އަންނަ އޮގަސްޓު މަހުގެ ކުރީކޮޅު ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ރައީސް ސޯލިހު އެގައުމަށް ވަޑައިގަންނަވާނީ އޮގަސްޓު 2 ނުވަތަ 3 ގަ އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހަމައެކަނި ވަޑައިގަންނަވާނީ ވެރިރަށް ދިއްލީއަކަށް ނޫނެވެ.
އޭގެ އިތުރުން، އިންޑިއާގެ ވިޔަފާރީގެ ހަބު ކަމަށްވާ މުމްބާއީއަށް ވެސް ރައީސް ސޯލިހު ވަޑައިގަންނަވާނެ އެވެ. އެއީ، ދެ ގައުމުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިސް ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން އަދި ރައީސް އޮފީހުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި އެންމެ ފުރަތަމަ ރައީސް ސޯލިހު އިންޑިއާއަށް ވަޑައިގަތީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މަދު ދުވަސްކޮޅެއް ނުވަނީސް ޑިސެމްބަރު 2018 ގަ އެވެ. ބޮޑުވަޒީރުގެ މަގާމަށް ދެވަނަ ފަހަރަށް އިންތިހާބުވެވަޑައިގަތުމަށް ފަހު ނަރެންދުރަ މޯދީ ވަޑައިގެންނެވި ފުރަތަމަ ގައުމަކީ ވެސް ރާއްޖެ އެވެ.

ރައީސް ސޯލިހު 2019 ވަނަ އަހަރުގެ ތެރޭގައި ނުރަސްމީ ދަތުރުފުޅެއްގައި ބެންގަލޫރަށް ވެސް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި މަޝްވަރާކުރެއްވީ ރާއްޖޭގައި ކްރިކެޓު ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުންނެވެ.
އިންޑިއާ އަދި ރާއްޖޭގެ ގުޅުން ރައީސް ސޯލިހުގެ ވެރިކަމުގައި ވަރަށް ބޮޑަށް ބަދަހިވެފައިވާއިރު އެގައުމުގެ އެހީގައި ރާއްޖޭގައި އަންނަނީ ގިނަ އަދަދެއްގެ ޕްރޮޖެކްޓުތައް ހިންގަމުންނެވެ.













