އަޅުގަނޑަކީ އަބަދުވެސް ވިކްޓަރީ މީހެއް: އަލީ ނިޔާޒް

Jul 14, 2022, 8:34 PM
ޖަމާލުއްދީން ހޯލުގައި މިރޭ ބޭއްވި އިވެންޓްގެ ތެރެއިން އަލީ ނިޔާޒު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޖަމާލުއްދީން ހޯލުގައި މިރޭ ބޭއްވި އިވެންޓްގެ ތެރެއިން އަލީ ނިޔާޒު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާ މެމްބަރެއްގެ ހައިސިއްޔަތުގައި ހުންނެވި ނަމަވެސް ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ބޯޑުގައި މަސައްކަތް ކުރަމުން އަންނަނީ ވިކްޓަރީގެ މީހެއްގެ ގޮތުގައި ކަމަށް އަލީ ނިޔާޒު ވިދާޅުވެއްޖެ އެެެވެ.

ޖަމާލުއްދީން ސްކޫލްގެ ހޯލުގައި މިރޭ ވިކްޓަރީން ބޭއްވި ޖޯޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން، ވާހަކަ ދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ މީޑިއާ އާއި އެކި ފަރާތްތަކުން ވިކްޓަރީގެ ކަންތައްތަކުގައި އޭނާގެ ނަން މުހާތަބު ކުރާއިރު، "ވިކްޓަރީ މީހެއްގެ" ގޮތުގައި ބޭނުންކުރުމަށް އެދޭ ކަމަށެވެ.

އަލީ ނިޔާޒް ވަނީ ވިކްޓަރީ އަށް ކްރިކެޓް ކުޅުއްވައި، ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

"ފުރަތަމަ، އަޅުގަނޑު މި ޕޯޑިއަމުން ފެނުނީމަ މީޑިއާތަކަށް ސިފަވަނީ އަޅުގަނޑުގެ މި ތައާރަފްގައި ވެސް އައި ފަދައިން އަޅުގަނޑު މިއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ނުވަތަ ސިޔާސީ ގޮތުން މަސައްކަތްކުރާ މީހެއްގެ ގޮތުގައި، އެހެން ނަމަވެސް، އަޅުގަނޑު، މިއަދު ޕޯޑިއަމްގައި ހަގީގަތުގައި މި ހުރީކީ، އެ ބޭނުމުގައެއް ނޫން، އެ ގޮތަށް، އަޅުގަނޑު މުހާތަބުކުރަން ބޭނުމެއް ވެސް ނެތް،" އަލީ ނިޔާޒް ވިދާޅުވި އެވެ.

އަލީ ނިޔާޒް ވިދާޅުވީ އޭނާ އަކީ ކުރިން ވެސް ވިކްޓަރީ ބޯޑުގައި މެމްބަރުކަން ކޮށްފައި ހުރި މީހެއް ކަމަށާއި އެ ކްލަބަށް އެކި ކުޅިވަރުތަކުގައި ގައުމީ މުބާރާތްތަކުގައި ތަމްސީލް ވެސް ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑަކީ ފެށުނުއިރުއްސުރެ ފެށިގެން އެންމެ ކުޑައިރުން ފެށިގެން ވެސް ވިކްޓަރީ އަށް ތާއީދުކުރާ ވިކްޓަރީގެ ސަޕޯޓަރެއް، ވިކްޓަރީގެ ހެޔޮ އެދުންތެރިއެއް، އަދި މުސްތަގުބަލުގައި ވިކްޓަރީގެ ހިންގުން ތެރިއެއް ވެސް މެ،" އަލީ ނިޔާޒް ވިދާޅުވި އެވެ. "އަޅުގަނޑު ވަރަށް ބޮޑަށް ނޫސްވެރިންގެ ކިބައިން ވެސް އެދެން، އެ ގޮތަށް އަޅުގަނޑުގެ ނަން ބޭނުންކުރާއިރުގައި މަޖިލިސް މެމްބަރެއްގެ އިތުރަށް ވެސް ކުޅިވަރުގައި މަސައްކަތް ކުރެއްވި މީހެއް ކަމުގެ ވާހަކަ ފާހަގަކޮށްލުން،"

