނިވާސިޓީ ހޮސްޕިޓަލަށް ގެންދިޔައީ ވެސް ހައިތަމް ކަމަށް އަދީން ވިދާޅުވި އެވެ. ވެގެން އުޅޭގޮތް ސާފުވާން ފެށީ ތިން ގަޑިއިރު ދަތުރަކަށްފަހު ހައިތަމަށް އެ ސަރަހައްދަށް ދެވުމުންނެވެ.
އެކްސިޑެންޓުގައި ބޮޑު އަނިޔާއެއް ވީކަމެއް ފުރަތަމަ ނޭނގޭ
އަދީން ވިދާޅުވީ އެކްސިޑެންޓުގައި އާއިލާގެ އެއްވެސް މީހަކަށް ބޮޑު އަނިޔާއެއްވީ ކަމެއް ފުރަތަމަ ނޭނގޭ ކަމަށެވެ.
ފަހުން ފަސް އަހަރުގެ ކުއްޖާގެ ބޮލުގައި ރިއްސާތީ ހޮސްޕިޓަލަށް ގޮސް ޓެސްޓު ކުރުމުން އެނގުނީ ސިކުނޑިއަށް ލޭ އެޅިފައި ކަން
އެ ކުއްޖާއަށް ރޭ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ވޯޑަށް ދޫކޮށްލާފައި ކަމަށް އަދީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ކުއްޖާގެ މަންމަގެ ފުއްޕާމޭ ކޮލޭޕްސް ވެފައިވާ ކަމަށް ފުރަތަމަ ހޮސްޕިޓަލުން ބުނި ކަމަށެވެ. ނަމަވެސް އެނދެއް ނެތް ކަމަށް ބުނެ ޑިސްޗާޖްކޮށްލީ ކަމަށެވެ. އަދި ފަހުން ނޭވާ ހާސްވާތީ އެޑްމިޓް ކުރުމަށްފަހު ވެސް ދޫކޮށްލީ ކަމަށެވެ.
އޭނާ ވިދާޅުވީ، ފުރަތަމަ ފުއްޕާމޭ ކޮލޭޕްސް ވެފައިވާ ކަމަށް ބުނުމަށްފަހު ޑިސްޗާޖްކޮށްލުމުން، ހައިތަމާއި އޭނާގެ އަންހެނުން އެ އަންހެން މީހާ ގޮވައިގެން އެތާ ކައިރީ ޕްރައިވެޓް ހޮސްޕިޓަލަކަށް ދައްކަން ގޮސްފައިވާ ކަމަށެވެ.
ފަސް އަހަރުގެ ކުއްޖާ ޑިސްޗާޖުކުރާނީ ދެ ދުވަސް ފަހުން ކަމަށްވާތީ، އެ އާއިލާ މިހާރު ތިބީ ތަފާތު ދެ ހޮސްޕިޓަލެއްގަ އެވެ. ރޭ މެންދަމުން ފެށިގެން މެންބަރު ހައިތަމްގެ ދެމަފިރިން އައިއޭއެސްއާއެކު ދިވެހި އާއިލާއަށް އެހީތެރިވަމުން އަންނައިރު، ރާއްޖެއިން އެމީހުންގެ އާއިލާ މީހަކު މިހާރު ވަނީ ތުރުކީއަށް ގޮސްފައި ކަމަށް އަދީން މައުލޫމާތު ދެ އެވެ.













