މިއުނިކް .(ޖުލައި 17) - ބާސެލޯނާ އަށް ރޮބަޓް ލެވަންޑޯސްކީ ވިއްކާލި ނަމަވެސް ބަޔާން މިއުނިކުން ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމުން ނުގެންނާނެ ކަމަށް ބުނެފި އެވެ.
ބަޔާނުން އެންމެ ފަހުން ވަނީ ލެވަންޑޯސްކީ، 33، އެދޭގޮތަށް 50 މިލިއަން ޑޮލަރު ލިބޭ ޑީލަށް އޭނާ ބާސެލޯނާ އަށް ވިއްކާލައިފަ އެވެ. ލެވަންޑޯސްކީގެ ޑީލް ނިމިފައިވާކަން ބަޔާނާއި ބާސެލޯނާ އިން ވެސް ވަނީ އިއުލާނުކޮށްފަ އެވެ. ލެވަންޑޯސްކީ ވަނީ ބާސެލޯނާ ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްވާ އިވެންޓަށް ފަހު ބަޔާންގެ ފެއާވެލް އަށް އަންނާނެ ކަމަށް ބުނެފަ އެވެ.
ޖަރުމަނާއި އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ލެވަންޑޯސްކީ ނެތްތަނަށް ބަޔާނުން ރޮނާލްޑޯ، 37، ގެންދިއުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު، ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލިހަމްދްޒިޗާއި ކޯޗު ހޫލިއަން ނާގަލްސްމަން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
ސަލިހަމްދްޒިޗް ބުނީ ރޮނާލްޑޯ އަށް ފުރިހަމަ އަށް އިހުތިރާމްކުރާ ކަމަށާއި އެކަމަކު، ބަޔާނުން ދާން ބޭނުންވާ މިސްރާބަށް ބަލާއިރު، ރޮނާލްޑޯ ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ރޮނާލްޑޯ އާއި ބަޔާނާ ގުޅުވައިގެން މީޑިއާގައި ގިނަ ވާހަކަތަކެއް ލިޔެވިފައި ހުންނަ ކަމަށާއި އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަަކަތަކެއް ކަމަށެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކްލަބް ބަދަލުކުރަން ބޭނުންވާކަން ރޮނާލްޑޯ، ޔުނައިޓެޑްގެ ސީނިއާ މެނޭޖްމަންޓަށް އަންގާފައިވީ ނަމަވެސް އެ ކްލަބްގެ ކޯޗު އެރިކް ޓެން ހާގް ވަނީ ރޮނާލްޑޯ އަކީ "ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް" ބުނެފަ އެވެ.
ޔޫރަޕްގެ ވަރުގަދަ ކްލަބްތަކުން ރޮނާލްޑޯ ގަތުމުގެ ރޭހުގައި ބައިވެރިނުވާނެ ކަމަށް ބުނަމުން އަންނައިރު، ސައުދީ އަަރަބިއްޔާގެ ކްލަބަކުން ރޮނާލްޑޯ އަށް ލިބުނު 275 މިލިއަން ޑޮލަރުގެ ޑީލް ވެސް ވަނީ ދޫކޮށްލައިފަ އެވެ.
އިޓަލީގެ ޔުވެންޓަސް ދޫކޮށް މިދިޔަ ސީޒަން ފެށުނު ފަހުން 13 އަހަރަށް ފަހު ރޮނާލްޑޯ ޔުނައިޓެޑާ ގުޅުނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޔުނައިޓެޑުން ރޮނާލްޑޯ ގަންނަން، ޔުވެންޓަސް އަށް ފުރަތަމަ ދެއްކީ 17 މިލިއަން ޑޮލަރެވެ. އަދި ފަހުން ޔުވެންޓަސް އަށް އިތުރު ނުވަ މިލިއަން ޑޮލަރު ދޭން ވަނީ ކޮންޓްރެކްޓްގައި އެއްބަސްވެފަ އެވެ.












