ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެ ގައުމުން ފިއްލަވައިގެން އަސްކަރީ މަތިންދާބޯޓެއްގައި އިއްޔެ ދަންވަރުގެ ވަގުތެއްގައި ދިވެހިރާއްޖެއަށް ވަޑައިގަތުމުން ދިވެހި ސަރުކާރަށް ވަރަށް ގިނަ ފާޑުކިޔުންތަކާއި ނުރުހުން ވަނީ އަމާޒުވެފަ އެވެ.
ސްތިއުފާ ދެއްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ، އިގްތިސާދު އިނދަޖެހިފައިވާ ސްރީ ލަންކާގެ ރައީސް ރައީސް ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ އިއްޔެ ދަންވަރު 2:50 ގަ އެވެ. އޭގެ ގަޑިއެއްހާއިރު ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުޅުލެއިން ވަނީ ފެނިފަ އެވެ.
"ގޮތަބަޔާ ރާއްޖެ ވަޑައިގަތުމަށް ސްރީ ލަންކަން އެއާފޯސްގެ އުޅަނދެއް ހަމަޖައްސާފައި ވަނީ ރައީސަށް ލިބިފައިވާ ބާރުގެ ދަށުން އަދި ޑިފެންސް މިނިސްޓްރީގެ ހުއްދައާއެކު،" ލަންކާގެ އެއާފޯސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި ގޮތަބަޔާ ރާއްޖެ ވަޑައިގަތުމުގެ ކަންކަން ހަމަޖެއްސެވުމަށް ނަޝީދު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ. ގޮތަބަޔާ ވަޑައިގެންނެވި އަސްކަރީ ބޯޓު ހުޅުލެއަށް ޖެއްސުމުގެ ހުރިހާ އިންތިޒާމްތައް ހަމަޖެއްސީ ސަރުކާރުންނެވެ.
"މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި، ގޮތަބަޔާ ފިއްލެވުމަށް އެހީތެރިވަޑައިގަންނަވަނީ ހެޔޮ ވެރިކަމަށް ވަކާލާތު ކުރައްވާ ކަމަށް ވިދާޅުވާ މުހައްމަދު ނަޝީދު. ސްރީ ލަންކާ ރައްޔިތުންނަށް އިންސާފު ކޮބައިތޯ؟ އެތައް މިލިއަން ބައެއް ދަތިހާލުގައި ޖެއްސި ގޮތަބަޔާއަށް އަމާން ވެއްޓެއް ހޯއްދަވައިދެއްވީ ކީއްވެގެންތޯ؟،" ލަންކާގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ޝިހާރު އަނީސް އޭނާގެ ޓުވިޓާ އެކައުންޓުގައި ލިޔެފައިވެ އެވެ.

އެންޓޮނޯވް-32 މަރުކާރުގެ އަސްކަރީ ބޯޓެއްގައި ގޮތަބަޔާ އާއި އޭނާގެ އަނބިކަނބަލުން އަދި ބޮޑީގާޑުންނާއެކު ޖުމްލަ ހަތަރު މީހުން ރާއްޖެ ވަޑައިގެންނެވީ އިންޑިއާއަށް ޖެއްސުމުގެ ހުއްދަ ނުލިބުމުންނެވެ. އަދި ރާއްޖެ ވަޑައިގެންނެވީ ޑުބާއީއަށް ފުރަން މަސައްކަތް ކުރުމަށްފަހު އެވެ.
ނަޝީދަކީ ސްރީ ލަންކާއަށް ބޭރުގެ އެހީ ހޯދުމަށް އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހެ ކަނޑައަޅާފައި ހުންނެވި ސަފީރެކެވެ. އަދި މީގެ ކުރިން ރާއްޖޭގެ ސަރުކާރުން ނަޝީދު ހައްޔަރު ކުރަން އުޅުމުން ކޮޅުނބުގައި އަރުވާލެވިގެން ހުންނެވި އެވެ.
އެކަމާ ގުޅޭ ގޮތުން މި ނޫހުން އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް އަދި އެމަނިކުފާނުގެ އޮފީހުގެ މީޑިއާ ޑިޕާޓްމަންޓުގެ ބޭފުޅުންނަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނު ނުނަންގަވާތީ ކޮމެންޓެއް ނުލިބުނެވެ. އަދި މި ނޫހުން ރައީސް ނަޝީދަށް ގުޅުމުން އަދި މެސެޖު ކުރުމުން ވެސް ޖަވާބެއް ނުދެއްވާތީ އެމަނިކުފާނުގެ ކޮމެންޓެއް ވެސް ނުލިބެ އެވެ. ސިފައިންގެ މީޑިއާ ޑިޕާޓްމަންޓުން ވެސް މިހާތަނަށް ފޯނެއް ނުނަގަ އެވެ. ފޮރިން މިނިސްޓްރީން އެކަމާ ގުޅޭ ގޮތުން އެއްޗެއް ނުބުންޏެވެ.
އިއްޔެ އިން ފެށިގެން ސްރީ ލަންކާގެ ރައްޔިތުންގެ އިތުރުން ރާއްޖޭގެ ފުންނާބު އުސް ވަރަށް ގިނަ ބޭފުޅުން ވެސް ދަނީ ގޮތަބަޔާއަށް ރާއްޖެއިން ހިމާޔަތް ދިނުމުން އެކަމަށް ފާޑުކިޔަމުންނެވެ.
"ހަނގުރާމައިގެ ކުށްތަކަށް އަރައިގަނެފައިވާ މީހުންނަށް ރާއްޖެއިން އަމާންވެއްޓެއް ގާއިމްކޮށްނުދޭނެ ކަމަށް އުއްމީދު ކުރަން،" ކުރިން ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. އަހުމަދު ޝަހީދު ސޯޝަލް މީޑިއާގައި އިއްޔެ ވިދާޅުވެފައިވެ އެވެ.
ގޮތަބަޔާ ރާއްޖެ ވަޑައިގެންފައި މި ވަނީ މިދިޔަ ހޮނިހިރު ދުވަހު އޭނާގެ ގެކޮޅަށް ލަންކާގެ އާންމުން ވަދެގަތުމުގެ ކުޑަ އިރުކޮޅެއް ކުރިން ފިއްލެވުމަށްފަހު އެވެ. އާންމު ރައްޔިތުން އަދިވެސް ތިބީ ގޮތަބަޔާގެ ގެކޮޅުގަ އެވެ.
ހުންނެވީ އިތާފުށި ރިސޯޓުގައި، ވަޑައިގަންނަވާނީ ސިންގަޕޫރަށް!
ލަންކާގެ ނިއުސްކަޓާ ނޫހުން ރާއްޖޭގެ މަސްދަރުތަކަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ގޮތަބަޔައަށް ސިންގަޕޫރުން ހިމާޔަތް ވަނީ ދީފަ އެވެ. ނަމަވެސް މި މައުލޫމާތު އަދި ކަށަވަރެއް ނޫނެވެ. މިހާތަނަށް ސިންގަޕޫރުު ސަރުކާރުގެ އެއްވެސް މަސްދަރަކުން މިކަމާ ގުޅޭ މައުލޫމާތެއް ނުލިބެ އެވެ.
ގޮތަބަޔާ އެންމެ ފުރަތަމަ ވަޑައިގަންނަވަން ބޭނުންވެވަޑައިގެންނެވީ ޑުބާއީއަށް ކަމަށްވެ އެވެ. ނަމަވެސް ވީއައިޕީން ފުރަން ހުއްދަ ނުދީ، އާންމުންނާއެކު ވަޑައިގަންނަވަންޖެހޭނެކަން އެނގިވަޑައިގަތުމުން މަޑުކުރެއްވީ ކަމަށްވެ އެވެ. އެގޮތަށް މަޑުކުރެއްވުމުގެ ސަބަބުން ޑުބާއީއަށް ފުރި ހަތަރު ފްލައިޓު އެމަނިކުފާނަށް ނޭރުނު ކަމަށްވެ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން އިއްޔެ "އަދަދު"އަށް ކަށަވަރުވެފައިވާ ގޮތުގައި ގޮތަބަޔަ މަޑުކުރައްވަނީ ދެކުނު މާލެ އަތޮޅުގައި އޮންނަ އިތާފުށި ރިސޯޓުގަ އެވެ.
އެ ރިސޯޓުގައި އެމަނިކުފާނު ހުންނަވާތީ، އެ ރިސޯޓުގެ މުވައްޒަފުން ހިތްހަމަނުޖެހުން ފާޅުކުރާ ކަމަށް ވެސް އިތުބާރުހުރި ފަރާތަކުން "އަދަދު"އަށް ވަނީ ޔަގީންކަންދީފަ އެވެ.
ރާއްޖެއާ މެދު ނުރުހުން ފާޅުކުރުމަށް މުޒާހަރާ
ލަންކާގެ ރިޔާސީ ގަނޑުވަރު ކައިރީގައި މުޒާހަރާ ފަށާފައިވާއިރު, މުޒާހަރާގެ ބައިވެރިން ގެންދިޔައީ ގޮތަބަޔާ ރާއްޖޭން ހިމާޔަތް ދިނުމުން އެކަމާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި, ގޮތަބަޔާ ވީއެންމެ އަވަހަކަށް ރާއްޖެ އަނބުރާ ފޮނުވާލުމަށް ވެސް އިއްޔެގެ މުޒާހަރާގައި ގޮވާލާފައިވެ އެވެ.
އޭގެ އިތުރުން، ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުންނާއި ބައެއް ދިވެހިން ވެސް ވަނީ އިއްޔެ އަލިމަސް ކާނިވާ ސަރަހައްދުގައި މުޒާހަރާކޮށް އަޑު އުފުލާފަ އެވެ.
ލަންކާގެ މީހުންނާއެކު ބައެއް ދިވެހިން ވެސް ބައިވެރިވި އެ މުޒާހަރާ ފެށިތާ މާގިނައިރެއް ނުވެ ފުލުހުން އެ މުޒާހަރާ ރޫޅާލި އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިވާ 50 ނުވަތަ އެއަށްވުރެ ގިނަ ލަންކާގެ ރައްޔިތުން ހިފައިން ހުރި ފޮތިގަނޑުތައް ފުލުހުން ވަނީ އަތުލައިފަ އެވެ.
މުޒާހަރާގެ ބައިވެރިން މާލޭ ތެރޭ އަޑު އުފުލަން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް, ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވާފަ އެވެ. އެމީހުން ގޮވަމުން ދަނީ ގޮތަބަޔަ ރާއްޖޭން ބޭލުމަށެވެ.
ކާނިވާ ސަރަަހައްދުގައި މަޝްރަހު ހޫނުވެ އެކަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެތަނުގައި ތިބި މި ނޫހުގެ ނޫސްވެރިން ބުނި ގޮތުގައި ހައްޔަރުކޮށްފައިވަނީ ލަންކާ ފިރިހެނެކެވެ. އެމީހާ ހައްޔަރުކުރުމާއެކު މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެހި, އިހުތިޖާޖު ނިންމާލި އެވެ.
ބައެއް މުހިންމު ހަބަރުތައް
- އިގުތިސޯދީ ބޮޑު ތަދުމަޑުކަމެއްގެ ތެރޭގައި އޮތް ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސް ރާއްޖެ އެތެރެވާން ހުއްދަ ދިން މައްސަލައިގައި ރާއްޖޭގައި ދިރިއުޅޭ ރައްޔިތުން ނުރުހުންވެ އަލިމަސް ކާނިވާ ސަރަހައްދުގައި މުޒާހަރާކުރީ އިއްޔެ އެވެ.
- ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ރޭ ގައުމުން ފިއްލަވަން ރާއްޖެއަށް ވަޑައިގެންނެވުމާއެކު އެގައުމުގައި ފެށުނު މުޒާހަރާތައް ހޫނުވެ، އެއްބަޔަކު ބޮޑުވަޒީރު އަދި ވަގުތީގޮތުން ވެރިކަމުގައި މިވަގުތު ހުންނެވި ރަނިލް ވިކްރަމްސިންހަގެ އޮފީހަށް ވަނީ އިއްޔެ އެވެ.
- ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެ ގައުމުން ފިއްލަވައިގެން އަސްކަރީ މަތިންދާބޯޓެއްގައި ރޭ ދަންވަރުގެ ވަގުތެއްގައި ރާއްޖެއަށް ވަޑައިގަތުމުގައި ދިވެހި ސަރުކާރުގެ ބައިވެރިވުން އޮތް ގޮތް ސާފުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސާއަށް ހިމާޔަތް ދިނުމާ ގުޅިގެން އަޑު އުފުލުމަށް ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުން ބޭއްވި މުޒާހަރާގެ ބައިވެރިޔަކު ބުނީ:
އަހަރުމެން ބޭނުންވަނީ ގޮތަބަޔަ އަނބުރާ ގައުމަށް ފޮނުވާލަން. ގައުމަށް ގޮސް ރައީސް ކަމުން އިސްތިއުފާ ދީފަ ދެން ކޮންމެ ގޮތަކަށް އުޅުނަސް އަހަރުމެންނަށް ހެޔޮ. ގޮތަބަޔަ އަށް ރާއްޖެއަކު ނުހުރެވޭނެ. އަހަރުމެން ގައުމު މީހުން ގައުމުގަ މަރުވާން ދޫކޮށްލާފަ އެހެން ނުހުރެވޭނެ،
ދުވަހުގެ ފޮޓޯ

އިގުތިސޯދީ ބޮޑު ތަދުމަޑުކަމެއްގެ ތެރޭގައި އޮތް ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސް ރާއްޖެ އެތެރެވާން ހުއްދަ ދިން މައްސަލައިގައި ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުން އިއްޔެ މުޒާހަރާކުރަނީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު












