މެލޭޝިއާގައި މިހާރު ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ސީރީސްގައި މިއަދު ކުޅުނު މެޗުން ތައިލެންޑް އަތުން 41 ލަނޑުން މޮޅުވެ، ރާއްޖޭން ފައިނަލުގެ އުންމީދު ދަމަހައްޓައިފި އެވެ.
ރާއްޖެ އަށް ފައިނަލަށް ދިއުމުގެ އަމިއްލަ ބާރެއް ނެތެވެ. ރާއްޖެ އަށް ފުރުސަތެއް އޮތީ މާދަމާ މެލޭޝިއާ އަތުން މޮޅުވެ، ލީގު ބުރުގެ ފަހު މެޗުގައި ތައިލެންޑުން ބޫޓާން ބަލިކޮށްގެންނެވެ. ކޮންމެ ޓީމެއް އެއް ޓީމެއް އަނެއް ޓީމަކާ ދެ ފަހަރު ކުޅެ، އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށް އޮތްއިރު، ރާއްޖެ މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ ތައިލެންޑް ދެ މެޗުންނެވެ.
ކުއަޑްރަންގިއުލާ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ މެލޭޝިއާ އިން ވަނީ ހޯދައިފަ އެވެ. މެލޭޝިއާ އިން ވަނީ ކުޅުނު ފަސް މެޗުން މޮޅުވެ، 10 ޕޮއިންޓް ހޯދައިފަ އެވެ. ފަސް މެޗުން ހަ ޕޮއިންޓާ އެކު ބޫޓާން ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި ފަސް މެޗުން ހަތަރު ޕޮއިންޓާ އެކު އޮތީ ރާއްޖެ އެވެ. ފުލުގައި އޮތް ތައިލެންޑުން ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

ތައިލެންޑާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަން
ތައިލެންޑުން ޓޮސް ދިމާވުމުން ގަސްދުކުރީ އުކުމަށެވެ. ރާއްޖޭން ކުޅެން އަރައި، 19.3 އޯވަރުގެ ތެރޭގައި 10 ކުޅުންތެރިން ނުބައިވެގެން ހެދުނީ 97 ލަނޑެވެ. އެންމެ ސްކޯރިން ރަނގަޅީ ޓީމުގެ ކެޕްޓަން، ޔޫސުފް އަޒްޔާން ފަރުހަތު އެވެ. އަޒްޔާން ވަނީ 24 ލަނޑު އެއްކޮށްފަ އެވެ. އަދި ރާއްޖޭގެ އަހުމަދު ހަަސަން ވަނީ 18 ލަނޑު އެއްކޮށްފަ އެވެ.
ޖަވާބުގައި ތައިލެންޑުން ކުޅެން އަރައި، 16.5 އޯވަރުގެ ތެރޭގައި 10 ކުޅުންތެރިން ނުބައިވެގެން ހެދުނީ 41 ލަނޑެވެ. ރާއްޖޭގެ އަޒްޔާން ވަނީ، ތައިލެންޑް އަތުން ހަތަރު ވިކެޓް ނަގައިފަ އެވެ. އަދި ވައިސް ކެޕްޓަން، އާދަމް ނާސިފް އުމަރު އާއި އިބްރާހިމް ރިޒާން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަޒްޔާން އެވެ.
ކުއަޑްރަންގިއުލާ ސީރީސްގައި ރާއްޖެ ފުރަތަމަ މެޗުގައި ތައިލެންޑް އަތުން ހަތް ވިކެޓުން މޮޅުވި ނަމަވެސް ދެ ވަނަ މެޗުގައި ބޫޓާން އަތުން ހަ ލަނޑުން ރާއްޖެ ބަލިވިއިރު، ފުރަތަމަ ބުރުގެ ފަހު މެޗުގައި މެލޭޝިއާ އަތުން ރާއްޖެ ބަލިވީ އަށް ވިކެޓުންނެވެ. މެލޭޝިއާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު ވިއްސާރައިގެ ސަަބަބުން ވަނީ 10 އޯވަރަށް ކުރު ކޮށްފަ އެވެ. ދެ ވަނަ ބުރުގެ ފަހު މެޗުގައި ބޫޓާނުން ރާއްޖެ ބަލިކުރީ ހަނި ފަރަގަކުން، ދެ ލަނޑުންނެވެ.












