ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ މިއަދު ހެނދުނު ޕޯޑިއަމެއް ކައިރީގައި ވާހަކަ ދައްކަވަން ހުއްޓައި މީހަކު އޭނާގެ ހަށިކޮޅަށް ފަހަތުން ބަޑިޖެހުމާ ގުޅިގެން، ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެމަނިކުފާނު އަވަހާރަވެއްޖެ އެވެ.
ޖަޕާނުގައި އެންމެ ގިނަ ދުވަސް ވަންދެން ބޮޑުވަޒީރުގެ މަގާމު އަދާކުރެއްވި އަބޭގެ، 67 ހަށިކޮޅަށް ޝޮޓްގަންއަކުން ބަޑިޖެހީ ފަހަތުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޖަޕާނުގެ އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، އެ ހަމަލާ އަމާޒުވީ އަބޭގެ ކަރުގެ ވައަތް ފަރާތަށެވެ. އެއާއެކު އެމަނިކުފާނު ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންދެވި، ފަރުވާދޭން ފަށައިފަ އެވެ.

ނަމަވެސް، ލިބުނު ގެއްލުންތަކަށް ފަރުވާދެމުންދަނިކޮށް، އެމަނިކުފާނު އަވަހާރަވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ނިއުޔޯކް ޓައިމްސް އިން ބުނެފައި ވަނީ ޖަޕާނުގެ ފުލުހުން އެ މައްސަލައިގައި ޓެޓްސޫޔާ ޔަމަގާމީ ނަމަކަށް ކިޔާ 42 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަބޭ މިއަދު ހެނދުނު ބައިވެރިވެވަޑައިގެންފައި ވަނީ ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހަށް ވާދަ ކުރައްވާ ކެއި ސޭޓޯ، 43، ގެ ކެމްޕެއިން ހަރަކާތެއްގަ އެވެ. އާންމުންގެ މެދުގައި މިހާރު ވެސް މަގުބޫލު އަބޭ ކެމްޕެއިން ކުރައްވަމުން ގެންދަނީ ލިބަރެލް ޑިމޮކްރެޓިކް ޕާޓީއަށެވެ.
އަބޭ ބޮޑުވަޒީރުކަން އެންމެ ފުރަތަމަ ކުރެއްވީ 2006 ފެށިގެން 2007 ވަނަ އަހަރާ ހަމައަށެވެ. އަދި ފަހުން 2012 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވި އެވެ. އިސްތިއުފާ ދެއްވީ މަގާމުގައި ހުންނެވުމަށް ސިއްހީ ހާލަތު ތަންނުދޭ ކަމަށް ވިދާޅުވެ އެވެ.
އަބޭއަކީ ޖަޕާނުގެ މުއްސަނދި، ޖަޕާނުގެ ސިޔާސީ ދާއިރާގައި އިސް ރޯލެއް އަދާ ކުރެއްވި އާއިލާއެއްގެ ބޭފުޅެކެވެ. އޭނާގެ ބައްޕައަކީ ކުރީގެ ފޮރިން މިނިސްޓަރެކެވެ. އަދި އާއިލާގެ ބޭފުޅަކު ވަނީ ކުރީގައި ޖަޕާނުގެ ޕްރިމިއާގެ މަގާމުގެ ވެސް އަދާ ކުރައްވައިފަ އެވެ.










