ޓްވިޓާ ގަންނަން ހުށަހަޅާފައިވާ 44 ބިލިއަން ޑޮލަރުގެ ބިޑު އަނބުރާ ގެންދިޔުމަށް ޓެސްލާގެ ސީއީއޯ އިލޮން މަސްކު ނިންމާފައިވާތީ އޭނާ ގޮވައިގެން ކޯޓަށް ދާނެ ކަމަށް ޓްވިޓާގެ މެނޭޖުމަންޓުން ހާމަކޮށްފި އެވެ.
ދެ ފަރާތުން ވެސް މީގެކުރިން އޮތީ މި ބިޑުގެ ދަށުން އެ ވިޔަފާރި މުއާމަލާތް ފުރިހަމަކުރުމަށް އެއްބަސްވެފަ އެވެ. ނަމަވެސް، އެގްރީމެންޓުގައި ހިމެނޭ ވަރަށް ގިނަ ކަންކަމާއި ޓްވިޓާއިން ހިލާފުވެފައިވާ ކަމަށް ބުނެ މަސްކު ވަނީ އެ ބިޑު އަނބުރާ ގެންގޮސްފަ އެވެ.
އެގޮތުން، މައުލޫމާތު ހިއްސާ ނުކުރުމަކީ އެގްރީމެންޓާ ހިލާފު ކަމެއް ކަމަށާއި ބޮޓް އެކައުންޓުތަކާ ބެހޭ މައުލޫމާތު ނުދޭނަމަ ބިޑު އަނބުރާ ގެންދިޔުމުގެ ހުރިހާ ހައްގެއް އޮތް ކަމަށް މަސްކު ވަނީ ޓްވިޓާއަށް ސިޓީއެއް މެދުވެރިކޮށް މީގެކުރިން އަންގާފަ އެވެ.
މަސްކަށް ޓްވިޓާ ވިއްކާލުމަށް އެކުންފުނިން މައުލޫމާތު އޮޅުވާލާފައިވާ ކަމަށް އޭނާގެ ވަކީލުން ތުހުމަތު ކުރެ އެވެ.
އޭގެ އިތުރުން، އެ ކުންފުނީގެ އިސް މުވައްޒަފުންތަކެއް ވަކިކޮށް ހުނަރު ދެނެގަންނަ ޓީމުގެ ވެސް އެތައް ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މަސްކުގެ ވަކީލުން ބުނެ އެވެ.
ޓްވިޓާގެ މިހާރުގެ މެނޭޖުމަންޓުން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭ ކޯޓުގައި މައްސަލަ ފަށައި ވަކި ގޮތެއް ނިމިގެންދާނެ އެވެ.
މަސްކުގެ މި ނިންމުމާ އެކު ޓްވިޓާގެ ހިއްސާއެއްގެ އަގު 36 ޕަސެންޓު ދަށްވެ 34.58 ޑޮލަރަށް ވަނީ ވެއްޓިފަ އެވެ. މަސްކު ހުށަހެޅީ ހިއްސާއަކަށް 54.20 ޑޮލަރެވެ.
މިވަގުތު ވެސް ޓްވިޓާގެ 9.6 ޕަސެންޓު ހިއްސާ އޮތީ މަސްކުގެ ބެލުމުގެ ދަށުގަ އެވެ. އޭނާއަކީ އެ ކުންފުނީގެ ދެވަނައަށް އެންމެ ބޮޑު ހިއްސާދާރެވެ. މަސްކަކީ ތެދު މައުލޫމާތު ހާމަކުރުމަށް ވަރަށް ބޮޑަށް ތާއިދުކުރާ މީހެކެވެ. އޭނާ ޓްވިޓާ ގަންނަން ވެސް ބޭނުންވަނީ ބޮޓު އެކައުންޓުތައް ނައްތާލުމަށެވެ.








