ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީ އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
ހައި ކޯޓުގައި ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެގެން ދިޔައީ ކުރިން އެ ކޯޓުގައި ފަނޑިޔާރަކަށް ހުންނެވި އަބްދުއްރައޫފް އިބްރާހީމް މަގާމުން އިސްތިއުފާ ދެއްވުމުންނާއި ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ހަމީދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
ހައި ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ދެން އައްޔަން ކޮށްފައިވަނީ އެ ކޯޓުގައި ލީގަލް އޮފިސަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ މުހައްމަދު ސަލީމް އެވެ.
ޖޭއެސްސީން ބުނީ ދެ ފަނޑިޔާރުން ކަމަށް މި ދެ ބޭފުޅުން އައްޔަން ކުރަން ނިންމައިފައިވަނީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ކަމަށެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމިއިރު، ދީބަނާޒް ހުންނެވީ ކްރިމިނަލް ކޯޓުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި ދައުވާ އުފުލިފައިވާ މީހުންގެ މައްޗަށް ހިންގާ ޝަރީއަތް ބަލާ ގާޒީންގެ ބެންޗުގެ ރިޔާސަތުގައި ވެސް ދީބަނާޒް އިންނަވަ އެވެ.













