އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން ހިންގުމަށް ފަހު ހުއްޓާލާފައި ހުންނަތާ އަހަރެއް ވެފައިވާ، އައްްޑޫ ފްލައިން ސްކޫލްގައި ޕައިލަޓުން ތަމްރީނުކުރުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.
އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެެންޔޫ) ގުޅިގެން އުފެއްދި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ (އެމްއޭއޭ) އިން މިއަދު ބުނީ އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ އުދުހުމުގެ ތަމްރީނުތައް އަހަރެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހު މިއަދު އަލުން ފަށާފައިވާ ކަމަށެވެ.
"އަހަރަކަށް ވުރެ ގިނަ ދުވަސްވަންދެން އުފުލި ބުރައަށް ފަހު، މި ދަރިވަރުން، އެންމެ ފަހުން މިވަނީ ޕްރޮފެޝަނަލް ޕައިލަޓުންނަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ މަގުމަތީގައި،" އުދުހުމުގެ ތަމްރީނުތައް ފެށި ދަރިވަރުންގެ ފޮޓޯއާ އެކު އެމްއޭއޭ އިން ކުރި ޓްވީޓެއްގައި ބުންޏެވެ.
އައްޑޫ ފްލައިން ސްކޫލް ހިންގުމަށް ޓަކައި އެމްއޭއޭ އުފެއްދީ އެތަން ކުރިން ހިންގި އޭއޭއޭ އިން އުދުހުމުގެ ތަމްރީނުތައް ނުބޭއްވުމުގެ ސަބަބުން ދަރިވަރުންގެ ކޯސްތައް ނުނިމި ދިގުލައިގެން ދިއުމުންނެވެ. އައްޑޫ ފްލައިން ސްކޫލް ހިންގަން އޭއޭއޭ އާ އެކު ވެފައިވާ އެއްބަސްވުން ސަރުކާރުން އުވައިލި އިރު، ޕައިލަޓް ޓްރޭނިންގެ އެންމެ ފަހު މަރުހަލާގައިވާ 85 ދަރިވަރަކު ތިއްބެވެ. އުދުހުމުގެ ތަމްރީންތައް މިއަދު ފެށީ އެ ދަރިވަރުންގެ ތެރެއިން، ރާއްޖޭން ބޭރުގެ ފްލައިން ސްކޫލްތަކަށް ނުގޮސް ތިބި ދަރިވަރުންނެވެ.