މިރޭގެ އިވެންޓްގެ ތެރެއިން އަލީ ނިޔާޒް ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގިނަ އަހަރުތަކެއް ވަންދެން ވިކްޓަރީގެ އެކި މަސައްކަތްތަކުގައި ކުރިން އުޅުއްވި އަލީ ނިޔާޒް ވިދާޅުވީ މިހާރު އޮތް ވިކްޓަރީގެ ލީޑަޝިޕްގައި އޭނާ ހިމެނުނީ "ކުޅިވަރުން ބޭރުގެ އެއްވެސް މަގުސަދެއް އޮވެގެން ނޫން" ކަމަށެވެ.

"މިއީ އެހެން އެއްވެސް މަގުސަދެއް އޮވެގެން އަޅުގަނޑުމެން ކުރާ މަސައްކަތެއް ނޫން. އަޅުގަނޑު މި ހުރި މަގާމު (މަޖިލީސް މެމްބަރެއްގެ ހައިސިއްޔަތުން)ގެ ގޮތުން ލިބޭ ނުފޫޒާއި ބާރުގެ ސަބަބުން ކަމެއް ކުރާކަށް ވެސް ނޫން، މި އުޅެނީކީ، އަޅުގަނޑު މި އުޅެނީ ވިކްޓަރީ އަށް ދިވެހި ކުޅިވަރަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމުގެ ނިޔަތުގައި އެ ބޭނުމުގައި ކުރާ ކަމެއް،" އަލީ ނިޔާޒް ވިދާޅުވި އެވެ.

ވިކްޓަރީން މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ސްކޮޑާއި މިހާރު އޮތް ލީޑަޝިޕް އަދި ވިކްޓަރީ އަށް އެކި ޒަމާންތަކުގައި ހިދުމަތްތަކެއް ކޮށްދިން ފަރާތްތަކުގެ ހާޒިރުގައި އަލީ ނިޔާޒް މިރޭ ވަނީ ސަސްޕެންޝަނުން ސަލާމަތްވެ، ވިކްޓަރީ އަލުން ދަނޑު މައްޗާ ހަމައަށް ގެންނަން ކުރި މަސައްކަތްތައް ހިއްސާކުރައްވައިފަ އެވެ.

މިރޭގެ އިވެންޓްގައި ވިކްޓަރީގެ ތާރީހުގައި ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި ހާއްސަ މަސައްކަތްތަކެއް ކުރި މައުރޫފް އަހުމަދު (މާއްޓޭ) އާއި އަލީ ސުޒޭން ވެސް ބައިވެރިވި އެވެ.

އަލީ ނިޔާޒް ވިދާޅުވީ ވިކްޓަރީގެ މިހާރުގެ ލީޑަޝިޕްގެ މަސައްކަތް ފެށިގެން އައި ގޮތަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކްލަބް މޯލްޑިވްސް މެޗެއް ބަލަން ދައުވަތު ލިބުނު ހިސާބު ކަމަށެވެ. އެ ގޮތުން ކްލަބް މޯލްޑިވްސް ކަޕް މެޗެއްގެ ދައުވަތު ލިބުނީ ހުޅުމާލެ ދާއިރާ މެމްބަރެއްގެ ހައިސިއްޔަތުން ކަމުގައި ވިޔަސް އެ ތަނުން ވިކްޓަރީގެ ނައިބު ރައީސަކަށް މިހާރު ހުންނެވި، ކުރީގެ ކުޅުންތެރިޔާ، އިސްމާއިލް ލަތީފް (ޖީކޭ ލަތީފް)އާ ބައްދަލުވި ކަމަށެވެ.

އެ ގޮތުން ކުޅިވަރަށް ހިދުމަތްތަކެއް ކޮށްދޭނެ ކުޅިވަރުގެ ވިސްނުމުގެ މީހެއް އިންވެސްޓް ކުރަން ހުރުމުން އޭގެ ޝައުގުވެރިކަން ހުރިކަން ޖީކޭ ލަތީފާ އެކު އެރޭ ދެކެވުނު ވާހަކައިގެ ތެރެއިން އަލީ ނިޔާޒް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު އެހީ ވިކްޓަރީ ކޮބާހޭ، ވިކްޓަރީ ކުރިއަށް ގެންދަން ކުރެވޭނެ ކަމެއް ބަލަން. ފުރަތަމަ އުޅުނީ ހުޅުމާލެއިން ޓީމެއް ނެރެން. އެކަމަކު، އަޅުގަނޑު ބުނިން އެބައޮތޭ 50 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ކުޅިވަރަށް ހިދުމަތް ކުރި ޓީމެއް މި ވަގުތު މާލީ ހާލަތުގެ ގޮތުން ދެ ވަނަ ޑިވިޝަނުގައި،،" ވިކްޓަރީގެ މިހާރު މި އޮތް ލީޑަޝިޕްގެ ފެށުން އައި ގޮތަށް އިޝާރާތް ކުރައްވައި އަލީ ނިޔާޒް ވިދާޅުވި އެވެ.

"ދެން، ދިމާވީ މުހައްމަދު އާދަމްއާ ޅ. ހިންނަވަރުން. އަޅުގަނޑު ބުނީ މުހައްމަދު އާދަމް ގާތުގައި ފަންޑް ކުރާނެ ކުޅިވަރުގެ އިންޓަރެސްޓް ހުރި މީހެއް އެބަހުއްޓޭ، ވިކްޓަރީގެ ކަންކަން ހުރި ހިސާބެއް ބަލާލައިދޭށޭ. މުހައްމަދު ގެނައި، ވިކްޓަރީގެ ދަރަންޏާ ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު އޮތީ އަށް ލައްކައެއްހާ ރުފިޔާ. އެ ހިސާބުން އަޅުގަނޑު ބެލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ އެހީގައި މިކަން ކުރަން،"

ވިކްޓަރީ ޓީމުގެ މެނޭޖްމަންޓާއި ކުޅުންތެރިން މިރޭ އެކުގައި ނަގާފައިވާ ފޮޓޯއެއް.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސަސްޕެންޝަނުން އެނބުރި އައުމެކޭ އެއްވަރަށް ވިކްޓަރީ އަލުން ފުރަތަަމަ ޑިވިޝަނަށް ގެންދަން ކުރާ މަސައްކަތް ވެސް ހަލުވި ދުވެއްޔެއްގައި ކުރަން ބޭނުންވާތީ ބަޖެޓެއް ހެދީ ދެ ކަމަށް އެކީގައިވާ ވަރަށެވެ.

ބަޖެޓެއް ތައްޔާރުކޮށް ހެޔޮއެދޭ ފަރާތަށް ހުށަހެޅުމުން ކުރިއަށް ދިއުމުގެ ފެހި ސިގްނަލް ލިބުމުން އަލީ ނިޔާޒާ އެކު އޮތް ވިކްޓަރީގެ ޓީމުން ދެން، ބެލީ އެ މަސައްކަތުގައި އުޅޭ ވިކްޓަރީގެ ކުރީގެ އެހެން ފަރާތްތަކާ ގުޅުމަށެވެ. މިއީ، މި ވަގުތު ބޯޑު މެމްބަރުންގެ ގޮތުގައި ތިބި، ކުރިން ވެސް ވިކްޓަރީގެ އެކި މަސައްކަތްތަކުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި އަހުމަދު އަރީޝް (ޕަޓޭ) އާއި އަހުމަދު ރިޔާޒް (ގާނާ)އާ ވިކްޓަރީގެ މި ފަހަރުގެ ލީޑަޝިޕާ އެކު މަސައްކަތުގައި ބައްދަލުވި ހިސާބެވެ.

"އެހެންވެ، ދެ ބައި މީހުން އެކުގައި މަސައްކަތް ފަށައިގެން މިދިޔަ ރޯދަ މަހުން ފެށިގެން ގަވާއިދުން މަސައްކަތް ކުރަމުން އައިސް، ކުރިން އޮތް ބޯޑު ވެސް ކްލަބް އެނބުރި އަންނަން ބޭނުންވާތީ އިންތިހާބަކަށް ދާން ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިން،" އަލީ ނިޔާޒް ވިދާޅުވި އެވެ.

"އާ ބޯޑެއް އެކުލަވާލުމުގައި ޗެއާމަނަކަށް އަޅުގަނޑު އައުމަށް ވެސް ހުށަހެޅުމެއް ލިބުނު، އަޅުގަނޑަށް ވެސް އަޅުގަނޑުމެންގެ ތެރޭގައި ބޯޑުގައި ތިބި މީހުންނަށް ވެސް ގަބޫލުކުރެވުނީ ކްލަބްގެ ވަރަށް ގިނަ މީހުން ދަންނަ، ކުރިން ބޯޑުގައި ވެސް މަސައްކަތްކުރި ސީދާ ގަލޮޅަށް ނިސްބަތްވާ މީހަކު މި ވަގުތު ކްލަބްގެ ޗެއާމަނަކަށް ހުރުމަކީ މުހިންމު ކަމެކޭ. އެހެންވީމަ އަޅުގަނޑު، ފަަހަތަށް ޖެހިލާފައި ވިސްނީ އާދަމްބެ އަކީ އެ މަގާމަށް މި ވަގުތު އެންމެ ރަނގަޅު މީހާއޭ،"

ވިކްޓަރީގެ މިހާރު އޮތް ބޯޑުން މަސައްކަތުގައި ރަސްމީކޮށް އުޅެން ފެށުނު ފުރަތަމަ ދުވަހު ވެސް ނިންމީ އޮނިގަނޑެއްގެ ތެރެއިން ކްލަބް ހިންގަން ޖެހޭނެ ކަމަށެވެ. ވަކިވަކި ބަޔަށް ބަހައި އެކި މީހުންގެ ޒިންމާތައް ހަވާލުކޮށްގެން ކުރިއަށް ގެންގޮސްގެން ނޫން ގޮތަކަށް ބޭނުންވާ މިސްރާބަށް ނުދެވޭނެ ކަމަށެވެ. އެ ވިސްނުމުގައި ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އަކަށް ގެންނަން ނިންމީ، ކްލަބް މޯލްޑިވްސްގެ އިސް ހިންގުންތެރިޔާ، މޫސާ ރަމީޒް (ރަމީ) އެވެ.

ރަމީގެ މަސައްކަތް މިހާރު އޮތް ބޯޑުން ވަރަށް ބޮޑަށް ފާހަގަކުރެ އެވެ.

"ރަނގަޅު ސްޓްރަކްޗަރެއްގެ ތެރެއިން އަޅުގަނޑުމެންގެ މި ދައުރުގައި ދިވެހި ރާއްޖޭގެ ކުޅިވަރުގެ ޔޫތު ޑިވެލޮޕްމަންޓަށް، ކުޅިވަރު ތަރައްގީ އަށް މަސައްކަތް ކުރެވޭނެ ކަންތައްތައް ކުރާނަން. އެކަމަކު، މި ވަގުތަށް އިސްކަން ދިނީ ވިކްޓަރީ އޮތް އަޑިގަނޑުން އަރައިގަނެ، ފުރަތަމަ ޑިވިޝަނަށް ދިއުން،" މި ވަގުތަށް އެންމެ މުހިންމު ޓާގެޓެއްގެ ގޮތުގައި އޮތް ކަންތަކަށް އިޝާރާތްކޮށް، އަލީ ނިޔާޒް ވިދާޅުވި އެވެ.

ވިކްޓަރީން ވަނީ މިރޭގެ އިވެންޓްގައި އެ ކްލަބްގެ ރަސްމީ ވެބްސައިޓް ވެސް ލޯންޗްކޮށްފަ އެވެ.

ވިކްޓަރީގެ ޕްރެކްޓިހުގެ ތެރެއިން، އާއްކޮ (ކ) އާއި ސަޑޭ އަދި ބޯވަ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް ގެންގޮސްދިނުމުގެ ޒިންމާ ހަވާލުކޮށްފައި އޮތީ، ކުރިން ރާއްޖޭގައި ކުުޅެ، ކޯޗިންގެ މަސައްކަތް ވެސް ކޮށްފައިވާ ޕަކީރު އަލީ އެވެ. ލަންކާ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފައިވާ، ޕަކީރު އަލީ ކޯޗަކަށް ގެނެސް ވިކްޓަރީން ވަނީ ބިދޭސީ ހަތަރު ކުޅުންތެރިންނާއި ރަނގަޅު ލޯކަލް ކުޅުންތެރިންނާ އެކު ޓީމެއް އެކުލަވާލައިފަ އެވެ.

ވިކްޓަރީގައި ތިބި ލޯކަލް ކުޅުންތެރިންގެ ތެރޭގައި ކުރިން ގައުމީ ޓީމަށް ކުޅެފައިވާ ހަސަން އަދުހަމް (ސަޑޭ) އާއި އަހުމަދު އިމާޒް (އާއްކޮ) ހިމެނެ އެވެ. މީގެ އިތުރުން ވެސް ރާއްޖޭގެ ފުޓްބޯޅައިގެ އެކި ޑިވިޝަންތަކުގައި ކުޅެފައިވާ ހުނަރުވެރި ކުޅުންތެރިން އެބަތިބި އެވެ.

އަލީ ނިޔާޒް ވިދާޅުވީ މި ވަގުތު ވިކްޓަރީގައި އޮތް ސްކޮޑަށް ފުރަތަމަ ޑިވިޝަނަށް އެރޭނެ ކަމަށެވެ. ވިކްޓަރީން ޅ. ހިންނަވަރުގައި 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރިކަން ފާހަގަކޮށް އަލީ ނިޔާޒް ވިދާޅުވީ ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަނުގައި ވެސް މި ވަގުތު އޮތީ ކޭމްޕެއް މި ގޮތަށް ޖެހުނު މަދު ޓީމެއް ކަމަށާއި އެހެންވެ، މިހާރު އޮތް ވިކްޓަރީ ޓީމާ މެދު އުންމީދު އެބައޮތް ކަމަށެވެ.

"އެކަން (ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވެވޭނެ) ކުރެވޭނެ، އެއްބައިވަންތަކަން ވިކްޓަރީގެ މި އޮތް ޓީމުން އެބަފެނޭ. ވިކްޓަރީއާ އެއްވަރަށް ދެ ވަަނަ ޑިވިޝަނަށް ތައްޔާރުވި ޓީމެއް ނެތް،" އަލީ ނިޔާޒް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ، ވިކްޓަރީ، ވިކްޓަރީގެ އެ ނަމުގައި ބުނާގޮތަށް ކާމިޔާބު ކްލަބަކަށް ހެދުމަށް އަޅުގަނޑުމެންގެ މެނޭޖްމަންޓް ޓީމުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި މަސައްކަތް ކުރާނަން،"

ދެ ވަނަ ޑިވިޝަނުގައި ވިކްޓަރީ ކުޅޭ ފުރަތަމަ މެޗުގައި މާދަމާރޭ ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް ކްލަބާ އެވެ. ދެން މި ގްރޫޕްގައިި މުބާރާތް ފެށިއިރު އޮތީ، ނިއު ރޭޑިއަންޓާއި މަހިބަދޫ ސްޕޯޓްސް ކްލަބް، ކްލަބް އޯވަންއޯ، އެލްޓީ ސްޕޯޓްސް، ކްލަބް ޓީނޭޖް އަދި ލޮރެންޒޯ ސްޕޯޓްސް ކްލަބް އެވެ. މީގެ ތެރެއިން ކްލަބް އޯވަންއޯ ވަނީ މުބާރާތުން ވަކިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox